Roadha Mihaaru
އިންގްލެންޑްގައި ވެސް ކަލްވެޓް-ލެވިން ވިދާލައިފި

އިންގްލެންޑްގައި ވެސް ކަލްވެޓް-ލެވިން ވިދާލައިފި

09 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 9) - މި ސީޒަނުގައި މިހާތަނަށް ތަފާތު ފޯމެއްގައި ހުރި އެވަޓަންގެ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު އިންގްލެންޑުން 3-0 އިން ވޭލްސް ބަލިކޮށްފި އެވެ.

ލަންޑަން (އޮކްޓޫބަރު 9) - މި ސީޒަނުގައި މިހާތަނަށް ތަފާތު ފޯމެއްގައި ހުރި އެވަޓަންގެ ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ގޯލާ އެކު އިންގްލެންޑުން 3-0 އިން ވޭލްސް ބަލިކޮށްފި އެވެ.

ކުރިއަށް އޮތް ނޭޝަންސް ލީގުގެ ދެ މެޗަށް ތައްޔާރުވާން ރޭ ވޭލްސްއާ ދެކޮޅަށް ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެ ޓީމުން ވަނީ ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެ ގޮތުން ކަލްވެޓް-ލެވިންގެ އިތުރުން އާސެނަލް ޓީމުގައި ތަފާތު ދައްކަމުން އަންނަ ބުކާޔޯ ސަކާ ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

އިންގްލެންޑުން ލީޑުނެގީ ރޭގެ މެޗުގެ 26 ވަނަ މިނިޓްގައި ކަލްވެޓް-ލެވިން ޖެހި ގޯލުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަަނައިގައި މި ވަގުތު އޮތް އެވަޓަން އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަލްވެޓް-ލެވިން ރޭގެ މެޗުގައި ބޮލުން ގޯލު ޖެހީ ޖެކް ގްރީލިޝް ނަގައިދިން ހުރަހަކުންނެވެ. މީގެ އިތުރުން ވެސް ކަލްވެޓް-ލެވިން އަށް ލަނޑު ޖަހަން ފުރުސަތު ލިބުނުއިރު ޖުމްލަކޮށް ބަލާއިރު މުޅި މެޗުގައި އޭނާ ރަނގަޅު ކުޅުމެކެވެ.

ރޭގެ މެޗުގައި އިންގްލެންޑްގެ އަނެއް ދެ ގޯލު ޖެހީ ކޮނާ ކޯޑީ އާއި ޑެނީ އިންގްސް އެވެ.

މި ސީޒަނުގައި އެވަޓަން ކުޅުނު މެޗުތަކުގައި ދެ ހެޓްރިކް ހަދައިފައިވާ ކަލްވެޓް-ލެވިން ރޭގެ މެޗުގައި ލަނޑު ޖެހުމާ އެކު އޭނާ ވެފައިވަނީ 1964 ވަނަ އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި ފުރަތަމަ އެވަޓަން ކުޅުންތެރިޔާ އަށެވެ. އުމުރުން 23 އަހަރުގެ ކަލްވެޓް-ލެވިން އަކީ އިންގްލެންޑް ޓީމުގައި މުސްތަގުބަލު އޮތް ކުޅުންތެރިއެއް ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވެސް ވަނީ ރޭގެ މެޗަށް ފަހު ބުނެފަ އެވެ.

"ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގައި ކަލްވެޓް-ލެވިން އަންނަނީ ރަނގަޅަށް ޑިވެލޮޕްވަމުން. މިހާރު އޭނަ އެ ހުރީ ތަފާތު ފޯމެއްގައި. އެ ރޫހުގައި ކުޅޭނަމަ އިންގްލެންޑުން އޭނަ ފެންނާނެ. އޭނަގެ ހުނަރާއި ފެންވަރާ މެދު މިހާރު ސުވާލުކުރެވޭނެ ޖާގައެއް ނެތް،" ސައުތުގޭޓް ބުންޏެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ބެލްޖިއަމުން ވަނީ އައިވަރީ ކޯސްޓާ 1-1 އިން އެއްވަރުވެފަ އެވެ. ރަޝިއާއާ ދެކޮޅަށް އެ ގައުމުގައި ސްވިޑެން ކުޅުނު މެޗުން ވަނީ 2-1 އިން މޮޅުވެފަ އެވެ.