Roadha Mihaaru
އިންގްލެންޑަށް ބޭލްގެ ވަރުގަދަ ހަމަލާއެއް

އިންގްލެންޑަށް ބޭލްގެ ވަރުގަދަ ހަމަލާއެއް

16 ޖޫން 2016

ލެންސް، ފްރާންސް (ޖޫން 16) - ވޭލްސް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭ ފެންވަރުގެ އެއްވެސް ކުޅުންތެރިޔަކު އިންގްލެންޑް ޓީމުގައި ނެތް ކަމަށް ބުނެ ޔޫރޯގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވޭލްސްގެ ފޯވާޑް ގަރެތު ބޭލް އެ ޓީމަށް ވަރުގަދަ ހަމަލާއެއް ފޮނުވާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލެންސް، ފްރާންސް (ޖޫން 16) - ވޭލްސް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭ ފެންވަރުގެ އެއްވެސް ކުޅުންތެރިޔަކު އިންގްލެންޑް ޓީމުގައި ނެތް ކަމަށް ބުނެ ޔޫރޯގައި މިރޭ އިންގްލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ވޭލްސްގެ ފޯވާޑް ގަރެތު ބޭލް އެ ޓީމަށް ވަރުގަދަ ހަމަލާއެއް ފޮނުވާލައިފި އެވެ.

ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6 ޖަހާއިރު ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ވޭލްސް އަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. އެހެންވެ މެޗުގެ ފޯރި މިހާރު ވެސް ވަނީ ގަދަވެފަ އެެވެ. ގްރޫޕްގެ ފުރަތަމަ މެޗުން އިނގިރޭސިން ވަނީ ރަޝިއާއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފަ އެވެ. ވޭލްސް މުބާރާތް ފެށީ 2-1 އިން ސްލޮވާކިއާ އަތުން ހޯދި މޮޅާއެކީ އެވެ. ރޭ މި ގްރޫޕްގެ އަނެއް މެޗުން ސްލޮވާކިއާ ވަނީ 2-1 އިން ރަޝިއާ ބަލިކޮށްފަ އެވެ.

މިއީ ވޭލްސް އާއި އިނގިރޭސިން ބައްދަލުކުރާ ނުވަ ވަނަ މެޗެވެ. ވޭލްސް އާއި އިނގިރޭސިން މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ވޭލްސް މޮޅުވީ އެންމެ މެޗަކުންނެވެ. ހަ މެޗުން އިނގިރޭސިން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ބޭލް ބުނީ އިންގްލެންޑް ކޮޅަށް ތާރީހު ބުރަވި ނަމަވެސް އެ ޓީމަށް ދުލެއް ނުދޭނެ ކަމަށެވެ. އަދި އޭނާ ބުނީ އިނގިރޭސި ޓީމު ވަރުގަދަ ނަމަވެސް ވޭލްސް އިން ޖެހިލުމެއް ނުވާ ކަމަށެވެ.

"ވޭލްސް ޓީމުގައި ހިމެނޭ 99 ޕަސެންޓް ކުޅުންތެރިން ކުޅެނީ އިނގިރޭސި ލީގުގައި. މިއީ ވެސް އެޑްވާންޓޭޖެއް. އިނގިރޭސި ޓީމުގައި މަޝްހޫރު ކުޅުންތެރިން ތިބި ނަމަވެސް އަހަރެމެންގެ ފެންވަރުގައި ކުޅެފިނަމަ މި މެޗުން މޮޅުވެވޭނެ. ތާރީހަށް ބަލާއިރު އެ ޓީމު ކުރީގައި އޮތަސް މެޗުން މޮޅުވާނީ އެ ދުވަހަކު ރަނގަޅަށް ކުޅޭ ޓީމު. ހަގީގަތުގައި އިންގްލެންޑް ޓީމުގައި ނެތް ވޭލްސްގެ ފުރަތަމަ 11 އިން ޖާހަ ހޯދޭނެ ކުޅުންތެރިއެއް،" ރެއާލް މެޑްރިޑަށް ކުޅޭ ބޭލް ބުންޏެވެ.

ވޭލްސްގެ ކޯޗު ކްރިސް ކޯލްމަން ބުނީ އެ ޓީމުގެ އަމާޒަކީ އިނގިރޭސިން ބަލިކޮށް ދެ ވަނަ ބުރުން ޖާގަ ކަށަވަރުކުރުން ކަމަށާއި އެކަން ކުރުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

އިންގްލެންޑް ކުޅުންތެރިން ވޯމްއަޕަށް ތައްޔާރުވެފައި. --ފޮޓޯ: އޭއެފްޕީ

އިންގްލެންޑް ކުޅުންތެރިން ވޯމްއަޕަށް ތައްޔާރުވެފައި. --ފޮޓޯ: އޭއެފްޕީ

އެއް ޓީމު އަނެއް ޓީމާ އަޅާކިޔަން ބޭނުމެއް ނޫން - ހޮޖްސަން

ބޭލްގެ ވާހަކަތަކަށް ރައްދެއް ހޯދުމުގެ ގޮތުން މެޗުގެ ކުރިން ނޫސްވެރިއަކު އިނގިރޭސި ކެޕްޓަން ވޭން ރޫނީއާ ސުވާލުކުރުމުން އޭނާ ބުނީ އިނގިރޭސި ޓީމަށް އަރާނެ ކުޅުންތެރިއެއް ބުނަން އެނގޭނީ ޓީމުގެ ކޯޗު ރޯއީ ހޮޖްސަން އަށް ކަމަށެވެ.

ހޮޖްސަން ބުނީ ޓީމެއްގެ ކޯޗަކަށް ހުންނައިރު މެޗުގެ ކުރިން ވާދަކުރާ ޓީމާ އަޅާ ކިޔުމަކީ އޭނާ ކުރާކަމެއް ނޫން ކަމަށެވެ.

"ވޭލްސް ކުޅުންތެރިންނަށް އިނގިރޭސި ޓީމަށް ކުޅުމުގެ ފުރުސަތު އޮވޭ. އެކަމަކު އެއްވެސް ޓީމެެއްގެ ކޯޗަަކަށް އަހަރެން ހުންނައިރު ދެ ޓީމު އަޅައެއް ނުކިޔަން. އެއީ އަހަރެން ގަބޫލުކުރާ ގޮތެއް ނޫން. އަހަރެން ނުބުނާނަން އިދިކޮޅު ޓީމުގައި ހުރި ވަކި ކުޅުންތެރިއަކު އަހަރެންގެ ޓީމަށް ބޭނުންވާ ކަމަކަށް،" ހޮޖްސަން ބުންޏެވެ.