Roadha Mihaaru
"ކޫލީ ނަމްބަރު 1" ޑިސެމްބަރު 25 ގައި

"ކޫލީ ނަމްބަރު 1" ޑިސެމްބަރު 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް

10 އޮކްޓޯބަރ 2020

ކޮވިޑް-19 އާ ހެދި މި އަހަރު ފަސްކުރި ފިލްމުތަކުގެ ތެރެއިން ވަރުން ދަވަނާއި ސާރާ އަލީ ޚާންގެ ރޮމޭންޓިކް ކޮމެޑީ "ކޫލީ ނަމްބަރު 1" އަންނަ ޑިސެމްބަރު މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 އާ ހެދި މި އަހަރު ފަސްކުރި ފިލްމުތަކުގެ ތެރެއިން ވަރުން ދަވަނާއި ސާރާ އަލީ ޚާންގެ ރޮމޭންޓިކް ކޮމެޑީ "ކޫލީ ނަމްބަރު 1" އަންނަ ޑިސެމްބަރު މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

ފިލްމު ޑިޖިޓަލްކޮށް ގެނެސްދޭން ނިންމިކަން އިއުލާންކޮށްފައި މި ވަނީ ކުރިން މެއި 1 ގައި ގެނެސްދޭން އޮތް ފިލްމު ސިނަމާތަކުގައި ނޫނީ ނާޅުވަން ނިންމައި އަންނަ އަހަރުގެ ޖެނުއަރީ އަށް ފަސްކޮށްްފައިވާ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ. "ކޫލީ ނަމްބަރު 1" ސިނަމާތަކުގެ ބަދަލުގައި ސްޓްރީމިން އަށް ދޫކޮށްލަން މި ނިންމީ މި މަހުގެ 15 އިން ފެށިގެން އިންޑިއާގެ ސިނަމާތައް އަލުން ހުޅުވަން ހުއްދަ ވެސް ދީފައި ވަނިކޮށެވެ. ކޮވިޑްގެ ބަލިމަޑުކަމާ އެކު އެ ގައުމުގެ ސިނަމާތައް ބަންދުކުރީ މާޗް މަހުގެ ތެރޭގަ އެވެ.

"ކޫލީ ނަމްބަރު 1" އަކީ ޑައިރެކްޓަރު ޑޭވިޑް ދަވަން އޭނާގެ ދަރިފުޅު ވަރުންއާ އެކު ގެނެސްދޭ ތިން ވަނަ ފިލްމެވެ. އަދި މި ފިލްމަކީ ވަރުން އާއި ސާރާގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

މިދިޔަ ޖެނުއަރީގައި ރިލީޒްކުރި، ސާރާގެ ބައްޕަ ސައިފް އަލީ ޚާންގެ ފިލްމު "ޖަވާނި ޖާނެމަން" ގައި ވެސް ހިއްސާވި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަޓުން ޕްރޮޑިއުސްކޮށްފައިވާ "ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މީގެ އިތުރު ކާސްޓުންގެ ތެރެގައި ޕަރޭޝް ރާވަލާއި ޖާވިދު ޖެފްރީ އާއި ސާހިލް އާނަންދާއި ރާޖްޕަލް ޔާދަވް އާއި ޖޯނީ ލީވާ އަދި ޝިޚާ ތަލްސާނިއާ ހިމެނެ އެވެ.

"ކޫލީ ނަމްބަރު 1" ގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯ އިން މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ޕްރިމިއާކުރާނެ ފާހަގަކޮށްލެވޭ ހިންދީ ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 13 ގައި ގެނެސްދޭ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާގެ "ޝަލާންގް" އާއި 11 ޑިސެމްބަރުގައި ގެނެސްދޭ ބޫމީ ޕެޑްނޭކަރްގެ "ދުރުގާވަތީ" ހިމެނެ އެވެ.

އެ ޕްލެޓްފޯމުން މި އަހަރު ޕްރިމިއާކުރި ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުގެ ތެރޭގައި އަމީތާބް ބައްޗަންގެ "ގުލާބޯ ސިތާބޯ" އާއި ވިދިޔާ ބާލަންގެ "ޝަކުންތަލާ ދޭވީ" ހިމެނެ އެވެ.