Roadha Mihaaru
"ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ވަރަށް މަޖާ

"ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ވަރަށް މަޖާ

29 ނޮވެމްބަރ 2020

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ސާރާ އަލީ ޚާން ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ "ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ވަރުން ދަވަން އާއި ސާރާ އަލީ ޚާން ލީޑް ރޯލް ކުޅެފައިވާ ރޮމޭންޓިކް ކޮމެޑީ "ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވަރުންގެ ބައްޕަގެ 45 ވަނަ ޑައިރެކްޝަންގެ ގޮތުގައި ގެނެސްދޭ މި ފިލްމުގެ ޓްރެއިލާގައި ވަރަށް މަޖާ މަންޒަރުތަކެއް ފެނެ އެވެ. މިއީ ސާރާ އާއި ވަރުންގެ ކެމިސްޓްރީ ފިލްމަކުން ތަޖުރިބާކޮށްލަން ބެލުންތެރިންނަށް ލިބޭނެ ފުރަތަމަ ފަހަރު ވެސް މެ އެވެ.

އަންނަ މަހުގެ 25 ގައި އެމެޒޯން ޕްރައިިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ ނުފޫޒު ގަދަ ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖަކު ދެވަން އުޅޭ މީހާ އަކީ ރޭލު ސްޓޭޝަނެއްގައި ފޮށިތަންމަތި އުފުލަން އުޅޭ މީހެއްކަން އެނގުމުން އެކަމާ އާއިލާ އިން ގަބޫލުނުވުމުން ދިމާވާ މަޖާ ހާދިސާތަކެކެވެ.

"ކޫލީ ނަމްބަރު 1" ގެ ކާސްޓުންގެ ތެރޭގައި ޕަރޭޝް ރާވަލް އާއި ޖާވިދު ޖެފްރީ އާއި ޖޯނީ ލީވާ އާއި ރާޖްޕަލް ޔާދާވް ފަދަ ތަޖުރިބާކާރު ތަރިން ހިމެނެ އެވެެ. އަދި ސާހިލް އާނަންދާއި ޝިކާ ތަލްސާނިއާ ވެސް ފިލްމުން ފެނިގެން ދާނެ އެވެ. "ކޫލީ ނަމްބަރު 1" އިން ކުރީގެ ފިލްމުތަކުން މަގުބޫލު ލަވަތަކެއް ހިމަނާފައިވެ އެވެ.

މި ފިލްމު އެމެޒޯނުން ޕްރިމިއާކުރާ ގޮތަށް ނިންމީ މެއި މަހުގެ 1 ސިނަމާތަކަށް ގެންނަން ނިންމާފައި އޮތްވައި ކޮވިޑްގެ މުސީބާތާ ހެދި ފިލްމު ލަސްކުރުމަށް ފަހު އެވެ.

"ކޫލީ ނަމްބަރު 1" އަކީ ވަރުން އާއި އޭނާގެ ބައްޕަ ޑޭވިޑް އެކީގައި މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. ދެބޭންގެ ކުރީގެ ފިލްމުތަކަކީ 2017 ގެ "ޖުޅުވާ 2" އާއި 2014 ގެ "މޭ ތޭރާ ހީރޯ" އެވެ.