Roadha Mihaaru
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން

ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން

06 ޑިސެމްބަރ 2020

ކޮމެޑީ ފިލްމެއް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެ ޖޯންރާގެ އުނދަގޫކަން މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ކޫލީ ނަމްބަރު 1" ގެ ތަޖުރިބާއިން އެނގިއްޖެ ކަމަށް ޒުވާން ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮމެޑީ ފިލްމެއް ކުޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެ ޖޯންރާގެ އުނދަގޫކަން މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ފިލްމު "ކޫލީ ނަމްބަރު 1" ގެ ތަޖުރިބާއިން އެނގިއްޖެ ކަމަށް ޒުވާން ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.

މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ އެ ފިލްމަކީ ސާރާގެ ހަތަރު ވަނަ ފިލްމެވެ. ސައިފް އަލީ ޚާންގެ ދަރިފުޅު 2018 ގައި އެކްޓިން އަށް ނުކުތީ "ކޭދަރްނާތު" އިންނެވެ. އޭގެ ފަހުން ސާރާ ވަނީ "ސިމްބާ" އާއި "ލަވް އާޖް ކަލް" ކުޅެފަ އެވެ.

މިޑް-ޑޭ އަށް ދިން އިންޓަވިއެއްގައި 25 އަހަރުގެ އުންމީދީ ބަތަލާ ބުނީ ކޮމެޑީ އަކީ އުނދަގޫ ޖޯންރާއަކަށް ވިޔަސް "ކޫލީ ނަމްބަރު 1" ގެ ބަތަލު ވަރުން ދަވަންގެ ފަރާތުން އެހީތެރިކަން ލިބުނު ކަމަށެވެ.

"އަހަންނަށް ވުރެ ތަޖުރިބާހުރި އަދި ކޮމެޑީ އަށް ފަރިތަ އެކްޓަރެއް އެއީ. އަހަރެންގެ ކޮމިކް ޓައިމިން ރަނގަޅުކޮށް ދޭން ވަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު." ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރި ފިލްމާ ބެހޭ ގޮތުން ސާރާ ބުންޏެވެ.

އޭނާ ބުނީ ބެލުންތެރިންނަށް ފިލްމު ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށާއި ފިލްމު ބަލާފައި އާންމުން ބުނާ އެއްޗަކަށް އިންތިޒާރު ކުރެވޭ ކަމަށެވެ.

"ކޫލީ ނަމްބަރު 1" ރިލީޒްކުރަން ގާތްވަމުން އަންނަ އިރު ބައެއް މީހުން ދަނީ ފިލްމަށް ފާޑު ވެސް ކިޔަމުންނެވެ. ސަބަބަކީ މިގައި ކިޔައިދެނީ މުއްސަނދި އާއިލާއެއްގެ އަންހެން ކުއްޖަކު ހާސިލުކުރަން ރޭލު ސްޓޭޝަނެއްގައި ފޮށިތަންމަތި އުފުލަން އުޅޭ ކޫލީ އަކު އަސްލު އޮޅުވަން މަސައްކަތްކުރާ ގޮތް ދައްކުވައިދޭތީ އެވެ. އެހެންވެ މި ފިލްމުގެ ޕްލޮޓަކީ ކޫލީންނަށް ކުޑައިމީސްކުރެވޭ ފިލްމެއް ކަމަށް ބައެއް މީހުން ޓްވިޓާގައި ބުނެފައިވެ އެވެ.

އެއަށް ރައްދު ދެމުން ސާރާ ބުނީ ފިލްމުގެ މަގުސަދަކީ އެއްވެސް ހާލެއްގައި ބަޔަކު ދަށްކޮށްލުން ނޫން ކަމަށާއި ފިލްމުގެ ބޭނުމަކީ މަޖާ ކަންތައްތަކެއް ދައްކުވައި ދިނުން ކަމަށެވެ.

"އެހެންވެ އަހަރެން އެދެން މި ފިލްމު ވީހާ ވެސް ގިނަ ބަޔަކު ބަލަން. ފިލްމު ހަދާފައި އޮތީ އެންޓަޓައިނިން އަށް. އެހެންވެ މާނަ ގޯސްކޮށް ނަގާކަށް ނުވާނެ. އެހެން ހަދަން ވެއްޖިއްޔާ ފިލްމެއް ހަދާނެ ޕްލޮޓެއް ނޯންނާނެ." ސާރާ ބުންޏެވެ.

"ކޫލީ ނަމްބަރު 1" އަކީ ހަމަ އެ ނަމުގައި ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.