Roadha Mihaaru
ހަލުވި ދުވެއްޔެއްގައި އީގާ ޗެމްޕިއަނުންގެ ސަފަށް

ހަލުވި ދުވެއްޔެއްގައި އީގާ ޗެމްޕިއަނުންގެ ސަފަށް

15 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 15) - މި އަހަރުގެ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދުމަކީ، މީގެ ދެ އަހަރު ކުރިން ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ ޖޫނިއާ ޗެމްޕިއަންޝިޕް ތަށި އުފުލާލި ޕޮލެންޑަށް އުފަން އީގާ ސްވިއަޓެކް އުއްމީދުކޮށްގެން ހުރި ފަދަ ކާމިޔާބެއް ނޫނެވެ. އެކަމަކު ކުރެވުނު ބުރަ މަސައްކަތުން ހަލުވި ދުވެއްޔެއްގައި މި އާ ދެވުނު ހިސާބުން އޭނާ ދެން ހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫނެވެ. މުސްތަގުބަލަށް މާ ބޮޑު އުއްމީދުތަކެއް ކުރެ އެވެ.

ލަންޑަން (އޮކްޓޫބަރު 15) - މި އަހަރުގެ ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދުމަކީ، މީގެ ދެ އަހަރު ކުރިން ވިމްބަލްޑަން ޗެމްޕިއަންޝިޕްގެ ޖޫނިއާ ޗެމްޕިއަންޝިޕް ތަށި އުފުލާލި ޕޮލެންޑަށް އުފަން އީގާ ސްވިއަޓެކް އުއްމީދުކޮށްގެން ހުރި ފަދަ ކާމިޔާބެއް ނޫނެވެ. އެކަމަކު ކުރެވުނު ބުރަ މަސައްކަތުން ހަލުވި ދުވެއްޔެއްގައި މި އާ ދެވުނު ހިސާބުން އޭނާ ދެން ހުރީ ފަސް އެނބުރި ބަލާ ގޮތަކަށް ނޫނެވެ. މުސްތަގުބަލަށް މާ ބޮޑު އުއްމީދުތަކެއް ކުރެ އެވެ.

އީގާ، 19، 2018 ވަނަ އަހަރު ވިމްބަލްޑަންގެ ކާމިޔާބީގެ އިތުރުން ފްރެންޗް އޯޕަންގައި ވެސް ތަށްޓެއް ހޯދި އެވެ. އެއީ ޖޫނިއާ ކެޓަގަރީން އަންހެން ޑަބަލްސް ޗެމްޕިއަންކަމެެވެ. އޭނާ ސީނިއާ ބައިގައި ވާދަކުރަން ފެށީ މިދިޔަ އަހަރު އެވެ. މި އަހަރު ކޮލެޖްގެ ގްރެޖުއޭޝަން ފުރިހަމަކުރަން ޖެހޭތީ ކޮވިޑް-19 ގެ ސަބަބުން ލޮކްޑައުން ތެރޭގައި ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް ހުސް ވަގުތު ހޯދައިގެން އީގާ ފިޒިކަލް ފިޓްނަސް ހިފެހެއްޓި އެވެ.

މި ފަހަރުގެ ފްރެންޗް އޯޕަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އީގާ އަށް މުބާރާތުގައި ވާދަނުކުރެވިދާނެ ކަމުގެ ބިރު ހީވާން ފެށީ ކޮލެޖްގެ ޓެސްޓްތަކާއި މުބާރާތް ދިމާވާތީ އެވެ. އެކަމަކު ފަހުން އެކި ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު އީގާ އަށް މުބާރާތުގައި ކުޅެވުމުގެ ފުރުސަތު ފަހިވި އެވެ. ނަތީޖާ އަކަށްވީ އޭނާ ދެއްކި ތަފާތު މޮޅު ކުޅުމުގެ ސަބަބުން ސެޓެއް ވެސް ނުގެއްލި މުބާރާތުގެ ޗެމްޕިއަންކަން ލިބުމުންނެވެ.

އީގާ އަށް ލިބުނީ ތާރީހީ ކާމިޔާބެކެވެ. ފްރެންޗް އޯޕަންގެ ތާރީހުގައި އަންހެން ތަށި އުފުލާލި އެންމެ ދަށް ރޭންކިންގެ ކުޅުންތެރިޔާ އެވެ. ސްވިއަޓެކް އޮތީ މި ވަގުތު ދުނިޔޭގެ 54 ވަނައިގަ އެވެ. ކެރިއަރުގައި ދެ ވަނަ ފަަހަރަށް މުބާރާތުގައި ވާދަކުރި ސްވިއަޓެކް އަކީ 1992 ވަނަ އަހަރަށް ފަހު މި ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

"ޗެމްޕިއަނެއްގެ އިހުސާސް އަކީ އަހަންނަށް އާ ޗެލެންޖެއް. މިއީ އަހަރެން މި ހިސާބަށް އަންނަން އުއްމީދުކުރި ވެސް ދުވަހެއް ނޫން. މިކަން މިވީ މާ އަވަހަށް. އެކަމަކު އަހަރެން ކުރި މަސައްކަތުން މިއީ ލިބުން ހައްގު ކާމިޔާބެއް ގޮތަށް ގަބޫލުކުރަނީ. ދެ އަހަރު ތެރޭ އެންމެ އާދައިގެ ލެވަލުން ގްރޭންޑް ސްލޭމް ލެވަލަށް ދިއުމަކީ އަހަންނަށް ފެށުމެއް،" މިދިޔަ ހޯމަ ދުވަހު އާންމުކުރި ރޭންކިންގައި ދުނިޔޭގެ 17 ވަނައިގައި އޮތް އީގާ ބުންޏެވެ.

ސްޕޯޓްސް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑާރިއާ އަބްރަމޯވިޒް ކޮންމެ މުބާރާތެއްގައި އީގާއާ އެކު މަސައްކަތްކުރެ އެވެ. ކޮންމެ މުބާރާތަކަށް ޑާރިއާ ގެންދިއުމާ ބެހޭ ގޮތުން އީގާ ބުނީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ޒުވާން އެތުލީޓަކަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށާއި ކިޔެވުމާއި ކުޅިވަރަށް އެއްކޮށް ފޯކަސްކޮށް ހުންނަން އޭނާ ބޭނުންވާތީ އެކަމަށް ޑާރިއާ ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމަށެވެ.

މި އަހަރު ފްރެންޗް އޯޕަންގެ ތަށި އުފުލާލުމުގެ ކުރިން މި މުބާރާތުގެ މެއިން ޑްރޯގައި އީގާ ވާދަކުރީ މިދިޔަ ފަހަރު އެކަންޏެވެ. އެ ފަހަރު މުބާރާތުގެ ހަތަރު ވަނަ ބުރުން މަޝްހޫރު ކުޅުންތެރިޔާ ސިމޯނާ ހަލެޕް އަތުން ވަނީ ބަލިވެފަ އެވެ. އީގާ މި ފަހަރުގެ ތަށި އުފުލާލީ ފައިނަލުގައި ދުނިޔޭގެ ހަތަރެއްގައި އޮތް އެމެރިކާގެ ސޯފިއާ ކެނިން 6-4 6-1 އިން ބަލިކޮށްގެންނެވެ.

ޓެނިހުގެ ތަޖުރިބާކާރުންގެ ނަޒަރުގައި ފްރެންޗް އޯޕަންގައި އީގާ ދެއްކި ކުޅުމަށް ބަލާއިރު އޭނާ އަކީ ރޭންކިން އެއް ވަނައިގައި ގިނަ ދުވަސްތަކެއް ހިފަަހައްޓާލެވިދާނެ ކުޅުންތެރިއެކެވެ. އަދި ރަނގަޅު ކޯޗިން ޓީމަކާ އެކު މަސައްކަތްކޮށްފިނަމަ އީގާ އަށް ގިނަ ގްރޭންޑްސްލޭމް މުބާރާތްތަކުގައި ކާމިޔާބު ހޯދޭނެ ކަމަށް ޓެނިހުގެ މަޝްހޫރު ކޯޗުން ބުނެ އެވެ. ޓެނިހުގެ މަޝްހޫރު ކުޅުންތެރިން ވަނީ އީގާ ފްރެންޗް އޯޕަންގައި ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.