Roadha Mihaaru
އަނިޔާގެ ސަބަބުން ނަފްސާނީ މައްސަލަ ކުރިމަތިވި: ނަޑާލް

އަނިޔާގެ ސަބަބުން ނަފްސާނީ މައްސަލަ ކުރިމަތިވި: ނަޑާލް

11 ޖޫން 2019

ޕެރިސް (ޖޫން 11) - ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވުމުން ބައެއް ފަހަރު ނަފްސާނީ ގޮތުން ބިރުގަތުން (އެންޒައިޓީ) ކުރިމަތިވެ ފަރުވާ ހޯދި ކަމަށް ދާދި ފަހުން 12 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކުރި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (ޖޫން 11) - ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވުމުން ބައެއް ފަހަރު ނަފްސާނީ ގޮތުން ބިރުގަތުން (އެންޒައިޓީ) ކުރިމަތިވެ ފަރުވާ ހޯދި ކަމަށް ދާދި ފަހުން 12 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކުރި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ބުނެފި އެވެ.

އާދިއްތަ ދުވަހު ކުޅުނު ފްރެންޗް އޯޕަން ފައިނަލުގައި ނަޑާލް ވަނީ އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ބަލިކޮށް މުބާރާތުގެ ތަށި ރެކޯޑް އަދަދެއް ކަމަށްވާ 12 ވަަނަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

މިދިޔަ އަހަރު ނަޑާލް ވާދަކުރީ ނުވަ މުބާރާތުގަ އެވެ. އޭގެ ތެރެއިން ތިން މުބާރާތް ފިޔަަވައި ހުރިހާ މުބާރާތެއް ނިމުނުއިރު ނަޑާލް ވަނީ އަނިޔާގެ ސަބަބުން އެކި ފަހަރު މަތިން ފަރުވާ ހޯދައިފަ އެވެ.

"އަހަރެން ކަކުލަށް ގިނަ ފަހަރުތަކެއްގެ މަތިން ފަރުވާ ހޯދިން. ފަޔަށް ލިބުނު އަނިޔާ އަކުން ރަނގަޅުވާން އޮޕަރޭޝަނެއް ކުރިން. މިދިޔަ 18 މަސް ދުވަހުގައި އަހަރެން ވާނީ ގިނަ އަނިޔާގެ މައްސަލަތަކަކަށް ފަރުވާ ހޯދާފައި. ގާތްގާތުގައި އެހާ ގިނަ އަނިޔާތަކެއްވާތީ ނަފްސާނީ ގޮތުން އަހަންނަށް އަސަރު ވެސް ކުރި. އެކަމުން އަރައިގަންނަން އަހަރެން އެންޒައިޓީ އަށް ފަރުވާ ވެސް ހޯދިން. އެހެންވެ މި ފަހަރުގެ ފްރެންޗް އޯޕަން އަހަންނަށް ހާއްސަވަނީ މި ސަބަބުތަކަށްޓަކައި،" އުމުރުން 33 އަހަރުގެ ނަޑާލް ބުންޏެވެ.

ފްރެންޗް އޯޕަން ފައިނަލް މެޗުގެ ތެރެއިން ނަޑާލް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

ފްރެންޗް އޯޕަން ފައިނަލް މެޗުގެ ތެރެއިން ނަޑާލް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

ފާއިތުވި އަހަރުތަކަށް ބަލާއިރު އަތުގެ ކުޑަހުޅަށާއި ގިނަ އަނިޔާތަކަކަށް ނަޑާލް ވަނީ ފަރުވާ ހޯދައިފަ އެވެ. އޭގެ ސަބަބުން ގިނަ މުބާރާތްތަކެއް އޭނާ އަށް ގެއްލުނެވެ.

ޓެނިހުގެ ބޮޑެތި މުބާރާތްތައް ކަމަށްވާ ގްރޭންޑް ސްލޭމްތަކުގެ ކާމިޔާބީ އަށް ބަލާއިރު ރޮޖާ ފެޑެރާ ކުރީގައި އުޅެނީ 20 މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ފްރެންޗް އޯޕަން ތަށްޓާ އެކު ނަޑާލް ވަނީ 18 ހަމަކޮށްފަ އެވެ. ނަޑާލް ބުނީ ފެޑެރާގެ ރެކޯޑާ އަރާ ހަމަކުރުމަކީ އޭނާގެ އަމާޒެއް ނޫން ކަމަށެވެ.

"އަހަރެމެން ހާސްވާކަށް ނުޖެހޭ އަވަށްޓެރިޔާގެ ގޭގައި ބޮޑު ޓީވީއެއް ނޫނީ ބޮޑު ބަގީޗާއެއް ހުރީމާ. ފެޑެރާގެ ކާމިޔާބީއާ އަރާހަމަކުރުމުގެ އަމާޒެއް ނެތް. އެކަމަކު މި ހިސާބަށް އާދެވުމަކީ އަހަރެންގެ ހިތްވަރު. ހަގީގަތުގައި އަނިޔާގެ މައްސަލަ ނެތް ނަމަ އަހަންނަށް އިތުރު 15 ވަރަކަށް ގްރޭންޑް ސްލޭމްގައި ރަނގަޅު ވާދައެއް ކުރެވޭނެ،" ނަޑާލް ބުންޏެވެ.

ކެރިއަރުގައި މިހާތަނަށް 950 މެޗުން މޮޅުވެ 82 ތަށި ހާސިލްކޮށްފައިވާ ނަޑާލް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އޭނާ އަށް އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވާނީ އަނިޔާގެ މައްސަލަތަކުން ސަލާމަތްވެ ހުރުމަށް ކަމަށާއި ވަކި ހިސާބަކުން ރިޓަޔާކުރުމުގެ ވިސްނުން އިސްކުރާނެ ކަމަށެވެ.

ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއް ވަނައިގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް އޮތީ 12715 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނަޑާލަށް ލިބިފައިވަނީ 7945 ޕޮއިންޓެވެ.