Roadha Mihaaru
ފެޑެރާގެ ތާރީހީ ރެކޯޑާ ނަޑާލް ހަމަކޮށްފި

20 ގްރޭންޑްސްލޭމް ހަމަކޮށް ފެޑެރާގެ ތާރީހީ ރެކޯޑާ ނަޑާލް ހަމަކޮށްފި

11 އޮކްޓޯބަރ 2020

ޕެރިސް (އޮކްޓޫބަރު 11) - ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން 13 ވަަނަ ފަހަރަށް ހޯދައި ސްޕެއިނުގެ ތަރި ރަފައެލް ނަޑާލް، 20 ގްރޭންޑް ސްލޭމް ތަށި ހޯދައިގެން މަޝްހޫރު ކުޅުންތެރިޔާ ރޮޖާ ފެޑެރާ ހަދާފައިވާ ތާރީހީ ރެކޯޑާ ހަމަކޮށްފި އެވެ.

ޕެރިސް (އޮކްޓޫބަރު 11) - ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން 13 ވަަނަ ފަހަރަށް ހޯދައި ސްޕެއިނުގެ ތަރި ރަފައެލް ނަޑާލް، 20 ގްރޭންޑް ސްލޭމް ތަށި ހޯދައިގެން މަޝްހޫރު ކުޅުންތެރިޔާ ރޮޖާ ފެޑެރާ ހަދާފައިވާ ތާރީހީ ރެކޯޑާ ހަމަކޮށްފި އެވެ.

މިރޭ ކުޅުނު ފްރެންޗް އޯޕަން ފައިނަލުގައި ނަޑާލް ވަނީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ނަޑާލް ސެޓުތައް ގެންދިޔައީ 6-0، 6-2 އަދި 7-5 އިންނެވެ. ނަޑާލް މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ވެސް ސެޓެއް ވެސް ނުގެއްލި އެވެ.

ފައިނަލުގައި ފުރަތަމަ ދެ ސެޓުގައި އާދަޔާހިލާފު ރޫހެއްގައި ކުޅެ ނަޑާލް ބޮޑު ލީޑެއްނެގި އެވެ. ތިން ވަނަ ސެޓުގައި ޖޮކޮވިޗް ވަނީ ކޮންމެވެސް ވަރެއްގެ ފައިޓެއް ދީފަ އެވެ. އެކަމަކު ނަޑާލް އެއްވެސް ވަރަކަށް ފަހަތަށް ނުޖެހި އޭނާގެ ފޯމުގައި ކުޅެ މެޗުން މޮޅުވި އެވެ.

ނަޑާލްގެ 20 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން 13 ތަށްޓަކީ ފްރެންޗް އޯޕަން އެވެ. މި މުބާރާތުގެ ފައިނަލުގައި ނަޑާލަށް ސައްތަ އިން ސައްތަ ރެކޯޑެއް އެބައޮތެވެ. ފެޑެރާ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ފަހަރުގެ ފްރެންޗް އޯޕަންގައި ނުކުޅެ އެވެ. ފެޑެރާގެ ރެކޯޑާ ހަމަކުރެވުމަކީ ނަޑާލަށް ވެސް ފަހުރުވެރި ކާމިޔާބެކެވެ.

މެޗުގެ ފަހު ޕޮއިންޓް ހޯދުމަށް ފަހު ނަޑާލް ކޯޓު މަތީގައި އިށީދެގެން.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފަހު ޕޮއިންޓް ހޯދުމަށް ފަހު ނަޑާލް ކޯޓު މަތީގައި އިށީދެގެން.-- ފޮޓޯ: އޭއެފްޕީ

"ރޮޖާ (ފެޑެރާ)އާ އަހަރެން މި ކޯޓުގައި ތަފާތު ތަޖުރިބާތަކެއް ކުރާތާ ވިއްސަކަށް އަހަރު މި ވަނީ. އަހަރެމެން މިކުރާ މަސައްކަތަކީ މި ކުޅިވަރުގެ މަސައްކަތް. މޮޅާއި ބަލި ނާކާމިޔާބީ އާއި ހިތި ތަޖުރިބާ. އަނިޔާއާ އެހެން ކަންތައްތައް. މިއީ ވަރަށް ގިނަ ޗެލެންޖް. މި ހުރިހާ ކަމެއް ދިމާވެގެން ވެސް އަހަރެމެން މި ކުޅިވަރުގައި މި ތިބީ މީގެ އަށް އޮތް ލޯތްބެއްގެ ސަބަބުން. މި ރެކޯޑާ ހަމަކުރެވުމަކީ ފަހުރެއް،" ފައިނަލަށް ފަހު ސްކައި ސްޕޯޓްސް އަށް އުމުރުން 34 އަހަރުގެ ނަޑާލް ބުންޏެވެ.

މިއީ 2020 ވަނަ އަހަރު ޖޮކޮވިޗް ފުރިހަމަ ކުރި މެޗެއްގައި އޭނާ ބަލިވި ފުރަތަމަ ފަހަރެވެ. ޖޮކޮވިޗް ބުނީ ފައިނަލުގައި އޭނާ އަތުން މޮޅުވީ އަދަޔާހިލާފު ރޫހެއްގައި ހުރި ލެޖެންޑެއް ކަމަށާއި ޓެނިސް ކެރިއަރުގައި ނަޑާލާ ދެކޮޅަށް ކުޅުނު ކޮންމެ މެޗެއް ވެސް ދިޔައީ އުނދަގޫކޮށް ކަމަށެވެ.

"ޔަގީނުން ވެސް ގަބޫލުކުރަން ޖެހޭ އަހަރެން މި ބަލިވީ ޓެނިހުގެ ލެޖެންޑެއް އަތުން. ގަބޫލުކުރަން ޖެހެނީ ޓެނިހުގެ ކްލޭ ކޯޓުގެ ރަސްގެފާނަކީ ނަޑާލްކަން. މި މެޗުގައި ވެސް ފެނިގެން އެ ދިޔައީ. ނަޑާލް އެ ލެވެލްގައި ކުޅެނިކޮށް އޭނާ ބަލިކުރަން އުނދަގޫވާނެ،" 17 ގްރޭންޑް ސްލޭމް ތަށި ހޯދާފައިވާ ޖޮކޮވިޗް ބުންޏެވެ.

މިރޭގެ ކާމިޔާބީއާ އެކު ނަޑާލް ވަނީ ފްރެންޗް އޯޕަންގައި 100 މޮޅު ހަމަކޮށްފަ އެވެ. އޭނާ ފްރެންޗް އޯޕަންގައި ބަލިވީ ދެ މެޗުންނެވެ. އޭގެ ތެރެއިން އެއް މެޗުން ބަލިވީ ޖޮކޮވިޗް އަތުންނެވެ. ނަޑާލް ބުނީ އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ މުބާރާތް އޭނާ އަށް ތަފާތު ކަމަށާއި މި ލެވަލްގައި ހިފެހެއްޓުނީ ވަރަށް މަސައްކަތުން ކަމަށެވެ. އަނިޔާ އަކުން ރިކަވާވުމުގެ ގޮތުން އެންމެ ފަހުން އޮތް ގްރޭންޑް ސްލޭމް ކަމަށްވާ ޔޫއެސް އޯޕަންގައި ނަޑާލް ނުކުޅެ އެވެ.

ފްރެންޗް އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސްވިއަޓެކް ފޮޓޯ ޝޫޓެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ފްރެންޗް އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސްވިއަޓެކް ފޮޓޯ ޝޫޓެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ފްރެންޗް އޯޕަންގެ އަންހެން ތަށި މި ފަހަރު އުފުލާލީ ޕޮލެންޑްގެ އުމުރުން 19 އަހަރުގެ އީގާ ސްވިއަޓެކް އެވެ. އޭނާ ވަނީ މިއަދު ކުޅުނު ފައިނަލުގައި ދުނިޔޭގެ ހަތަރެއްގައި އޮތް އެމެރިކާގެ ސޯފިއާ ކެނިން 6-4 6-1 އިން ބަލިކޮށްފަ އެވެ. ޖޫނިއާ މުބާރާތުގައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ސްވިއަޓެކް އަކީ ފްރެންޗް އޯޕަންގެ ތާރީހުގައި އަންހެން ތަށި އުފުލާލި އެންމެ ދަށް ރޭންކިންގެ ކުޅުންތެރިޔާ އެވެ. ސްވިއަޓެކް އޮތީ މި ވަގުތު ދުނިޔޭގެ 54 ވަނައިގަ އެވެ. ކެރިއަރުގައި ދެ ވަނަ ފަަހަރަށް މުބާރާތުގައި ވާދަކުރި ސްވިއަޓެކް އަކީ 1992 ވަނަ އަހަރަށް ފަހު މި ތަށި އުފުލާލި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

"މިއީ ވަރަށް އާދަޔާހިލާފު ތަޖުރިބާއެއް. ދެ އަހަރު ކުރިން އަހަރެން ޖޫނިއާ ގްރޭންޑް ސްލޭމް ތަށްޓެއް އުފުލާލިން. މިހާރު އަހަރެން މި ހުރީ މި ތާގައި. ދުނިޔޭގެ ޓެނިހުގެ ބޮޑު ތަށްޓެއް ހިފައިގެން. ވަރަށް ކުޑަ ވަގުތުކޮޅެއް. ވަރަށް ބުރަ މަސައްކަތް މިއީ،" ސްވިއަޓެކް ބުންޏެވެ.

ސްވިއަޓެކް ވެސް ފްރެންޗް އޯޕަން ތަށި އުފުލާލީ މުޅި މުބާރާތުގައި ކުޅުނު އެއްވެސް ސެޓެއް ނުގެއްލި އެވެ.