Roadha Mihaaru
ފިންލެންޑްގެ ބޮޑުވަޒީރުގެ ފޮޓޯޝޫޓަކަށް ފާޑުކިޔުންތައް

ފިންލެންޑްގެ ޒުވާން އަންހެން ބޮޑުވަޒީރުގެ ފޮޓޯޝޫޓަކަށް ފާޑުކިޔުންތައް

18 އޮކްޓޯބަރ 2020

ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ޝަރަފު މި ވަގުތު ލިބިފައިވާ ފިންލެންޑްގެ ބޮޑުވަޒީރު ސަނާ މާރިންގެ ފޮޓޯޝޫޓަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ ޝަރަފު މި ވަގުތު ލިބިފައިވާ ފިންލެންޑްގެ ބޮޑުވަޒީރު ސަނާ މާރިންގެ ފޮޓޯޝޫޓަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މައްސަލަކަށްވީ ފިންލެންޑްގައި ނެރޭ ލައިފްސްޓައިލް މަޖައްލާއެއް ކަމަށްވާ "ޓްރެންޑީ" ގެ މި މަހުގެ އަދަދުގެ ކަވަ ސްޓޯރީގައި އެ ކަމަނާގެ ވާހަކަ ގެނެސްދިން އިރު، ހިމަނާފައިވާ ފޮޓޯތަކުގެ ތެރޭގައި، ކަޅު ކުލައިގެ ބްލޭޒާއެއްގައި ހުންނެވި އިރު މޭމަތިން މާބޮޑަށް ހާމަވާން އޮތުމެވެ.

މި މަހުގެ 9 ގައި ނެރުނު "ޓްރެންޑީ" ގައި އިނީ މިނިސްޓަރުގެ ކްލޯޒްއަޕް ޝޮޓެކެވެ. އެ ފޮޓޯގައި ބޮޑުވަޒީރު ތުރުކުރުއްވައިގެން އިންނެވީ ކަނދުރާ ވެސް ނިވާވެފައިވާ ހެދުމެކެވެ.

ފޮޓޯޝޫޓަށް އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، "ޓްރެންޑީ" މަޖައްލާ ނެރޭ ޕަބްލިޝިން ހައުސް އޭ-ލެޑެޓް ގްރޫޕްގެ ވިމެންސް މީޑިއާގެ ޑިރެކްޓަރު މާރީ ޕާލޯސްލާ ޖުސިންމާކީ ވިދާޅުވީ ސަނާގެ ފޮޓޯތަކަށް އަމާޒުވި ފާޑުކިޔުންތަކުން އެނގެނީ އަދިވެސް އަންހެނުންނާ ދޭތެރޭ މީހުން ގެންގުޅޭ ބޯދާ ވިސްނުން ބަދަލުނުވެ އޮތުން ކަމަށެވެ. އަދި އަބަދުވެސް އަންހެނުން ވަކި ގޮތަކަށް ލޭބަލްކުރަން ބައެއް މީހުން ބޭނުންވާ ކަމަށާއި ބަދަލުތަކެއް ގެންނަ އަންހެނުންނާ މެދު ބައެއް މީހުން ދެކެނީ ވަރަށް ގޯސް ނަޒަރުން ކަމަށް ވިދާޅުވި އެވެ.

މާރީ ވިދާޅުވި ގޮތުގައި ބޮޑުވަޒީރުގެ ފޮޓޯޝޫޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު "ޓްރެންޑީ" އަށް ޝަކުވާ ވެސް ކޮށްފައިވާ ކަމަށެވެ. އަދި ބޮޑުވަޒީރުގެ ވާހަކަ މަޖައްލާގައި ގެނެސްދިނުން ބޭކާރުކަމެއްގެ ގޮތުގައި ސިފަކޮށް ވަރަށް ގިނަ ބަޔަކު ސޯޝަލް މިޑިއާގައި ވެސް ފާޑުކިޔާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ނިސްބަތުން ގިނައީ ފިރިހެނުން ކަމަށް ވެސް މާރީ ވިދާޅުވި އެވެ.

"ޓްރެންޑީ" މަޖައްލާގެ މި މަހުގެ އަދަދު.

"ބޮޑުވަޒީރު ކަވަ ސްޓޯރީ އަށް ގެނައި ސަބަބަކީ އެކަމަނާގެ ޒާތީ އަދި ޕްރޮފެޝަނަލް ކެރިއަރާ ބެހޭ ގިނަ ވާހަކަތަކެއް ގެނެސްދިނުން. އެގޮތުން އެކަމަނާގެ ޕްރޮފެޝަނަލް އަދި ޕާސަނަލް ލައިފް ބެލެންސްކުރާ ގޮތް ގެނެސްދިނުން އެންމެ މުހިއްމު ކަމަކަށްވީ. އެކަމަކު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ފޮޓޯތަކަށް،" އޭނާ ވިދާޅުވި އެވެ. "ވަކިން ހާއްސަކޮށް ފިރިހެނުންގެ ފަރާތުން ފޮޓޯޝޫޓަށް ފާޑުކިޔުން އައުމުން ވަރަށް ސަޕްރައިޒިން ކަމަކަށްވީ."

މާރީ ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ބްލޭޒާ ލައިގެން ތިބި އަންހެނުންގެ ފޮޓޯތައް "ޓްރެންޑީ" ގައި ގެނެސްދީފައިވެ އެވެ. އެކަމަކު މި ފަހަރު މި ދިމާވި ގޮތަށް ކުރިން އެއްވެސް ފޮޓޯއަކަށް، އެއްވެސް ބަޔަކު ހިތްހަމަނުޖެހުން ފާޅުނުކުރާ ކަމަށް ވިދާޅުވި އެވެ. ބޮޑުވަޒީރުގެ ފޮޓޯޝޫޓަށް އަމާޒުވި ފާޑުކިޔުންތަކާ އެކު ބައެއް މީހުން މިހާރު އަންނަނީ ސަނާއާ އެކު އެ މީހުން ތިބިކަން އެންގުމުގެ ގޮތުން #އައިއެމްވިތުސަނާ ހޭޝްތެގް ބޭނުންކޮށް، ބްލޭޒާ ލައިގެން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަމުންނެވެ.

"މީހެއްގެ ޒުވާންކަމާއި ރީތިކަން ފާޅުކުރުމަކީ ބަޔަކަށް މައްސަލައަކަށް ވާކަށް ނުޖެހޭ،" މާރިން ވިދާޅުވި އެވެ. "ފަހަރުގައި ވެދާނެ ސިޔާސީ ޝަހުސިއްޔަކަށްވާތީ ބައެއް މީހުންނަށް ސަނާގެ ފޮޓޯޝޫޓް ހަޖަމުކުރަން އުނދަގުވީ ކަމަށް."

މިދިޔަ އަހަރުގެ ފަހުކޮޅު ފިންލެންޑްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތް، ސަނާ، 34، ކައިވެނި ބައްލަވައިގަތީ މިދިޔަ އޮގަސްޓް މަހު އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އޭރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކަށް ހުންނެވި ތެރީޒާ މޭ ސަންޑޭ ޓައިމްސް މަޖައްލާގެ ފޮޓޯޝޫޓެއްގައި ލެދަރު ހަރުވާޅެއް ތުރުކުރެއްވި މައްސަލައެއް ވެސް ވަރަށް ބޮޑު މައްސަލައަކަށްވެ، އެކަމަނާ އަށް ފާޑުކިޔުންތައް އަމާޒުވި އެވެ.