Roadha Mihaaru
ކަމަލާގެ ނަން ބޭނުންކޮށްގެން ވިޔަފާރިނުކުރަން އަންގައިފި

ކަމަލާގެ ނަން ބޭނުންކޮށްގެން އާއިލާއިން ވިޔަފާރިނުކުރަން އަންގައިފި

19 ފެބުރުއަރީ 2021

އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ އާއިލާ އަށް ނިސްބަތްވާ އެއްވެސް މީހެއްގެ ވިޔަފާރި ޕްރޮމޯޓްކުރަން ކަމަލާގެ ނަން ބޭނުން ނުކުރުމަށް އާއިލާ އަށް ވައިޓް ހައުސް އިން އަންގައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ އާއިލާ އަށް ނިސްބަތްވާ އެއްވެސް މީހެއްގެ ވިޔަފާރި ޕްރޮމޯޓްކުރަން ކަމަލާގެ ނަން ބޭނުން ނުކުރުމަށް އާއިލާ އަށް ވައިޓް ހައުސް އިން އަންގައިފި އެވެ.

މީޑިއާތަކުން ބުނީ މިގޮތަށް އެންގީ ކަމަލާ އަށް ބޮޑުދައިތަ ކިޔާ މީނާ ހެރިސްގެ ބައެއް ފެޝަން އުފެއްދުންތައް ޕްރޮމޯޓްކުރަން ކަމަލާގެ ނަން ބޭނުންކުރަމުންދާތީ ކަމަށެވެ. ކަމަލާ މަގާމަށް އިންތިހާބުވުމުގެ ކުރިން ވެސް މީނާ ގެންދެވީ "ވައިސް ޕްރެޒިޑެންޓް އާންޓީ" ފަދަ ލިޔުންތައް ޖަހައިގެން ސްވެޓްވާޓާއި ސްވިމިންސޫޓް ފަދަ ތަކެތި ވިއްކަމުންނެވެ.

ލޮސް އެންޖެލިސް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައި ވަނީ އަމިއްލަ ބްރޭންޑެއް ބިނާކުރަން ކަމަލާގެ ނަން ވިޔަފާރީގައި އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް މީނާ އަށް ވައިޓް ހައުސް އިން އަންގާފައިވާ ކަމަށެވެ.

އިންޑިއާ ދަރިކޮޅުގެ ކަމަލާގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގް ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ވިދާޅުވީ ކަމަލާ އަކީ އުސޫލުތައް ދަމަހައްޓަވާނެ ބޭފުޅެއް ކަމަށާއި ގައުމުގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ނަމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ޕްރޮމޯޯޓްކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

"އެހެންވެ އެ ގޮތުގައި ކަމަލާ ދެމިހުންނަވާނެ،" ސަބްރީނާ ވިދާޅުވި އެވެ.

ބައިޑެންގެ ގާނޫނީ ޓީމުން ކުރިން ވެސް ވަނީ ބޮޑުދައިތަގެ ނަމުގައި މީނާގެ ވިޔަފާރި އެއްވެސް ގޮތަކަށް ނުހިންގަން އަންގާފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންވެ ކުރިން "ވައިސް ޕްރެޒިޑެންޓް އާންޓީ" ފަދަ ލިޔުން ޖަހައިގެން ނެރުނު ތަކެތި މިހާރު ނެރުމުގެ ހުއްދައެއް ނޯންނާނެ އެވެ.

މިކަމާ ބެހޭ ގޮތުން މީނާ އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭނާ އަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށް އެހީވާން ފެޝަނާ ގުޅުން ހުރި އުފެއްދުންތައް ނެރޭ ފިނޯމިނަލް ވުމަން އެކްޝަން ކެމްޕޭނުގެ ބާނީ އެވެ.

ގާނޫނީ ދާއިރާ އިން ކިޔާފައިވާ، ދެ ކުދިންގެ މަންމަ މީނާ، 36، އަކީ މި ފަހުން ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި މީހެކެވެ. އެގޮތުން އިންޑިއާގެ ދަނޑުވެރިން ކުރާ މުޒާހަރާތަކަށް ތާއީދުކޮށް ޓްވިޓާ އާއި އިންސްޓަގްރާމްގައި ޕޯސްޓްތައް ކުރަން ފެށުމުން އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް މީނާ އަށް އަމާޒުވެފައިވެ އެވެ.