Roadha Mihaaru
ތަމްރީން ޕްރޮގްރާމަށް ފަހު 227 ވަކީލުން ހުވާކޮށްފި

ތަމްރީން ޕްރޮގްރާމަށް ފަހު 227 ވަކީލުން ހުވާކޮށްފި

17 އޮކްޓޯބަރ 2020

ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު 227 ވަކީލުން މިއަދު ހުވާކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމަށް ފަހު 227 ވަކީލުން މިއަދު ހުވާކޮށްފި އެވެ.

އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އާ ވަކީލުންނަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ހަމައެކަނި މާލީ މަންފާއެއް ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގާނޫނީ ވަކީލުކަން ނުކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ދާއިރާގައި ކުރިމަތިވާނީ ނާކާމިޔާބީއާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ ގާނޫނީ ވަކީލުންނަކީ ވަރަށް ޒިންމާދާރު މަސައްކަތެއް ކުރަން ޖެހޭ ބައެއް ކަމަށާއި އެހެންވީމާ ކޮންމެ ދުވަހަކު ވެސް އާ ކަންތައްތަކެއް ދަސްކޮށް އާ ތަޖުރިބާތަކެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ވަކީލުން ކުރާ މަސައްކަތަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާތީ އަބަދުވެސް ދިރާސާކޮށް އިލްމު އިތުރުކުރުމަށް މަސައްކަތްކުރަން ވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންޓަންގެ ވަސިއްޔަތް ތައްޔާރުކުރެއްވި އިރު ގާނޫނީ ވަކީލެއްގެ ލަފާ ހޯއްދަވަން ބޭނުންވެވަޑަނުގެންނެވި ހާދިސާއިން މިސާލު ނަންގަވައި ވިދާޅުވީ ގާނޫނީ ވަކީލުންނަކީ ގިނަ ބައެއްގެ ނުރުހުން އަބަދު ވެސް އަމާޒުވާނެ ބައެއްކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

މިއަދު ހުވާކުރި ވަކީލުންނަކީ ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހަށް ފަހު ބާ ކައުންސިލުން ބޭއްވި ހާއްސަ ތަމްރީން ފުރިހަމަ ކުރި މީހުންނެވެ.

ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބެ އެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށްފަހު ހުއްދަ ދިނުމަށެވެ.

އެގޮތުން މިއަދު ހުވާކޮށްފައި ވަނީ ބާ ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވި 323 ބައިވެރިންގެ ތެރެއިން ތަމްރީން ފުރިހަމަ ކުރި 277 މީހުންނެވެ.