Roadha Mihaaru
ރޯހިތުގެ "ސާކަސް" އަކީ ރަންވީރު

ރޯހިތު ޝެޓީގެ "ސާކަސް" އަކީ ރަންވީރު ސިންގް

20 އޮކްޓޯބަރ 2020

ކުރީގެ ކާމިޔާބު ކޮމެޑީ ފިލްމު "އަންގޫރް" އަސްލަކަށް ބަލައިގެން ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދާ ފިލްމުގެ ނަމާ އެކު، އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ކާމިޔާބު ކޮމެޑީ ފިލްމު "އަންގޫރް" އަސްލަކަށް ބަލައިގެން ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދާ ފިލްމުގެ ނަމާ އެކު، އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒާއި ރިލަޔަންސް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމުގެ ނަމަކީ "ސާކަސް" އެވެ. މި ފިލްމުގެ އަސްލަކަށް ބަލާ "އަންގޫރް" އަކީ ޅެންވެރިޔާ ގުލްޒާރު 1982 ގައި ޝޭކްސްޕެއާގެ ޕްލޭ "ދަ ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ހެދި ފިލްމެކެވެ.

މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ގޮތަށް މީގެ ބަތަލާއިންނަކީ ޖެކްލިން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ. "ސާކަސް" ގެ ކާސްޓްގައި "ފުކްރޭ" ފްރެންޗައިޒްގެ ބަތަލު ވަރުން ޝަރުމާ ވެސް ހިމެނެ އެވެ.

"ސާކަސް" ގައި ރަންވީރު ކުޅޭނީ "އަންގޫރު" ގައި ސަންޖީވް ކުމާރު ކުޅުނު ޑަބަލް ރޯލެވެ. ވަރުން ކުޅޭނީ ދޭވަން ވަރުމާ ކުޅުނު ޑަބަލް ރޯލެވެ. މި ދެ ތަރިންގެ މި އާ ފިލްމަކީ ރޯހިތާ އެކު މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ރަންވީރަކީ ރޯހިތު އެންމެ ފަހުން ގެނެސްދިން 2018 ގެ ފިލްމު "ސިމްބާ" ގެ ބަތަލެވެ. އަދި އަކްޝޭ ކުމާރާ އެކު ރޯހިތު ގެނެސްދޭ "ސޫރިޔަވަންޝީ" ގެ ހާއްސަ ފެނިލުމަކުން ވެސް ރަންވީރު ފެންނާނެ އެެވެ.

ވަރުން ވަނީ ރޯހިތު 2015 ގައި ޝާހްރުކް ޚާނާއި ކާޖޮލް އާއި ވަރުން ދަވަނާއި ކްރިތީ ސެނަންއާ އެކު ގެނެސްދިން ފިލްމު "ދިލްވާލޭ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އަންނަ މަހު މުމްބާއީގައި ޝޫޓިން ފަށާ "ސާކަސް" ވެގެންދާނީ ޖެކްލިން އާއި ޕޫޖާ، ރޯހިތާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. މީގެ މަންޒަރުތައް މުމްބާއީގެ އިތުރުން ގޯއާ އާއި އޫޓީގައި ވެސް ނަގާނެ އެވެ.

"ސާކަސް" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފިނި މޫސުމުގަ އެވެ.