Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

20 އޮކްޓޯބަރ 2020

އަންނަ މަހުގެ ނުވައެއްގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމް" ގެ ލަވައެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ ނުވައެއްގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ ބޮމް" ގެ ލަވައެއް ދައްކާލައިފި އެވެ.

ފުރަތަމަ ނެރުނު ލަވަ އަކީ ވަރުގަދަ ނެށުންތަކާއި ކުލަގަދަ ކޮސްޓިއުމްތަކާ އެކު ޔޫއޭއީގައި މަންޒަރުތައް ނަގާފައިވާ ލަވަ "ބުރުޖް ޚަލީފާ" އެވެ. އަކްޝޭ އާއި ކިއާރާ އަދުވާނީއާ އެކު ގިނަ އަދަދެއްގެ ބެކް-ޑާންސަރުން ފެންނަ ލަވަ ކިޔާފައި ޑީޖޭ ޚުޝީ އާއި ނިކިތާ ގާންދީ އެވެ. ގަގަން އަހޫޖާ ޅެން ހެދި ލަވައިގެ މިއުޒިކް ހަދާފައި ވަނީ ޑީޖޭ ޚުޝީ އެވެ.

"ލަކްޝްމީ ބޮމް" އަކީ ތަމަޅަ ޑައިރެކްޓަރު ރަގަވާ ލޯރެންސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ އޭނާ ގެނެސްދޭ ހޮރޯ ކޮމެޑީ ސީރީޒް "ކާންޗަނާ" އަށެވެ. "ލަކްޝްމީ ބޮމް" ވެގެންދާނީ އަކްޝޭގެ ވަރަށް މަޖާ އަދި އެހާމެ ތަފާތު ކެރެކްޓާއެއް ފެންނާނެ ފިލްމަކަށެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ތުޝާރް ކަޕޫރް، އައިޝާ ރާޒާ މިޝްރާ، ޝަރަދު ކެލްކަރް، މަނޫ ރިޝީ، ރާޖޭޝް ޝަރުމާ އަދި ތަރުން އަރޯރާ ހިމެނެ އެވެ.

ޝާހިދު "ޖާޒީ" ނިންމާލައިފި

ލޮކްޑައުންގެ ކުރިން ޝާހިދު ކަޕޫރް ޝޫޓިން ފަށާފައި ވަނިކޮށް، އެކަމާ ހުރެ މަސައްކަތް ހުއްޓުނު ފިލްމު "ޖާޒީ" ގެ މަސައްކަތް އަލުން ފެށުމަށް ފަހު، ފިލްމުގެ ޝޫޓިން ނިންމާލައިފި އެވެ.

އެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޝާހިދު ވަނީ އެކުގައި މަސައްކަތްކުރި ޓީމަށާއި ފިލްމުގެ މަންޒަރުތައް ނެގި އުތުރާކަންދު ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. "ޖާޒީ" އަކީ މިދިޔަ އަހަރު ގޯތަމް ތިނައްނޫރީ ހަމަ އެ ނަމުގައި ގެނެސްދިން ތެލެގޫ ފިލްމުގެ ރިމެކެކެވެ.

ގޯތަމް ޑައިރެކްޓްކުރާ ހިންދީ ފިލްމުގެ ކާސްޓުން ޝާހިދާ އެކު އޭނާގެ ބައްޕަ ޕަންކަޖް ކަޕޫރާއި މުރްނާލް ތާކޫރް ވެސް ފެނިގެން ދާނެ އެވެ.

ޝާހިދު ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެނިގެންދާ "ޖާޒީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"އަދިޕުރުޝް" އިން އަޖޭ ނުފެންނާނެ

ތެލެގޫ އެކްޓަރު ޕްރަބާސް އާއި ސައިފް އަލީ ޚާން މުހިއްމު ރޯލުތަކުން ފެނިގެންދާނެ ފިލްމު "އަދިޕުރުޝް" ގެ ރޯލަކަށް އަޖޭ ދޭވްގަން ސޮއިކުރި ވާހަކަ ދޮގުކޮށްފި އެވެ.

މިދިޔަ ހަފުތާގައި ބައެއް މީޑިއާތަކުން ބުނީ އެ ފިލްމުން އަޖޭ އަށް ކުޅެން ލިބުނީ ލޯޑް ޝިވާގެ ރޯލް ކަމަށެވެ. އެކަމަކު ބޮލީވުޑް ހަންގާމާ އިން ބުނީ "އަދިޕުރުޝް" އަށް އަޖޭ ސޮއިކުރި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ފިލްމުގެ ރޯލެއް އޭނާ އަށް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. މި ފިލްމަކީ މިދިޔަ ޖެނުއަރީގައި ރިލީޒްކުރި އަޖޭ އާއި ސައިފްގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެ ޑައިރެކްޓަރު އޯމް ރައުތު ހަދާ ފިލްމެކެވެ. އަންނަ އަހަރު ޝޫޓިން ފަށާ "އަދިޕުރުޝް" ސިނަމާތަކަށް ގެންނާނީ 2022 ގަ އެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މީގެ ބަތަލާގެ ރޯލް ވަނީ މިހާރު އަލަތު ދަރިފުޅަށް ބަލިވެއިން އަނުޝްކާ ޝަރުމާ އަށް ހުށަހަޅައިފަ އެވެ. އެކަމަކު އެއީ ވެސް އަދި ކަށަވަރު ވާހަކައެއް ނޫނެވެ.

ޗުއްޓީ އަށް ފަހު ތާޕްސީ މަސައްކަތަށް

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މިދިޔަ ހަފުތާގައި ފުރައިގެން އެނބުރި އިންޑިއާ އަށް ދިޔަ ބަތަލާ ތާޕްސީ ޕައްނޫ އަލުން ފިލްމީ މަސައްކަތަށް ނުކުމެއްޖެ އެވެ.

އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން "ހަސީން ދިލްރުބާ" ގެ މަސައްކަތް ފަށައި، ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. މި ފިލްމަކީ "ޒީރޯ" އާއި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތައް ގެނެސްދިން އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނަށް ވިނިލް މެތިއު ޑައިރެކްޓްކުރާ މިސްޓްރީ ތުރިލާއެކެވެ.

އަންނަ އަހަރު ރިލީޒްކުރާ "ހަސީން ދުލްރުބާ" ގެ ބަތަލުންނަކީ ވިކްރާންތު މަސީ އާއި ހާޝްވަރްދަން ރާނޭ އެވެ.