Roadha Mihaaru
އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު

އަކްޝޭ އާއި ޕްރަބާސްގެ ކުރިމަތިލުމެއް އަންނަ އަހަރު

28 ސެޕްޓެމްބަރ 2021

އިންޑިއާގެ ބޮޑެތި ތަރިންގެ ފިލްމުތައް އެއް ދުވަހެއްގައި ސިނަމާތަކުގައި ރިލީޒް ކުރުމަކީ ބޮކްސް އޮފީހުގައި ކުރެވޭ ބޮޑު ހަނގުރާމައެއްގެ ގޮތުގައި އަބަދު ވެސް ސިފަކުރެވެ އެވެ. އެހެންވެ، އަންނަ އަހަރު އަކްޝޭ ކުމާރާއި ޕްރަބާސް ބޮޑު ކުރިމަތިލުމެއް ފެންނާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ބޮޑެތި ތަރިންގެ ފިލްމުތައް އެއް ދުވަހެއްގައި ސިނަމާތަކުގައި ރިލީޒް ކުރުމަކީ ބޮކްސް އޮފީހުގައި ކުރެވޭ ބޮޑު ހަނގުރާމައެއްގެ ގޮތުގައި އަބަދު ވެސް ސިފަކުރެވެ އެވެ. އެހެންވެ، އަންނަ އަހަރު އަކްޝޭ ކުމާރާއި ޕްރަބާސް ބޮޑު ކުރިމަތިލުމެއް ފެންނާނެ އެވެ.

އިންޑިއާގެ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ބާހްބަލީ" ގެ ދެ ފިލްމު ކުޅުނު ޕްރަބާސްގެ ބޮޑު ފިލްމު "އާދިޕުރުޝް" އާއި އަކްޝޭގެ "ރަކްޝާ ބަންދަން" މިހާރު ތާވަލު ކޮށްފައި އޮތީ އަންނަ އަހަރުގެ އޮގަސްޓް 11 އަށެވެ. އަކްޝޭގެ ފިލްމު އެ ތާރީހުގައި ރިލީޒް ކުރާނެކަން އިއުލާނުކުރީ އޭގެ ފަހުންނެވެ.

ޖުމުލަ 500 ކްރޯޑް ރުޕީސް (67.89 މިލިއަން ޑޮލަރު) ގެ ބޮޑު ބަޖެޓަކުން ހަދާ "އާދިޕުރުޝް" އަކީ އިންޑިއާގއި ކިޔައި އުޅޭ ހުރާފީ ވާހަކަތަކުގައި އުޅޭ ކެރެކްޓާތަކަކަށް ބިނާކޮށް ހަދާ މައިތޮލޮޖިކަލް ފިލްމެކެވެ. މިދިޔަ އަހަރު އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު އޯމް ރައުތު ހަދާ ފިލްމުގެ ކާސްޓްގައި ސައިފް އަލީ ޚާނާއި ކްރިތީ ސެނަން ވެސް ހިމެނެ އެވެ.

އަކްޝޭގެ "ރަކްޝާ ބަންދަން" އަކީ އަދި ރިލީޒްނުކުރާ އޭނާގެ ލޯބީގެ ފިލްމު "އަތުރަންގީ ރޭ" ގެ ޑައިރެކްޓަރު އާނަންދު އެލް ރާއީ ހަދާ އާއިލީ ފިލްމެކެވެ. މިއީ ކުރިން މި އަހަރުގެ ނޮވެމްބަރު 5 ގައި ރިލީޒްކުރާ ގޮތަށް އިއުލާންކުރި ފިލްމެކެވެ. "ރަކްޝާ ބަންދަން" އަކީ އަކްޝޭ އާއި އޭނާގެ ހަތަރު އަންހެން ބެއިންގެ ގުޅުން ފެނިގެން ދާނެ ފިލްމެކެވެ. މީގެ ބަތަލާ އަކީ ބޫމީ ޕިޑްނޭކަރެވެ.

ޖޯންރާގެ ގޮތުން ބަލާ އިރު އަކްޝޭ އާއި ޕްރަބާސްގެ ފިލްމު ވަރަށް ވެސް ތަފާތެވެ. އެހެންވެ އެއް ދުވަހެއްގައި ރިލީޒްކޮށްގެން ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިޔަޔަސް، ދެ ފިލްމުގެ ވިޔަފާރި އަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އަކްޝޭގެ "ސޫރިޔަވަންޝީ" އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭގައި ރިލީޒްކުރަން ނިންމާފައި އިރު، އަންނަ އަހަރު ރިލީޒްވާން ހުރި އޭނާގެ ފިލްމުތަކުގެ ތެރޭގައި އަންނަ ޖެނުއަރީ 21 އަށް ތާވަލުކޮށްފައި އޮތް "ޕްރިތުވީރާޖް" އާއި މާޗް 4 އަށް ތާވަލުކޮށްފައި އޮތް "ބައްޗަން ޕާންޑޭ" ގެ އިތުރުން އަންނަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ރާމް ސެތޫ" ހިމެނެ އެވެ.

ކުރިން މި އަހަރުގެ ޖުލައި ގެނެސްދޭން އުޅުނު ޕްރަބާސްގެ އަސަރު ގަދަ ލޯބީގެ ފިލްމު "ރާދޭ ޝާމް" މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 14 އަށެވެ.