Roadha Mihaaru
ޕްރަބާސްއާ އެކު "އާދިޕުރުޝް" ގައި ކްރިތީ؟

ޕްރަބާސްއާ އެކު "އާދިޕުރުޝް" ގައި ކްރިތީ؟

01 ޑިސެމްބަރ 2020

"ބާހްބަލީ" ގެ ފިލްމުތައް ކުޅެގެން މަޝްހޫރުވި ތެލެގޫ އެކްޓަރު ޕްރަބާސް ދާދި ފަހުން ސޮއިކުރި ފިލްމު "އާދިޕުރުޝް" ގެ ބަތަލާގެ ރޯލަށް ކްރިތީ ސެނަން ގެންނަން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ބާހްބަލީ" ގެ ފިލްމުތައް ކުޅެގެން މަޝްހޫރުވި ތެލެގޫ އެކްޓަރު ޕްރަބާސް ދާދި ފަހުން ސޮއިކުރި ފިލްމު "އާދިޕުރުޝް" ގެ ބަތަލާގެ ރޯލަށް ކްރިތީ ސެނަން ގެންނަން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން މީޑިއާތަކުން ރިޕޯޓްކޮށްގައިވާ ގޮތުގައި މި އަހަރުގެ ކުރީކޮޅު އަޖޭ ދޭވްގަނާއި ސައިފް އަލީ ޚާނާ އެކު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރު އޯމް ރައުތު ހަދާ ފިލްމުގެ ބަތަލާގެ ރޯލު އަނުޝްކާ ޝަރުމާ އަށް ހުށަހަޅާފައިވެ އެވެ. އެކަމަކު އޭނާ މި ވަގުތު އިނީ ބަލިވެ އެވެ. ކްރިކެޓް ތަރި ވިރާޓް ކޯލީގެ އަންހެނުން ވިހާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ފިލްމީ މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި "އާދިޕުރުޝް" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ކަމަށްވާތީ އަނުޝްކާ ފިލްމަށް ވަގުތު ހުސްކުރާނެ އެވެ. ނަމަވެސް އޭނާގެ ބަދަލުގައި މިހާރު ވިދަމުން އަންނަ ޒުވާން ބަތަލާ ކްރިތީ ފިލްމަށް ގެންނަން ނިންމާފައިވާ ކަމަށްވެ އެވެ. އެކަމަކު އަދި މި ވާހަކަ "އާދިޕުރުޝް" ގެ ޓީމުން ކަށަވަރެއް ނުކޮށްދެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ވަރަށް ބިޔަ ޕްރޮޖެކްޓެއްގެ ގޮތުގައި ހަދަން ނިންމާފައިވާ "އާދިޕުރުޝް" އަކީ ޕްރަބާސްގެ ބަތަލުގެ ރޯލު އަދި ސައިފް ވިލަންގެ ރޯލް ކުޅޭ ފިލްމެކެވެ.

ރިޕޯޓްތައް ބުނާގޮތުން ކްރިތީއާ މެދު ފިލްމުގެ ޓީމުން ސީރިއަސްކޮށް ވިސްނަމުން އަންނަ އިރު ބަތަލާގެ ރޯލަށް ވާދަކުރާ ކަމަށް ބެލެވޭ ބަތަލާއިންގެ ތެރޭގައި ކިއާރާ އަދުވާނީ އާއި "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީ އާއި ނެޝަނަލް އެވޯޑް ހޯދާފައި ދެކުނުގެ ބަތަލާ ކީރްތީ ސުރޭޝް ވެސް ހިމެނެ އެވެ. އެކަމަކު ފިލްމަށް ނަގާނެ ކަމަށް ބެލެވެނީ ބޮލީވުޑްގެ އޭ-ލިސްޓް ބަތަލާއެއް ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

"ލުކާ ޗުއްޕީ" އާއި "ޕާނިޕަތު" އާއި "ދިލްވާލޭ" ފަދަ ފަދަ ފިލްމުތައް ކުޅުނު ކްރިތީ މި ވަގުތު އަންނަނީ "ހަމް ދޯ ހަމާރޭ ދޯ" ގެ މަސައްކަތްކުރަމުންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި ވަރުން ދަވަންގެ "ބޭޅިޔާ" ހިމެނެ އެވެ.

ކްރިތީ ދެން އެންމެ އަވަހަށް ފެންނާނީ "މިމީ" އިންނެވެ. މިދިޔަ އަހަރު ޝޫޓިން ނިންމައިލި އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"އާދިޕުރުޝް" އަކީ އޮގަސްޓް 11، 2022 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމެކެވެ.