Roadha Mihaaru
ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރަން ބޮޑު ބަދަލެއް ބޭނުން

ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރަން ބޭނުންވަނީ ބޮޑު ބަދަލެއް

29 އޮކްޓޯބަރ 2020

ބޮޑެތި ފައިސާވެރިންނާއި، ކަނާއަތު ފިޔައިގެ ސިޔާސީ ފަރާތްތަކުންނާއި، ކެޕިޓަލިސްޓް ފަލްސަފާ ކުރިއަރުވާ އިގްތިސާދީ އިލްމުވެރިން އަދި މާހިރުންނާއި، އެތެރެ އާއި ބޭރުގެ މާލީ އިދާރާތަކުން އަދި ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން އަބަދުމެ ދައްކަމުން އަންނަ އެއް ވާހަކައަކީ އުފެއްދުންތެރިކަން އިތުރުކޮށް ގައުމުތަކުގެ އިގްތިސާދު ކުރިއަރުވާ ވާހަކަ އެވެ. އަދި މިކަމުން ގައުމުތަކުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އިތުރުވެ، ފުދުންތެރިކަން އިތުރުވާނެ ގޮތްތަކެވެ. ޖީޑީޕީއަކީ މާރުކޭޓުގައި ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި (އާއްމުކޮށް އަހަރަކަށް) ގައުމަކުން އުފައްދާ މުދަލާއި ހިދްމަތުގެ އަގު ބަލާ ނިޒާމެކެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ އުފެއްދުންތެރިކަން އިތުރުކޮށް ގައުމުތަކުގެ އިގްތިސާދު ކުރިއަރާ ދާއިރު ކުރާ ނެދެވޭ އަސަރުތަކާއި ކުރިމަގުގައި ދިމާވާނެ ފޫނުބެދޭ ބޮޑެތި ގެއްލުންތަކުގެ މައްޗަށެވެ.

ބޮޑެތި ފައިސާވެރިންނާއި، ކަނާއަތު ފިޔައިގެ ސިޔާސީ ފަރާތްތަކުންނާއި، ކެޕިޓަލިސްޓް ފަލްސަފާ ކުރިއަރުވާ އިގްތިސާދީ އިލްމުވެރިން އަދި މާހިރުންނާއި، އެތެރެ އާއި ބޭރުގެ މާލީ އިދާރާތަކުން އަދި ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން އަބަދުމެ ދައްކަމުން އަންނަ އެއް ވާހަކައަކީ އުފެއްދުންތެރިކަން އިތުރުކޮށް ގައުމުތަކުގެ އިގްތިސާދު ކުރިއަރުވާ ވާހަކަ އެވެ. އަދި މިކަމުން ގައުމުތަކުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އިތުރުވެ، ފުދުންތެރިކަން އިތުރުވާނެ ގޮތްތަކެވެ. ޖީޑީޕީއަކީ މާރުކޭޓުގައި ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި (އާއްމުކޮށް އަހަރަކަށް) ގައުމަކުން އުފައްދާ މުދަލާއި ހިދްމަތުގެ އަގު ބަލާ ނިޒާމެކެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ އުފެއްދުންތެރިކަން އިތުރުކޮށް ގައުމުތަކުގެ އިގްތިސާދު ކުރިއަރާ ދާއިރު ކުރާ ނެދެވޭ އަސަރުތަކާއި ކުރިމަގުގައި ދިމާވާނެ ފޫނުބެދޭ ބޮޑެތި ގެއްލުންތަކުގެ މައްޗަށެވެ.

އިގްތިސާދު ކުރިއެރުން ކަނޑައަޅާ މިންގަނޑު ފުރަތަމަ ފަހަރަށް ބަލަން ފެށުނީ 1937 ގައި ސިމޯން ކުޒްނިއަތްސް، ނެޝަނަލް ބިއުރޯ އޮފް އިކޮނޮމިކްސް އަށް ހުށައެޅި ކަރުދާހަކަށް ފަހުގަ އެވެ. ނަމަވެސް ޖީޑީޕީ އަކީ އުފެއްދުންތެރިކަމާއި އިގްތިސާދު ކުރިއަރާ މިންގަނޑެއް ކަމަށް ބަލައި ގައުމުތައް ފަންތިކުރަމުން އަންނަ ގޮތާ މެދު އެތައް މައްސަލަތަކެއް އެބަ ހުއްޓެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ރައްޔިތުންގެ މެދުގައި މުދަލާއި ފައިސާ ބެހިގެންދާ ގޮތް ބެލޭނެ ގޮތް ނެތުމެވެ. ރާއްޖޭގައި ޖީޑީޕީ މިހާރު ބޮލަކަށް ޖެހެނީ އަހަރަކަށް 10,790 އެމެރިކާ ޑޮލަރެވެ. ނަމަވެސް އާއްމު ރައްޔިތުންނަށް މިވަރު ބެހިގެންނެއް ނުދެ އެވެ. މިކަމުން ދޭހަވަނީ އެއް އަހަރުން އަނެއް އަހަރަށް ޖީޑީޕީ މަތިވި ކަމުގައިވިޔަސް ގިނަ ރައްޔިތުންނަށް އޭގެ ރާހަތެއް ނުކުރާކަމެވެ. ގައުމުގެ އާމްދަނީ އިތުރުވިޔަސް އާންމު ރައްޔިތަކަށް އެ އިތުރުވުމަކުން ލިބޭ ސީދާ ފައިދާއެއް ނެތްކަމެވެ.

މި ނިޒާމުގައި ހުރި މައިގަނޑު އެހެން މައްސަލަތަކަކީ ރައްޔިތުންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން މި ނިޒާމުން ބެލޭނެ ގޮތެއް ނެތުން، އަރާމުކުރުން ނުވަތަ ހިތް އުފާކުރުވާ ވަގުތު (ލެޝާ ޓައިމް) ބެލޭނެ ގޮތް ނެތުން، އެއްވެސް އަގަކާ ނުލައި ހިތުންރުހުމުން ކޮށްދޭ މަސައްކަތް ބެލޭނެ ގޮތެއް ނެތުން، މުދަލާއި ހިދުމަތް އަގުކުރެވެނީ ހަމައެކަނި ރަސްމީ މާރުކޭޓު ނުވަތަ ބާޒާރު ކަމުން އެކަކު އަނެކަކަށް މުދާ ބަދަލުކުރާ ކުރުން (ބާޓާ ސިސްޓަމް) ބެލޭނެ ގޮތެއް ނެތުން، އަދި އުފެއްދުންތެރިކަން އިތުރުކުރުމުން ތިމާވައްޓަށް ކުރާ ގެއްލުން ބެލޭނެ ގޮތެއް ނެތުމެވެ.

ގުދުރަތީ މުއްސަނދިކަން އިތުރަށް ނެތި ދިއުން

ދުނިޔޭގެ ކޮންމެ އިގްތިސާދެއް ވެސް ބިނާކުރަނީ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށެވެ. އެހެނީ ދުނިޔޭގައި އުފެދޭ އަދި އުފައްދާ ހުރިހާ އެއްޗަކީ ގުދުރަތީ ވަސީލަތްތަކުން އުފައްދާ ތަކެއްޗެވެ. އެކި ބާވަތުގެ ގޮވާމާއި، މޭވާ އާއި ތަރުކާރި، ގެދޮރު އިމާރާތް ކުރުމަށް ބޭނުންކުރާ މައުދަނާއި އަދި ހިފާގެންގުޅޭ ހުރިހާ އެއްޗަކީ ވެސް ގުދުރަތީ ވަސީލަތްތައް ބޭނުން ކޮށްގެން އުފައްދާ ތަކެއްޗެވެ. މި ތަކެތި ހެޔޮ ގޮތުގައި ޒަމާނުންސުރެން އިންސާނުން އައީ ބޭނުން ކުރަމުންނެވެ. މައްސަލަ މެދުވެރިވި ހިސާބަކީ ބޮޑެތި ފައިސާވެރިން ހައްދެއްނެތި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް، އިންތިހާއަށް ބޮޑެތި ފައިދާ ނަގައި ނުހައްގުން އަމިއްލަ މުއްސަނދިކަން އިތުރުކުރާން ފެށުމެވެ. ބޭނުންވާ ވަރަށް ވުރެން އިތުރަށް ތަކެތި އުފެއްދުމާއި، އިސްރާފު ބޮޑުވެ، އެއްޗެތީގެ އަގު ކޮންޓްރޯލު ކުރުމަށް އެއްޗެތި އުކާލައި، އަދި އެކި ކަހަލަ ތަރައްގީ އާއި ޓެކްނޮލޮޖީގެ ނަމުގައި އެތައް މައުދަނެއް އިސްރާފުކޮށް ބޭކާރު ގޮތުގައި ހުސްކުރަމުން ގެންދިއުމެވެ.

ރާއްޖެއަށް ނަޒަރު ހިންގާލާއިރު ގުދުރަތީ ގޮތުން ލިބިފައިވަނީ ރީތި މޫދާއި، ދޮންވެލީގެ އަރާމު ގޮނޑުދޮށްތަކާއި، ފަރުތަކާއި މި ތަންތަނުގައި އުޅޭ ކުލަކުލައިގެ މަސްމަހާމެއްސާއި، މުރަކައިގެ ބަގީޗާތަކާއި، ކުޅިތަކާއި ފާތަކާއި އަދި މި ތަންތަނުގައި ދިރިއުޅޭ އެތައް ބިލިޔަން ދިރޭ ތަކެއްޗެވެ. ވޭތުވެ ދިޔަ 48 އަހަރު ތެރޭގައި ރާއްޖޭގެ އިގްތިސާދު ބިނާކޮށް ކުރިއެރުވީ މަތީގައި މި ބުނި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް ޓުއަރިޒަމް ތަރައްގީކޮށް ފުޅާކޮށްގެނެވެ. ނަމަވެސް ޓުއަރިޒަމް ސިނާއަތުގައި ތިމާވެށީގެ ގެއްލުން ދަނީ ކުރިމަތިވަމުންނެވެ. ފަޅުތައް ހިއްކުމުން ފަރުތަކަށް ލިބޭ ގެއްލުމާއި، ހިއްކާ ރަށްތަކަށް އެހެން ރަށްރަށުން ރުއްގަސް އުފުރައިގެން ގެންދިއުމާއި، އަދި ގުދުރަތީ ރީތި ފަޅުތަކާއި ކަނޑޫފާތައް ހިއްކައިގެން އެއާޕޯޓުތައް ތަރައްގީކުރުން ދަނީ އިތުރުވަމުންނެވެ. ބޮޑެތި އިންޖީނުތައް ހިންގުމަށް ތެޔޮ އަންދައި ވިހަ ގޭސް ޖައްވައް ބޭރުކޮށް، ޕްލާސްޓިކާއި މިނޫން ވެސް ތިމާވެއްޓަށް ގެއްލުން ދެނިވި ވިހަ މާއްދާތައް ބޭނުންކުރުން ވަނީ އިންތިހާއަށް ގިނަވެފަ އެވެ.

ކެޕިޓަލިސްޓް (ބޮޑެތި ފައިސާވެރިން ކޮންޓްރޯލް ކުރާ) އިގްތިސާދެއްގައި އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދު ފުޅާކުރުމުން މަސައްކަތްތެރިންގެ މިނިވަންކަމާއި އެތައް ހައްގުތަކެއް ގެއްލި ދެ އެވެ. މިހެން މެދުވެރި ކުރުވާ ސަބަބަކީ ސިނާއަތްތައް ކޮންޓްރޯލު ކުރަނީ ބޮޑެތި ފައިސާވެރިންނާއި ބޮޑެތި ސިޔާސީ ފަރާތްތަކުން ގުޅިގެން ކަމަށް ވާތީ އެވެ.

މޯލްޑިސް އެސޯސިއޭޝަން ފޮ ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުން ނަގާ އެންމެ ބޮޑު އެއް މައްސަލައަކީ ޕްލާސްޓިކް ގިނަވުމެވެ. ނަމަވެސް ހައިރާންވާން ޖެހޭ ކަމަކީ ރާއްޖޭގައި އެންމެ ގިނައިން ޕްލާސްޓިކް އުފައްދަނީ ޓުއަރިޒަމް އިންޑަސްޓްރީގެ ބޮޑެތި ފަރާތްތަކާއި ސަރުކާރާ ގުޅިގެންކަމެވެ. ދާދި ފަހުން އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ވެސް ދުނިޔޭގައި މައިކްރޯ ޕްލާސްޓިކް އެންމެ ގިނަ އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. އަދި މިކަމުގެ ސަބަބުން މޫދުގައި ދިރިއުޅޭ މަސްމަހާ މެހި އަދި މިތަކެއްޗަށް ބަރޯސާވެ ދިރިއުޅުން އާރާސްތުކުރާ ފަރާތްތަކަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ހިތާމައަކީ ރާއްޖޭގެ ތިމާވެށި ނާޒުކު ފައްތަރެއްގައި ވީހިނދު ވެސް ގެންލުންދެނިވި އެތައް ކަމެއް އުފެއްދުންތެރިކަން އިތުރުކޮށް، އިގްތިސާދު ކުރިއެރުވުމުގެ ނަމުގައި ކެނޑިނޭޅި ކުރަމުން ދާކަމެވެ. ގުދުރަތީ ވަސީލަތްތަކަކީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކޮށްދޭ ވަސީލަތްތަކެއްކަން އެނގި ތިބެ ވެސް މި ތަންތަން ހަލާކުކޮށް އުފެއްދުންތެރިކަން އިތުރުކުރުމުގެ ނަމުގައި އެތެރެ އާއި ބޭރުގެ ނުފޫޒު ގަދަ ފައިސާވެރިންނާއި ސިޔާސީ ފަރާތްތަކުން ކުރަމުން ދާކަމެވެ. މިކަންކަމުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ ޖަޒީރާ ރީތިކަން ދަނީ ނެތި ގެއްލެމުންނެވެ. އިގްތިސާދު ބިނާކުރާ ގުދުރަތީ ވަސީލަތްތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ހަލާކުވަމުން، ފަނާވަމުން، ނެތެމުންނެވެ. ފަރުތައް ހަލާކުވެ، ރަށްގިރުން އިތުރުވެ، ރުކާއި ގަސްގަހުން ލިބެމުން އައި މަންފާ ދަނީ އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންނެވެ. މިއިން އެއްވެސް ކަމަކަށް އަޅާލުމެއް، ވިސްނުމެއް ނެތެވެ.

މަސައްކަތްތެރިން އިތުރަށް އަޅުވެތި ވުން

އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުން ކުރާ ދެވަނަ ވަސީލަތަކީ މަސައްކަތްތެރިންނެވެ. އުފެއްދުންތެރިކަން އިތުރު ކުރަނީ މަސައްކަތްތެރިން ލައްވާ ގިނަ ވަގުތު ބުރަ މަސައްކަތް ކުރުވައިގެނެވެ. މިހެން ވުމުގެ ސަބަބަުން އުފެއްދުންތެރިކަން އިތުރުވީ ކަމުގައިވިޔަސް މަސައްކަތްތެރިން އިތުރަށް އަޅުވެތިވެ، ކުރާ މަސައްކަތުން ލިބޭ އެއްވެސް ފައިދާއެއް މަސައްކަތްތެރިންނަކަށް ނުލިބެ އެވެ. އުފެއްދުންތެރިކަން އިތުރުވި ވަރަކަށް ފައިސާވެރިން ދަނީ އިތުރަށް މުއްސަނދިވަމުންނެވެ. އަދި މަސައްކަތްތެރިން އިތުރަށް ދިޔައީ ފަގީރު ވަމުންނެވެ. މި ކަން ޔަގީންކޮށްދޭ އެންމެ ބޮޑު އެއް މިސާލަކީ މުޅި ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ މުދަލަށް ވުރެން ދުނިޔޭގެ އެންމެ މުއްސަނދި އަށް ފައިސާވެރިންގެ މުދާ ގިނަކަމެވެ.

ރާއްޖެއަށް ބަލައިލާ ނަމަ އެންމެ ގިނަ މަސައްކަތްތެރިން މަސައްކަތް ކުރަނީ ޓުއަރިޒަމް ސިނާއަތުގަ އެވެ. ރިޒޯޓުތަކުގައި މަސައްކަތްކުރާ ގިނަ މަސައްކަތްތެރިން ވަޒީފާގެ ގާނޫނުގާ ބުނާ އަށް ގަޑި އިރަށް ވުރެން އިތުރަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރެ އެވެ. އެކަމަކު މަސައްކަތްތަކަށް ލިބެން ޖެހޭ ހަމަ އުޖޫރަ ގިނަ މަސައްކަތްތެރިންނަކަށް ނުލިބެ އެވެ. މި ގޮތުން މި ސިނާއަތުގެ އުޖޫރަ ކުޑަވުމާއި، ސާވިސް ޗާޖް ނުލިބުން ނުވަތަ މަދުވުން، ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ގެންގުޅުމާއި އާއިލާއާ ދުރުގައި މަސައްކަތް ކުރަން ޖެހުމާއި މި ދާއިރާގައި އަންހެނުންނަށް އޮންނަ ފުރުސަތު މަދުވުމަކީ ސިނާއަތް ފެށުނީންސުރެން ދައްކަމުން އައި ވާހަކަތަކެވެ. މި ވާހަކަ ދައްކާތާ 48 އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް މަސައްކަތްތެރިންނަށް ލިބުނު ކުރިއެރުމެއް ނެތެވެ. ވަޒީފާއާ ގުޅޭ ގޮތުން ހެދިފައިވާ ގާނޫނަށް ދާދީ ފަހުން ގެނައި ބަދަލުތަކުން ވެސް މަސައްކަތްތެރިންނަށް ކުރިން ލިބިފައިވާ މިނިވަންކަމާއި ހައްގުތައް ވެސް ވަނީ އިތުރަށް ހަނިކޮށްފަ އެވެ.

ކެޕިޓަލިސްޓް (ބޮޑެތި ފައިސާވެރިން ކޮންޓްރޯލް ކުރާ) އިގްތިސާދެއްގައި އުފެއްދުންތެރިކަން އިތުރުކޮށް އިގްތިސާދު ފުޅާކުރުމުން މަސައްކަތްތެރިންގެ މިނިވަންކަމާއި އެތައް ހައްގުތަކެއް ގެއްލި ދެ އެވެ. މިހެން މެދުވެރި ކުރުވާ ސަބަބަކީ ސިނާއަތްތައް ކޮންޓްރޯލު ކުރަނީ ބޮޑެތި ފައިސާވެރިންނާއި ބޮޑެތި ސިޔާސީ ފަރާތްތަކުން ގުޅިގެން ކަމަށް ވާތީ އެވެ. ކިތަންމެ ގާނޫނަކާއި ގަވާއިދެއް އަދި ކަންކަން ބެލުމަށް މުއައްސަސާތަކެއް އުފެއްދިޔަސް މަސައްކަތްތެރިންނަށް މިނިވަންކަމެއް ދުވަހަކު ވެސް ނުލިބެ އެވެ. އުފެއްދުންތެރިކަން އިތުރުވެ އެންމެ ކުޑަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓުން ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރިކަމުގައިވިޔަސް ރާއްޖޭގެ ގިނަ ރައްޔިތުން ދަނީ ދުވަހެއް ދުވަހަކަށް ފަގީރުވަމުންނެވެ.

މިކަން ބަދަލުކުރެވޭނީ ކިހިނެއް؟

ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށް ހަމައެކަނި މަދު ބަޔަކު މުއްސަނދިވުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. ޒަމާނުންސުރެން ބާރާއި، ނުފޫޒު، މުދަލާއި ފައިސާ ހުރި ފަރާތްތަކުން ދަނީ ސިނާއަތްތައް ކޮންޓްރޯލުކޮށް، މަސައްކަތްތެރިން ލައްވާ "އަޅު މަސައްކަތް" ކުރުވާ އޭގެ ފައިދާ ނަގަމުންނެވެ. ފެންނަން އޮތް ހަގީގަތަކީ ޓުއަރިޒަމް އާއި އެހެނިހެން ސިނާއަތްތަކުން އުފެއްދުންތެރިކަން އިންތިހާއަށް އިތުރުކޮށް އިގްތިސާދު ކުރިއެރުވުމަކުން ވެސް ހަމަޖެހޭ އުފާވެރި ދިރުއުޅުމެއް އަދި ފާގަތި މުސްތަގުބަލެއް އާއްމު ގިނަ ރައްޔިތުންނަށް ނުލިބޭކަމެވެ.

އުފެއްދުންތެރިކަމާއި އިގްތިސާދީ ކުރިއެރުމުގެ އިތުރުން ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދިީ ހާލަތު މިނާ އެކިއެކި ނިޒާމުތައް ހުރެ އެވެ. މިސާލަކަށް ހިއުމަން ޑިވޮލޮޕްމަންޓް އިންޑެކްސް (ގައުމުގެ އިންސާނީ ކުރިއެރުން ބަލާ މިންގަނޑު) އަދި ގިނީ ކޮއެފިޝަންޓް (އާމްދަނީ އަދި ރައުސްމާލް ނަހަމަ ގޮތުގައި ބެހެމުންދާ މިންގަނޑު) އާއި ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ލިބިދޭ މިންވަރު ދެނެގަތުމަށް ހަދާފައިވާ ތަފާތު އިންޑިކޭޓާސްތަކެވެ. މީން ކޮންމެ ނިޒާމަކަށް ވަކިވަކިން ބަލާއިރު އެތައް މައްސަލަތަކެއް ހުރެ އެވެ. އަދި މި މައްސަލަތައް ވަކިވަކިން ހައްލުކުރަން އުޅުނަސް ނުފުދެ އެވެ. މިސާލަކަށް ގިނީ ކޮއެފިޝަންޓުން ދައްކާ މުދާ ބެހުމުގެ ނަހަމަކަން ހައްލުކުރެވުނަސް، ޖިންސީ ތަފާތުކުރުން ރާއްޖޭގައި ބޮއްސުންލާފައި އޮތް ނަމަ މައްސަލަ މުޅިން ނިމުނީ ހެއްޔެވެ؟ ރައްޔިތުންނަށް އަދިވެސް ނޭއްގާނީ ހާލަތްތަކާއި ކުރިމަތިލާން ޖެހެ އެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކީ މިފަދަ އިންޑިކޭޓާޒްތަކަކީ ގުޅިލާމެހިފައިވާ ނިޒާމުތަކެއްކަން ދެނެގަނެ، ވަކިވަކިން މަސައްކަތް ކުރުމުގެ ބަދަލުގައި، މިއިން ކޮންމެ އިންޑިކޭޓަރެއް ދައްކަނީ ދިވެހިރާއްޖޭގެ ހާލަތުގެ ތަސްވީރެއް ކަން ދެނެގަނެ، ހުރިހާ ކަމަކަށް އެކީ މަސައްކަތް ކުރުމެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ އަމިއްލަ ޖެޓްތައް ވީއައިއޭގައި ޕާކްކޮށްފައި: ޓޫރިޒަމްގެ ނަފާ ބޮޑުވިޔަސް އިންޑަސްޓްރީގެ އެންމެންނަށް އޭގެ ހައްގު މިންވަރު ނުލިބޭ

ރާއްޖެ އައި ޓޫރިސްޓުންތަކެއްގެ އަމިއްލަ ޖެޓްތައް ވީއައިއޭގައި ޕާކްކޮށްފައި: ޓޫރިޒަމްގެ ނަފާ ބޮޑުވިޔަސް އިންޑަސްޓްރީގެ އެންމެންނަށް އޭގެ ހައްގު މިންވަރު ނުލިބޭ

ދެވަނަ އަށް އެންމެ މުހިންމު ކަމަކީ މި ނިޒާމުތައް އުފައްދާ އަދި ބަލާ ގޮތާ މެދު މައްސަލަތައް ހުރިކަމަށް ގަބޫލުކުރުމެވެ. މިފަދަ ނިޒާމުތަކަކީ އިންސާނުން، އެއިރެއްގެ ހާލަތަށް ބަލައިގެން އުފައްދާފައިވާ ނިޒާމުތަކެކެވެ. ނަމަވެސް އިންސާނީ ހަލޯރާތާއި ވިސްނުން ކުރިއަރައި ވަރަކަށް، އިޖްތިމާއީ ގޮތުން އިންސާނުން އުޅޭނޫޅޭ ގޮތާ މެދު ދެކޭ ދެކުން ވެސް ބަދަލުވެ އެވެ. މިސާލަކަށް މީގެ ދިހަ ވަރަކަށް އަހަރު ކުރިން މިންތީގެ ހަމަހަމަކަން ބެލުމަށް ބޭނުންކުރި އެއް އުކުޅަކީ ގާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންނަށް ލިބިދޭ ގޮނޑީގެ އަދަދު ގުނުމެވެ. ނަމަވެސް މި ނިޒާމު މިއަދު މިވަނީ ރަނގަޅު ނޫން ނިޒާމެއްކަން ފާޅުވެފަ އެވެ. މިހާރު އެނގޭ ގޮތުގައި އަންހެނުން ބާރުވެރިކުރުމަށް ހަމައެކަނި މަޖިލީހުން ގޮނޑިޔެއް ހަމަޖައްސާލައިގެން ނުފުދި، އަންހެނުން ބާރުވެރިނުކުރުމަށް ކުޑައިރުއްސިރު ގެންގުޅޭ އިޖްތިމާއީ މިންގަނޑުތަކެއް (ޕޭޓްރިއާކީ) ވާކަން ވަރަށް ރީއްޗައް ފެނެ އެވެ. އެހެންކަމުން މިއަދު މިވަނީ ކުރިން ގެންގުޅުނު ނިޒާމު އަލުން މުރާޖައާކުރާން ޖެހިފަ އެވެ. ހަމަ އެ ބީދައިން، ޖީޑީޕީ އާއި ގިނީ ކޮއެފިޝަންޓާއި މިފަދަ ނިޒާމްތަކަކީ ވެސް ހާލަތަށް ރިއާޔަތްކޮށް ބަދަލުވެ، އިވޯލްވް ވާން ޖެހޭ ނިޒާމުތަކެކެވެ.

މިފަދަ ބޮޑެތި ކަންކަން ބަދަލުކުރެވޭނީ ހަމައެކަނި ބޭނުންވާ ވަރަށް ތަކެތި އުފައްދައި، އެހެން ފަރާތްތަކަށް ބަރޯސާވާވަރު ކުޑަކޮށް، އިސްރާފު މަދުކޮށް، ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް އަދި ސިނާއަތްތަކުގެ ކޮންޓްރޯލު މަސައްކަތްކުރާ ފަރާތްތަކަށް ހޯދިގެނެވެ. ޓުއަރިޒަމް އާއި، ދަނޑުވެރިކަމާއި މަސްވެރިކަން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތެރިން ކޮށްގެނެވެ. އަމިއްލަ މުއްސަނދިކަން އިތުރުކުރުމަށް ވުރެން އެންމެންގެ ލާބަ އާއި މަންފާއަށް ވިސްނައި، ފިކުރުކޮށް، އަދި މި ކަން ހާސިލްކުރަން ގަދައަޅައި މަސައްކަތްކޮށްގެނެވެ. މުދާ އިތުރުކޮށް މުދަލުގެ އަވާގައި ޖައްސާ މެޓީރިއަލިސްޓިކް ނުވަތަ ފައިސާ އާއި މުދާ އިތުރުކުރުމަށް ބަރޯސާވާ މާއްދީ ފައިދާގެ ދުނިޔެއިން ނުކުމެ ހަގީގީ ދެމެހެއްޓެނިވި އުފެއްދުންތެރިކަން ކުރިއަރުވައި ބޮޑެތި ފައިދާގެ ބަދަލުގައި އެންމެނަށް ހަމަޖެހޭ ދިރިއުޅުމެއް އާރާސްތު ކުރެވޭނެ އެންމެންގެ އިގްތިސާދެއް ބިނާކުރެވިގެނެވެ.

އެޑިޓަރުގެ ނޯޓް:

އަހްމަދު މުހައްމަދު (ފޯމީ) އަކީ މިނިވަންކަމާއި އިންސާނީ ހައްގުތައް ރައްކާތެރިކޮށް، އަދި ރައްޔިތުންނަށް ކަށަވަރުކުރަން ވަކާލާތުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގައި އިންސާނީ ހައްގުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ނަންގަވައިފަ އެވެ.