Roadha Mihaaru
ވެންޓިލޭޓަރު ކޮރަޕްޝަނަށް ފާރަވެރިވާން ޖެހޭ: ނަޝީދު

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަން ހިންގި މީހުންނަށް އަދަބު ދެވެންދެން މަޖިލިސް ފާރަވެރިވާން ޖެހޭ: ނަޝީދު

21 އޮކްޓޯބަރ 2020

ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކޮރަޕްޝަނަށް ޒިންމާވާންޖެހޭ މީހުންނަށް އަދަބު ދެވެންދެން ރައްޔިތުންގެ މަޖިލިސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކޮރަޕްޝަނަށް ޒިންމާވާންޖެހޭ މީހުންނަށް އަދަބު ދެވެންދެން ރައްޔިތުންގެ މަޖިލިސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުުމަތު ކުރެވޭ މައްސަލާގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފަ އެވެ. އެކަމަކު މިނިސްޓަރު އަމީން ވަކިކުރަން މަޖިލީހަށް އިއްޔެ މައްސަލަ ވައްދާފައި ވަނިކޮށް، އޭނާ ރޭ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، އޭސީސީގެ ތަހުގީގަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ. ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިންގި މީހުންނަށް ހައްގު އަދަބު ދީ އަދި ދައުލަތަށް ގެއްލުނު ފައިސާ ހޯދެންދެން މަޖިލީހުން ފާރަވެރިވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެއީ މަޖިލީހުގެ ޒިންމާއެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެ ފަރާތްތަކަށް ހައްގު އަދަބު ދެވި އަދި ދައުލަތަށް ގެއްލުނު ފައިސާ ދައުލަތަށް އަނބުރާ ހޯދުން. އެކަން ނިމެންދެން މި މަޖިލިސް މި މައްސަލާގައި ފާރަވެރިކަމާ އެކީގައި އޮތުމަކީ މި މަޖިލީހުގެ ގާނޫނީ ޒިންމާއެއް." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ޚިޔާނާތަށް ޖާގަ ނުދޭނެ ކަމަށް މެމްބަރުން ރައްޔިތުންނަށް ވަނީ ވައުދު ވެފަ އެވެ. މެމްބަރުން ތިއްބެވީ އެގޮތުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީ ނިންމުމާ އެކު، އޭސީސީ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެކަމަކު އެ ކޮމިޝަނުން ބުނެފައިވަނީ ދައުވާ ކުރަން ފޮނުވީ އެކަށީގެންވާ ހެކި ހުރެގެން ކަމަށެވެ.

އެ މައްސަލައިގައި އަމީން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން އިއްޔެ ފާސް ނުވިޔަސް، އެ ޕާޓީގެ 24 މެމްބަރެއްގެ ސޮޔާ އެކު އަމީން ވަކި ކުރުމުގެ މައްސަލަ ރޭ މަޖިލީހަށް ވެއްދި އެވެ. އަމީން މަގާމުން އިސްތިއުފާ ދެއްވީ ޖަވާބުދާރީވުމުގެ ނޯޓިސް ރޭ ފޮނުވާފައި ވަނިކޮށެވެ.