20 އޯގަސްޓް 2022
ކޮވިޑް-19 އަށް ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް އަނބުރާ ފޮނުވާލާފައިވާތީ، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އަށް މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފައިލްކޮށްފި އެވެ.
ކޮވިޑް-19 އަށް ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް އަނބުރާ ފޮނުވާލާފައިވާތީ، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު އަށް މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފައިލްކޮށްފި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާ އަށް ހޯދަން ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ވެ އެވެ. އެ ރިޕޯޓު ނެރުމާ އެކު އޭސީސީން ކުރި ތަހުގީގަށް ފަހު ދައުވާކުރަން އެދުނީ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 11 މީހެއްގެ މައްޗަށެވެ.
އެކަމަކު ދައުވާ އުފުލޭ ވަރުގެ ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ދައުވާނުކޮށް އަނބުރާ ފޮނުވައިލީ އެވެ. މި މައްސަލައިގައި ކުރީގެ ކޮމިޝަނާއި ޕީޖީ އޮފީހާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް އުފެދި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އަރައިރުންތަކެއް ދިޔަ އެވެ.
އިސްލާހު ކުރަން ޕީޖީން އެދުނު ކަންކަން ރަނގަޅުކޮށް ދައުވާކޮށްދޭން އޭސީސީގެ ކުރީގެ ކޮމިޝަނުން ތިން ފަހަރަށް ފޮނުވި އެވެ.
އެ މައްސަލަ އޭސީސީގެ މިހާރުގެ ކޮމިޝަނުން ހަތަރު ވަނަ ފަހަރަށް މިދިޔަ ޖޫން މަހު ޕީޖީ އޮފީހަށް ފޮނުވީ ޑިއުޓީ ޕްރޮސިކިއުޝަނަށެވެ. ޕީޖީ އޮފީހުން ނިންމީ އޭގެ ތެރެއިން އަށް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަންގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ މިއަދު ވިދާޅުވީ އަށް މީހެއްގެ މައްސަލަ ކޮމިޝަނުން ފައިލްކުރިޔަސް ތިން މީހަކާ މެދު ޕީޖީން އަދި ގޮތެއް ނުނިންމާތީ އެ މީހުންގެ މައްސަލަތައް ފައިލެއް ނުކުރެ އެވެ.
ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރަން އޭރު ނިންމީ އޭސީސީން ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އިދާރީ މައްސަލަތަކެވެ.
އެކަމަކު އޭސީސީން ވަނީ ޕީޖީގެ ވާހަކަތައް ދޮގުކޮށްފަ އެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ދައުވާކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފޮނުވާފައި ވާނީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް މަންފާ ލިބިފައި ހުރީ ކޮން ބަޔަކަށް ކަމާއި ފައިސާ ހުރި ތަނެއް އެނގެން މަޖުބޫރު ނޫން ކަމަށާއި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ފަދަ ގޮތަކަށް އަމަލު ކުރިކަން ސާބިތުވާ މިންވަރަށް މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ދައުވާކުރަން އެދުނީ އޭސީސީން ބުނެފައިވާ ގޮތުގައި ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދީފައިވާތީ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ.
އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ހެލްތު މިނިސްޓްރީން ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.
ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސްއަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ބޮޑު ބައި ނުލިބި ލަސްވެގެން ދާތީ ސަރުކާރުން ވަނީ އެންމެ ފަހުން ދުބާއި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކޮށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.
ވެންޓިލޭޓަރުތައް ހޯދަން 34 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްގެން މައްސަލަ ބޮޑުވެ ބެލިއިރު އެއީ، ހަމުގެ ފަރުވާއާ ގުޅޭ ކްލިނިކެކެވެ. ދުބާއީގެ އެގްޒެކިއުޓާސް އިން ކްލިނިކެއް ހިންގުން ފިޔަވައި އިތުރު ވިޔަފާރިތަކެއް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު އާއްމުކޮށްފައެއް ނުވެ އެވެ.
އެކަމަކު ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރި ކުންފުނިން މިހާރު ވަނީ ވިޔަފާރި ފުޅާކޮށްފަ އެވެ.
ކުރިން އަޑު ނުއިވޭ ވިޔަފާރިތަކެއް އެގްޒެކިއުޓާސް އިން ހިންގާ ކަމަށް ވެބްސައިޓުގައި ލިޔެފައިވެ އެވެ. ކުރިން ވެބްސައިޓު ވެސް ޑައުންކޮށްފައިވާ ކުންފުނިން މައުލޫމާތު އާއްމުކުރަން ފެށީ ވަރަށް ފަހުންނެވެ. އެކަމަކު ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކަމުގެ ރެކޯޑެއް ނެތެވެ. އޮތީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް ފޯރުކޮށްދޭ ކަމަށެވެ.
ވެންޓިލޭޓަރު ފޯރުކޮށްނުދީ ވިޔަފާރިފުޅާކުރާ ކުންފުނިން، ވަނީ ވެންޓިލޭޓަރު ގަތުމަށް ދިން ފައިސާ އަނބުރާ ދިވެހި ސަރުކާރަށް ދައްކަން ވެސް ދެކޮޅު ހަދައިފަ އެވެ. އެހެންވެ އެގްޒެކިއުޓާސްގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިދޭން އެދި ހެލްތު މިނިސްޓްރީން މައްސަލަ އޮތީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރާނެ ހެއްކެއް ނެތް
ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމައިފި
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރު މައްސަލަ އޮތީ ފަހު މަރުހަލާގައި: އޭސީސީ
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް
ވެންޓިލޭޓަރު މައްސަލައިގެ ނިންމުން ރިވިއުކޮށްދޭން އެދެފި
ވެންޓިލޭޓަރުގެ މައްސަލަ ނޭވާ ހޮޅިއަށް އެޅުނީތަ؟