Roadha Mihaaru
15 ދުވަސް ތެރޭ 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން

15 ދުވަސް ތެރޭ 8،000 އަށް ވުރެ ގިނަ ޓޫރިސްޓުން

21 އޮކްޓޯބަރ 2020

މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 8،350 ޓޫރިސްޓުން ރާއްޖެ އަށް އަތުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 8،350 ޓޫރިސްޓުން ރާއްޖެ އަށް އަތުވެއްޖެ އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިދިޔަ މަހުގެ މި މުއްދަތާ އަޅާ ބަލާއިރު 56 ޕަސެންޓުގެ އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ އައީ 4،458 ޓޫރިސްޓުންނެވެ،

މި މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 2،308 ޓޫރިސްޓުންނެވެ. ރަޝިއާގެ ދަތުރުތައް ރާއްޖެ އަށް ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތުން، މިހާތަނަށް އެ ގައުމުން 4،373 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

ތަފާސްހިސާބުތައް ހާމަކކޮށް އިމިގްރޭޝަނުން ކުރި ޓްވީޓެއް--

ރަޝިއާގެ ޓޫރިސްޓުންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން އިތުރުވުމާ ގުޅިގެން އެ ގައުމުގެ އެއިރޯފްލޮޓް އެއާލައިންގެ ދަތުރުތައް ވަނީ އިތުރު ކޮށްފަ އެވެ. އަދި އިތުރު އެއާލައިނެއްގެ ދަތުރުތައް މި މަހުގެ ތެރޭގައި ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އެމެރިކާއިންނެވެ. އެއީ 656 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މި މަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި އިނގިރޭސި ވިލާތާއި އިންޑިއާ އަދި ފްރާންސް ހިމެނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ 15 ޖުލައިގަ އެވެ. އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހަށް ބޮޑަރު ހުޅިުވިތާ ތިން މަސް ވީ އެވެ. ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 27،217އަށް އަރައިފަ އެވެ.