Roadha Mihaaru
މިދިޔަ މަހު އައި ޓޫރިސްޓުން 81 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު އައި ޓޫރިސްޓުން 81 ޕަސެންޓް އިތުރުވެއްޖެ

04 އޯގަސްޓް 2021

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ޖޫން މަހާ އަޅާ ބަލާއިރު 81 ޕަސެންޓް އިތުރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ޖޫން މަހާ އަޅާ ބަލާއިރު 81 ޕަސެންޓް އިތުރުވެއްޖެ އެވެ.

އިމިގްރޭޝަނުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު 101،818 ޓޫރިސްޓުން ރާއްޖެ އައެވެ. މިއީ މި އަހްރު ފެށިފަހުން ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ދެވަނަ މަހެވެ. މިދިޔަ ޖޫން މަހު ރާއްޖެ އައީ އެންމެ 56،166 ޓޫރިސްޓުންނެވެ.

ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ޖޫން މަހު ދަށްވީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރުން އިތުރުވުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާ ކުރުމާ ގުޅިގެންނެވެ. ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ރާއްޖެ އަލުން ހުޅުވާލީ މިދިޔަ މަހުގެ 15 ގަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެއީ 18،153 ޓޫރިސްޓުންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އިންޑިއާ އިން އައިއިރު، އެ ގައުމުން 15 ދުވަސް ތެރޭ 13،520 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން އައި އެހެން ގައުމުތަކުގެ ތެރޭގައި ސައުދީ އާއި ޖަރުމަނާއި އެމެރިކާ އަދި ސްޕެއިނާއި ބްރެޒިލް ހިމެނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ އަލުން ހުޅުވާލުމުން ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ މަހު ދުވާލަކު 3،284 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް 626،314 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެ އެވެ.