Roadha Mihaaru
ބޯޑަރު ހުޅުވިފަހުން އައީ އެންމެ 560 ޓޫރިސްޓުން

ބޯޑަރު ހުޅުވިތާ ހަފުތާއެއް، އައީ އެންމެ 560 ޓޫރިސްޓުން

22 ޖުލައި 2020

ރާއްޖޭގެ ބޯޑަރު ހުޅުވިތާ ހަފްތާއެއްވިއިރު މިހާތަނަށް އައީ އެންމެ 560 ޓޫރިސްޓުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ ބޯޑަރު ހުޅުވިތާ ހަފްތާއެއްވިއިރު މިހާތަނަށް އައީ އެންމެ 560 ޓޫރިސްޓުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވި ފުރަތަމަ ހަތަރު ދުވަހު ޓޫރިސްޓުން އައި އަދަދު ނިސްބަތުން ގިނަ އެވެ. އެގޮތުން ފުރަތަމަ ހަތަރު ދުވަހު 443 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. ނަމަވެސް ވޭތުވެދިޔަ ތިން ދުވަހު އައީ އެންމެ 117 ޓޫރިސްޓުންނެވެ.

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމުތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތައް ހިމެނޭއިރު އެންމެ ގިނައިން ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެއީ 87 ޓޫރިސްޓުންނެވެ.

އިނގިރޭސިވިލާތުން ވަނީ އެ ގައުމުގެ ބޯޑަރުތައް ހުޅުވާލައި ބައެއް ގައުމުތަކަށް ލުއިތަކެއް ދީފަ އެވެ. ނަމަވެސް މި ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނެ އެވެ. އެހެންކަމުން ރާއްޖެ އަށް އައިސް އެނބުރި އިނގިރޭސިވިލާތަށް ދާ ޓޫރިސްޓުންނާއި ރާއްޖޭން އެ ގައުމަށް ދާ ޓޫރިސްޓުން 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބެން ޖެހޭނެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު ވަނީ ބޯޑަރު ހުޅުވުމުން ގިނަ ބަޔަކު ރާއްޖެ އަންނަން ޝައުގުވެރިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބޯޑަރު ހުޅުވުމަށް ފަހު ހަފްތާއެއްވިިއިރު އައި ޓޫރިސްޓުންގެ އަދަދު އާއްމުކޮށް ހަފްތާއެއްގެ ތެރޭގައި ޓޫރިސްޓުން އަންނަ އަދަދާ ކައިރި ވެސް ނުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީއާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިގޮތުގައި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވާން ދެތިން މަސް ނަގާނެ އެވެ. އަދި މި ދުވަސްވަރު ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމާ ގުޅުގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ހަތަރު މަސް ދުވަސް ވަންދެން ޓޫރިޒަމް ހުއްޓިފައި އޮތުމުން މިއަހަރު އަންނާނެ ކަމަށް މިހާރު ލަފާ ކޮށްފައިވަނީ 850،000 ޓޫރިސްޓުންނެވެ.