Roadha Mihaaru
މަސްލަހަތު ފުށުއަރާތީ ޝިފާގެ ފައިލެއް ނުބަލަން: ޝަމީމް

މަސްލަހަތު ފުށުއަރާތީ ޝިފާގެ ފައިލެއް ނުބަލަން: ޝަމީމް

21 އޮކްޓޯބަރ 2020

މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ފޮނުވި މައްސަލައިގައި އޭނާގެ މަސްލަހަތު ފުށުއަރާތީ ތަނާޒުލްވެވަޑައިގެން ހުންނެވި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ފޮނުވި މައްސަލައިގައި އޭނާގެ މަސްލަހަތު ފުށުއަރާތީ ތަނާޒުލްވެވަޑައިގެން ހުންނެވި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން ވެންޓިލޭޓަރުތައް ހޯދުމުގައި ދައުވާ އުފުލައިދޭން އޭސީސީން ފޮނުވި މައްސަލަ އަނބުރާ ގެނައި ސަބަބު ތަފްސީލް ކޮށްދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ވަނީ ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ތަފާތުކުރުން ގެންގުޅެނީ ކީއްވެތޯ ސުވާލު އުފައްދައި ޝިފާގެ މައްސަލަ މިސާލެއްގެ ގޮތުގައި ނަގައިފަ އެވެ.

ޕީޖީ ވިދާޅުވީ ޝިފާގެ މައްސަލައިގައި އެއްޗެއް ވިދާޅުވާން "ލާހިކެއް ނޫން" ކަމަށާއި އެއީ ގާނޫނުގައި ބުނާ ގޮތުން އެ މައްސަލައިގައި އޭނާގެ މަސްލަހަތު ފުށުއަރާތީ ކަމަށެވެ. ޝިފާއަކީ ދެބެއިންގެ ދެދަރި ބޭކަނބަލެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ޝިފާގެ ފައިލެއް ނުުބަލަން، އަދި ނުވެސް ދެކެން އަޅުގަނޑެއް. އެ މައްސަލައިން އަޅުގަނޑު ވާނީ ތަނާޒުލްވެފައި،" ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި، އޭނާގެ ބެއްލެވުމުގެ ދަށުން ހިނގާ މައްސަލަތަކުގައި ބައްލަވަނީ ވީހާ ވެސް އަވަހަށް، އެންމެ ރަނގަޅަކަށް ކުރިއަށް ގެންދެވޭތޯ އެވެ. މައްސަލައެއް ޕްރޮސެސްކުރަން ނަގާ އެވްރެޖް މުއްދަތަކީ 10 ދުވަސް ކަަމަށާއި ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި ވެސް ބައެއް މައްސަލަތައް ނިންމާ ކަމަށް ވިދާޅުވި އެވެ.

އެވްރެޖް މުއްދަތަށް ވުރެ ޝިފާގެ މައްސަލަ ވަނީ ޕީޖީ އޮފީހުގައި ލަސްވެފަ އެވެ. އެ މައްސަލައިގައި ދައުވާ ކޮށްދޭން އެދުނީ މިދިޔަ މަހުގެ 29 ގަ އެވެ. އެހެންކަމުން މިހާރު މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ތިން ހަފުތާވީ އެވެ. އެންމެ ފަހުން ބުނެފައި ވަނީ މައްސަލަ ދިރާސާކުރަމުން އަންނަ ކަމަށެވެ.

އޭނާ އަށް އެއްޗެއް ވިދާޅުނުވެވުނަސް ޝިފާގެ މައްސަލައިގެ ތަފްސީލެއް ދޭން ޕީޖީ އޮފީހުގެ މީޑިއާގައި އެދިވަޑައިގަންނަވާނެ ކަަމުގެ ޔަގީންކަން ޝަމީމް ނޫސްވެރިންނަށް އިއްޔެ ދެއްވި އެވެ.

ޝިފާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލީ ލޮނުޒިޔާރަތްކޮޅުގައި ހަދާ ޕާކުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން ދޭން ނިންމާފައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަަމށް ބުނެ އެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެއީ، އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެކެވެ.

އެ މަސައްކަތް އަމިންއާ ހަވާލުކުރުމުގައި، ތިން ފަރާތެއްގެ ކޯޓޭޝަން ހަމަކޮށް، ސިޓީ ކައުންސިލްގެ ބިޑް ކޮމިޓީ އަށް ހުށަހެޅިއަސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމެއް ނެތި ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. މިގޮތަށް ދިޔަ ކަމެއްގައި މަސައްކަތް ފެށުމުގެ ހުއްދަ ދިނީ ޝިފާ ކަމަށާއި އެއީ މައްސަލައެއްގެ ގޮތުގައި އޭސީސީން ވަނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

މި ތުހުމަތަށް ރައްދު ދެއްވަމުން ޝިފާ ވިދާޅުވެފައި ވަނީ އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މޭޔަރުގެ ޒިންމާގައި ވެސް އޭނާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ނުވަތަ މުދަލާ މެދު ކޮރަޕްޝަން ހިންގި މީހެއް ނޫން ކަމަށާއި އޭނާ ދަންނަ މާލޭގެ ގިނަ ރައްޔިތުންނަށް އެކަން ސާފުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.