Roadha Mihaaru
ބައެއްކަންކަން އިސްލާހުކުރަން ޝިފާގެމައްސަލަ ފޮނުވާލައިފި

ޝިފާގެ މައްސަލައިގައި ބައެއް ކަންކަން އިސްލާހު ކުރަން އަނބުރާ އޭސީސީ އަށް ފޮނުވާލައިފި

09 ނޮވެމްބަރ 2020

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނުތާ ދޮޅު މަސް ފަހުން، އެ މައްސަލަ އަނބުރާ އެ ކޮމިޝަނަށް މިއަދު ފޮނުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި މޭޔަރު ޝިފާ މުހައްމަދަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނުތާ ދޮޅު މަސް ފަހުން، އެ މައްސަލަ އަނބުރާ އެ ކޮމިޝަނަށް މިއަދު ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިރޭ ވިދާޅުވީ، އޭސީސީން މިދިޔަ ސެޕްޓެމްބަރު 29 ގައި ހުށަހެޅި މައްސަލަ އަނބުރާ ފޮނުވައިލީ ބައެއް ކަންކަން އިސްލާހުކުރަން ޖެހޭތީ، އެ ކަންކަން ފުރިހަމަކުރުމަށް ފަހު އަލުން ހުށަހެޅުމަށް ކަމަށެވެ. އޭގެ ތެރޭގައި ދައުވާ ކުރުމުގެ ކުރިން އިސްލާހު ކުރަންޖެހޭ ކަންކަމާއި ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންކަން ހިމެނެ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުން ލަސްވަމުން ދާތީ ޕީޖީ ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވީ ޝިފާ އަކީ ދެބެއިންގެ ދެދަރި ބޭފުޅަކަށް ވެގެން މަސްލަހަތު ފުށުއަރާތީ މައްސަލައިން ތަނާޒުލްވެވަޑައިގެން ހުންނެވި ކަމަށެވެ.

އޭސީސީން ބުނިގޮތުގައި، ލޮނުޒިޔާރަތްކޮޅުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތު ކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން އިން ނިންމާފައި ވަނީ ލިޔެކިޔުމެއް ނެތި ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށެވެ. މިއީ އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލު ކުރެވެން އޮތް މަސައްކަތެއް ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

"ބިޑް ކޮމިޓީން ނުވަތަ މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީ ގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކަމަށް ވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ މުހައްމަދުކަން މި ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގަށް ފާހަގަކުރެވެ އެވެ،" ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.

ނަމަވެސް ޕާކު ތަރައްގީ ކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެކަން މީޑިއާގެ ސަމާލުކަމަށް އައުމުން އޮކްޓޯބަރު 30، 2019 ގައި ޝިފާ ވިދާޅުވެފައި ވަނީ އެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ހުށަހެޅުމުން، ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި ސިލްސިލާ ހަމާލަތަކާ އެކުގައި ކަމަށެވެ. އެގޮތަށް ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ މެޔަށް އަމާޒު ކޮށްފައިވާ "އެއް ހަމަލާ" ކަމަށް ވިދާޅުވި އެވެ.

"މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް އަޅުގަނޑުގެ މައުސޫމުކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަގީންކަން ﷲގެ އިރާދަފުޅުން އެބައޮތެވެ،" އޮކްޓޯބަރު 1 ގައި ޝިފާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.