Roadha Mihaaru
"ފާސްޓް އެންޑް ފިއުރިއަސް" ނިންމާލަނީ

ކުރިއަށް އޮތް ތިން ފިލްމާ އެކު "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒް ނިންމާލަނީ

23 އޮކްޓޯބަރ 2020

ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރެއިން "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރިއަށް އޮތް ތިން ފިލްމާ އެކު، މީގެ ވާހަކަ ނިމުކަކަށް ގެންނަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރެއިން "ފާސްޓް އެންޑް ފިއުރިއަސް" ގެ ކުރިއަށް އޮތް ތިން ފިލްމާ އެކު، މީގެ ވާހަކަ ނިމުކަކަށް ގެންނަން ނިންމައިފި އެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މި ފްރެންޗައިޒް ނިމުމަކަށް ގެންނަން ނިންމި އިރު، މީގެ ފުރަތަމަ ފިލްމު "ދަ ފާސްޓް އެންޑް ދަ ފިއުރިއަސް" ބެލުންތެރިންނަށް ގެނެސްދިނީ 2001 ގަ އެވެ. އޭގެ ފަހުން މިހާތަނަށް އަށް ފިލްމު ގެނެސްދީފައިވެ އެވެ. އެއީ 2 ފާސްޓް އެންޑް 2 ފިއުރިއަސް (2003) އާއި ދަ ފާސްޓް އެންޑް ފިއުރިއަސް: ޓޯކިއޯ ޑްރިފްޓް (2006) އާއި ފާސްޓް އެންޑް ފިއުރިއަސް (2009) އާއި ފާސްޓް ފައިވް (2011) އާއި ފާސްޓް އެންޑް ފިއުރިއަސް 6 (2013) އާއި ފިއުރިއަސް 7 (2015) އަދި ދަ ފޭޓް އޮފް ދަ ފިއުރިއަސް (2017) އެވެ.

މި ސީރީޒްގެ ނުވަ ވަނަ ފިލްމު "އެފް9" ކުރިން މި އަހަރު ގެނެސްދޭން ނިންމި ނަމަވެސް ކޮވިޑް-19އާ ހެދި މިހާރު ވަނީ އަންނަ އަހަރުގެ މެއި 28 އަށް ފަސްކޮށްފަ އެވެ.

ޖަސްޓިން ލިން ޑައިރެކްޓްކޮށް އެ ފިލްމު ގެނެސްދޭ އިރު، 10 ވަނަ 11 ވަނަ ފިލްމު ވެސް ޑައިރެކްޓްކުރާނީ އޭނަ އެވެ. ޖަސްޓިން އަކީ ކުރިން ވެސް "ފާސްޓް އެންޑް ފިއުރިއަސް" ސީރީޒްގެ ތިން ފިލްމެއް ޑައިރެކްޓްކޮށްފައިވާ މީހެކެވެ. އެ ތިން ފިލްމަކީ ފާސްޓް އެންޑް ފިއުރިއަސް (2009) އާއި ފާސްޓް ފައިވް (2011) އަދި ފާސްޓް އެންޑް ފިއުރިއަސް 6 (2013) އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" 2001 ގައި ފެށި ފަހުން މީގެ އެންމެ އާންމު މޫނަކީ ޕްރޮޑިއުސަރެއްގެ ދައުރު ވެސް އަދާކުރާ ވިން ޑީޒެލެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އަދި ޝޫޓިން ވެސް ނުފަށައި އޮތް ސީރީޒްގެ 10 އާއީ 11 ވަނަ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މިހާތަނަށް ކާސްޓްގައި ހިމެނުނު މައިގަނޑު ހުރިހާ ތަރިންތަކެއް ވެސް ބައިވެރިކޮށްގެންނެވެ. "ފާސްޓް އެންޑް ފިއުރިއަސް" ފެށިގެން އައި ދުވަސްވަރު މީގެ ވަރަށް މުހިއްމު ތަރިއެއް ކަމަށްވާ ޕޯލް ވޯކާ ވަނީ 40 އަހަރުގައި 2013 ގައި އެކްސިޑެންޓެއްގައި މަރުވެފަ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަށް ނިންމައިލަން ހަމަޖެއްސި އިރު، މީގެ ބައެއް ކެރެކްޓާތަކުން ކުރިފަޅުވައިގެން ވަނީ ސްޕިން-އޮފެއް ވެސް މިދިޔަ އަހަރު ގެނެސްދީފަ އެވެ. އެއި ޑްވޭން ޖޯންސަން (ރޮކް) އާއި ޖޭޒަން ސްޓެތަމް ޓައިޓްލް ރޯލްތައް ކުޅުނު "ހޮބްސް އެންޑް ޝޯ" އެވެ. އޭގެ ސީކްއެލްއެއް ގެނެސްދޭން ނިންމާފައި އިރު، އަންހެން ކާސްޓެއް ލީޑްކުރާ ފާސްޓްގެ ފިލްމެއް ވެސް ގެނެސްދޭން ހަމަޖެހިފައިވެ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަށް ބިނާކޮށް ސިލްސިލާތަކާއި ކުރު ފިލްމާއި ވީޑިއޯ ގޭމްތައް ވެސް ހަދާފައިވެ އެވެ.