Roadha Mihaaru
"އެފް9" އާ އެކު ސިނަމާ ވިޔަފާރި އަށް އުންމީދެއް

"އެފް9" އާ އެކު ސިނަމާތަކުގެ ވިޔަފާރި އަށް ބޮޑު އުންމީދެއް

01 ޖުލައި 2021

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ސިނަމާތައް ބަންދުކުރަން ޖެހި، ސިނަމާތަކުގެ ވިޔަފާރި ގެއްލިފައިވާތާ ދޮޅު އަހަރެއްހާ ދުވަސްވެފައިވާ އިރު މިހާރު އިންޓަނޭޝަނަލް ސިނަމާތަކުގައި ދައްކަމުން އަންނަ "އެފް9" އަކީ 2019 ގެ ފަހުން މިހާތަނަށް ސިނަމާތަކުގައި އެޅުވި ފިލްމުތަކުގެ އެންމެ ރަނގަޅަށް ހިނގަމުން އަންނަ އަދި ސިނަމާތަކުގެ ވިޔަފާރި އަށް އާ އުންމީދުތަކެއް ގެނެސްދިން ފިލްމަށްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކޮވިޑް-19އާ ހެދި ސިނަމާތައް ބަންދުކުރަން ޖެހި، ސިނަމާތަކުގެ ވިޔަފާރި ގެއްލިފައިވާތާ ދޮޅު އަހަރެއްހާ ދުވަސްވެފައިވާ އިރު މިހާރު އިންޓަނޭޝަނަލް ސިނަމާތަކުގައި ދައްކަމުން އަންނަ "އެފް9" އަކީ 2019 ގެ ފަހުން މިހާތަނަށް ސިނަމާތަކުގައި އެޅުވި ފިލްމުތަކުގެ އެންމެ ރަނގަޅަށް ހިނގަމުން އަންނަ އަދި ސިނަމާތަކުގެ ވިޔަފާރި އަށް އާ އުންމީދުތަކެއް ގެނެސްދިން ފިލްމަށްވެއްޖެ އެވެ.

"އެފް9" އަކީ ހޮލީވުޑް މަޝްހޫރު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިސް" ގެ ނުވަ ވަނަ ބަ އެވެ. ކުރިން މިދިޔަ އަހަރުގެ ކުރީކޮޅު އަޅުވަން ޕްލޭންކޮށްފައި އޮއްވައި ކޮވިޑާ ހެދި އެކި ފަހަރު މަތިން ރިލީޒްކުރުން ފަސްކުރަމުން ގޮސް، އެންމެ ފަހުން ފިލްމު ރިލީޒްކުރީ މި މަހުގެ 25 ގަ އެވެ. އޭގެ ފަހުން ސިނަމާތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެ، ބޮކްސް އޮފީހުގައި ފިލްމު އަންނަނީ ބޮޑު ކާމިޔާބުއެއް ހޯދަމުންނެވެ.

ހޮލީވިޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި "އެފް9" އަކީ 2019 ގައި ރިލީޒްކުރި "ސްޓާ ވޯސް: ދަ ރައިޒް އޮފް ސްކައިވޯކާ" އަށް ފަހު، ސިނަމާތަކުގައި އެންމެ ރަނގަޅަށް ހިނގަމުން އަންނަ ފިލްމެވެ. އެގޮތުން ފިލްމު ރިލިޒްކުރި ހަފުތާގައި އުތުރު އެމެރިކާގައި އެކަނި ވެސް ފިލްމަށް ހަފުތާ ބަންދުގައި 70 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މިހާތަނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން ބޮކްސް އޮފީހުގައި ފިލްމަށް ޖުމްލަ 412.2 މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެެ. ޖަސްޓިން ލިން ޑައިރެކްޓްކުރި "އެފް9" އަކީ ގާތްގަނޑަކަށް 225 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މީގެ ކާސްޓްގައި ވިން ޑީޒެލް، ޝާލީޒް ތެރޮން، ޖޯން ސީނާ، މިޝެލް ރޮޑްރިގޭޒް، ހެލެން މިރެން، ކާޓް ރަސަލް، ޓައިރީޒް ގިބްސަން އަދި ކްރިސް ބްރިޖެސް ފަދަ އޭ-ލިސްޓް ތަރިން ހިމެނެ އެވެ.

ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެފައި ގޮތުގައި "އެފް9" އަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު މިއީ ދެން އަނެއްކާ ވެސް ސިނަމާތަކުގެ ވިޔަފާރި ކުރިއެކޭ އެއްގޮތަށް ހަމައަކަށް އެޅެން ފެށުމުގެ ވަރަށް ބޮޑު ހެއްކެކެވެ.

މި އަހަރު ރިލީޒްކުރަން ހުރި އިތުރު ބޮޑެތި ފިލްމުތަކުގެ ތެރޭގައި އޮކްޓޯބަރު 8 އަށް ތާވަލުކޮށްފައި އޮތް ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާއި ނޮވެމްބަރު 19 އަށް ތާވަލުކޮށްފައި އޮތް ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވެރިކް" ހިމެނެ އެވެ.

މި ދެ ފިލްމަކީ ވެސް ކޮވިޑާ ހެދި މި އަހަރަށް ފަސްކުރި ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުތަކެވެ.