Roadha Mihaaru
ކޮމިޓީން ނިންމީ އެއްވާން ހުއްދަ ނަގަން ނުޖެހޭ ކަމަށް

ހުއްދަ ނުހޯދައި މާލޭގައި އެއްވެ އުޅެވޭނެ ކަމަށް ކޮމިޓީން ފާސްކޮށްފި

22 އޮކްޓޯބަރ 2020

މާލޭގައި އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދައާ އެކުގައި ކަމަށް އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލައި ހުއްދަ ނުނަގައި އެއްވެ އުޅެވޭނެ ކަމަށް ކަނޑައަޅަން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި އެއްވެ އުޅެވޭނީ ފުލުހުންގެ ހުއްދައާ އެކުގައި ކަމަށް އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލައި ހުއްދަ ނުނަގައި އެއްވެ އުޅެވޭނެ ކަމަށް ކަނޑައަޅަން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

އެ ކޮމިޓީން ވަނީ އެއްވެ އުޅުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާ މެދު އިއްޔެ މަޝްވަރާކޮށް ގޮތްތަކެއް ނިންމައިފަ އެވެ. މައިގަނޑު ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގޮތަށް އެއްވެ އުޅުމުގެ ހައްގު ދޫކޮށްލުމެވެ.

ހުއްދަ ނުނަގައި އެއްވާން ހުރަސްއަޅަން ގެނައި އިސްލާހު، (އެއްވެ އުޅުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ޅ.) އުވާލަން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ އިއްތިފާގުންނެވެ. އެއާއެކު، ހުއްދަ ނަގައިގެން މުޒާހަރާކުރަން އޮތް ހުރަސް ނެތުނީ ކަމަށް ކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.

އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ގާނޫނާ ޚިލާފު އަމަލުތަކާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތައް (މިހާރު ވެރިކަން ކުރާ ކޯލިޝަނުން) ސިލްސިލާކޮށް މުޒާހަރާކުރަން ފެށުމުން އެކަމަށް ހުރަސްއެޅުމުގެ ގޮތުންނެވެ. އެ އިސްލާހުގައި ވަނީ، ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު ތަސްދީގުކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަކު އެ އިސްލާހާ އެއްގޮތަށް ހުއްދަ ހޯދައިގެން މުޒާހަރާކުރަން މި ވެރިކަމުގައި ހޯމް މިނިސްޓްރީން ވެސް އިއުލާންކުރި އެވެ. އެއާއެކު ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވި އެވެ.

އެ އިސްލާހާ އުވާލުމާ މެދު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިނިސްޓަރު އިމްރާންގެ ލަފައަކަށް އެހުމުން، އޭނާ ވިދާޅުވެފައި ވަނީ އިސްލާހު އެއްކޮށް އުވާލަން ތާއީދުނުކުރައްވާ ކަމަށެވެ. ގާނޫނުތަކާއި ގަވާއިދުތަކުން ދެވެން އޮތް އެންމެ ފުޅާމިނަކަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ބޭނުންވާ ކަމަށާއި އެކަމަކު، އެ އިސްލާހު އުވާނުލުމަކީ އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް އިމްރާން ވިދާޅުވެފައި އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދު ވެސް ވިދާޅުވެފައި ވަނީ ކުރީގެ ސަރުކާރުގައި ގެނައި އިސްލާހުގައި، އެއްވެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަަމަށް އޮތަސް އެއަށް ވުރެން ފުޅާކޮށް މިހާރު ވެސް އަންނަނީ ފުރުސަތު ދެމުންނެވެ. ކާނިވާ ސަރަހައްދުގައި ނޫނަސް ޕީޕީއެމުން ސިލްސިލާކޮށް، ބާއްވަމުން އަންނަ އެއްވުންތަކަށް ވެސް ފުރުސަތު ދޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮމިޓީގައި ހޯމް މިނިސްޓްރީ އާއި ފުލުހުން މިގޮތަށް ބުނެފައިވިޔަސް ކޮމިޓީގެ ނިންމުމަކީ އެއްވެ އުޅުމުގައި ހުއްދަ ހޯދަން ނުޖެހުމެވެ.