Roadha Mihaaru
އެންމެން މާލެ އެއްކުރިޔަސް ރިޔާސަތު ހިސޯރެއް ނުކުރެވޭނެ

ރާއްޖޭގެ އެންމެން މާލެ އަށް އެއްކުރިޔަސް، ރިޔާސަތު ހިސޯރެއް ނުކުރެވޭނެ: މޫސަ

23 މާޗް 2017

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހި، މާލެ އަށް މީހުން ގެނެސްގެން، މަޖިލީހުގެ އިދާރާ ވަށައިލިޔަސް ރިޔާސަތަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ މެދު އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހި، މާލެ އަށް މީހުން ގެނެސްގެން، މަޖިލީހުގެ އިދާރާ ވަށައިލިޔަސް ރިޔާސަތަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އަންނަ ހޯމަދުވަހުގެ ޖަލްސާ އަށް އެޖެންޑާކުރާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާއިރު، މަޖިލިހުގެ ޗެމްބަރުގެ ތެރޭގައި ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ.

މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، މަޖިލިހުގެ މި ދައުރުގައި ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އަދި މަޖިލިސް ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް މޫސަ ދޮގުކުރެއްވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ތަފާތު ކަންކަން ރާވަމުން އެބަދެ އެވެ.

"ރާއްޖޭގެ އެންމެން މާލެ ގެނަޔަސް، އެންމެން މަޖިލިސް ވަށާލައިގެން ހިސޯރުކޮށް ބިރު ދެއްކިޔަސް، އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ވެއްދީ މަސީހުގެ މައްސަލައިގެ ޖަލްސާ ވަކި ގޮތަކަށް ގެންދަން ވެގެން. އެކަމަކު އެހެނެއް ނުވާނެ،" މޫސަ ވިދާޅުވި އެވެ.

މަސީހަށް ތައުރީފް ކުރައްވަމުން މޫސަ ވިދާޅުވީ އެއީ މަޖިލީހަށް ހުށަހެޅޭ ކޮންމެ މައްސަލައެއް އެޖެންޑާކޮށް، އަޣުލަބިއްޔަތުން ކަންކަން ނިންމެވުމުގައި ވަރަށް ގިނަ މަސައްކަތްޕުޅެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ރިޔާސަތުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ މެމްބަރުންނަށް ހަމަހަމަކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ރިޔާސަތުން ނުދޭ މައްސަލަ އެވެ. ނަމަވެސް އެ ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި މެމްބަރުން ވާހަކަ ދައްކަވާ ވަގުތު ކަނޑައަޅަނީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާތައް އަވަސް އަވަހަށް ބޭއްވުމާއި ބިލުތައް ހުށަހަޅައިގެން ފާސް ކުރުމަކީ އާ ކަމެއް ނޫނެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި އޭނާ ހޭދަކުރެއްވި ދިގު މުއްދަތުގައި ބިލްތަކުގެ ތިން ކިޔުން އިއްވައިގެން ޖަލްސާތައް ބާއްވާފައި ހުރި ކަމަށެވެ.

މޫސަ ވަނީ މަޖިލިހުގެ މި ދައުރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަކުރައްވައި، މަޖިލީހުން ނިންމާފައިވާ ބައެއް ކަންކަމާ ގުޅޭ މައުލޫމާތު ވެސް ނޫސްވެރިންނާ ހިއްސާ ކުރައްވައިފަ އެވެ.

މޫސަ ވިދާޅުވި ގޮތުގައި މިހާތަނަށް އައިއިރު، 137 ބިލެއް ހުށަހަޅައި 133 ބިލެއް ވަނީ ނިންމައިފަ އެވެ. މަޖިލީހަށް ހުށަހެޅި ފަސް ގަރާރުގެ މަސައްކަތް ނިމިފައި އޮތްއިރު، ސަރުކާރުން ހުށަހެޅި 115 މައްސަލައެއް ނިމިފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އަދި ދައުލަތުގެ ބަޖެޓްތައް ފާސްކޮށް، ރިޔާސަތުން ހުށަހެޅި 18 މައްސަލައެއް ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީޑިއާ އަށް މޫސަ ހިއްސާކުރެއްވި ހިސާބުތަކަށް ބަލާއިރު، މެމްބަރުން ހުށަހެޅުއްވި 15 މަސައްކަތެއް ނިމި، އެހެނިހެން މައްސަލަތަކާ ގުޅޭ 35 ރިޕޯޓެއްގެ މައްސަލަ ވެސް ވަނީ ނިމިފަ އެވެ. އަދި ވަޒީރުންނާ 52 ސުވާލެއް ކުރުމުގެ އިތުރުން އަށް ވަޒީރަކާ ސުވާލު ކުރަން ހުށަހަޅާފައިވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.