އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ، ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް އެކަނި ގާނޫނުއަސާސީ ބަދަލު ކުރެވޭހާ ބާރާ އެކު އެވެ. ސަރުކާރު ލިބުނަސް މަޖިލީހުގައި ބާރު ނެތިއްޔާ ކުރިމަތިވާނެ ފިއްތުންތައް ވަރަށް ހިތިކޮށް ތަޖުރިބާ، ކުރިން ވެސް ކޮށްފައިވާ އެމްޑީޕީން މަޖިލިސް 19 ގައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ފަޚުރުވެރިކަމާ އެކު އެވެ.
16 ޖޫން 2022
އެމްޑީޕީން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރީ، ފުރަތަމަ ފަހަރަށް އެއް ޕާޓީއަކަށް އެކަނި ގާނޫނުއަސާސީ ބަދަލު ކުރެވޭހާ ބާރާ އެކު އެވެ. ސަރުކާރު ލިބުނަސް މަޖިލީހުގައި ބާރު ނެތިއްޔާ ކުރިމަތިވާނެ ފިއްތުންތައް ވަރަށް ހިތިކޮށް ތަޖުރިބާ، ކުރިން ވެސް ކޮށްފައިވާ އެމްޑީޕީން މަޖިލިސް 19 ގައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދީ ފަޚުރުވެރިކަމާ އެކު އެވެ.
މިއަދު ވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގަ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައި އެމްޑީޕީގައި ފަހަރަކު ރެނދެއް އަޅައި، އެންމެ ފަހުން އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އެއް ބައި ސީދާ ސަރުކާރާ ދެކޮޅަށް ތެދުވަން ނިންމީ އެވެ.
އެ ކޯޅުގަނޑުގެ ތެރޭގައި މި ހުރިހާ ދުވަހު ކުޑަކުޑަ މައިނޯރިޓީގެ ގޮތުގައި އޮތް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ހަތަރު ފަސް މެމްބަރުން އަޑާއި ބާރު ވެސް ގަދަވެ ދެމިގެންފި އެވެ. ކުރިން 10 ވޯޓު ވެސް ހަމަ ނުވާ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް 20 އަށް ވުރެ ގިނަ ވޯޓު ލިބެ އެވެ. ބައެއްފަހަރު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އަތުން ދޫވެ ބައެއް ވޯޓު ފާސް ވާ ފަހަރު ވެސް އެބަ ދެ އެވެ.
މަޖިލީހުގައި މެމްބަރުން ތަމްސީލްވާ ގޮތް.
އެމްޑީޕީގެ ބިޔަ މެޖޯރިޓީ އަށް އައި މި ބަދަލާއެކު އިދިކޮޅާއި އޭގެ ވަށައިގެން އެނބުރޭ ކުދި ޕާޓީތައް ވެސް އެކި ކޮޅަށް ޖެހި، މުޅި މަޖިލީހުގެ ސިޔާސީ ކުޅިބައި ބަދަލުވާން ފަށައިފި އެވެ!
އެމްޑީޕީގެ ސުޕަ މެޖޯރިޓީ މިހާރު އޮތީ "ނަމެއްގައި" ކަމަށް ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެ އެވެ. އެއް ޕާޓީއެއް ވިޔަސް މަޖިލީހުގައި ތިއްބަވަނީ ސަރުކާރު މެމްބަރުންނާއި ނަޝީދުގެ މެމްބަރުންނެވެ. ފަހަކަށް އައިސް ސަރުކާރު ފަރާތުން ފޮނުވާ އެއްވެސް ބިލެއް ނަޝީދުގެ މެމްބަރުންނަށް ކަމަކު ނުދެ އެވެ. އަދި ނަޝީދު ފެކްޝަންގެ މެމްބަރުން ހުށަހަޅުއްވާ ގަރާރާއި ބިލުތައް ވެސް މުހިންމު ނުވެ ބޭރު ކޮށްލަ އެވެ.
އޭގެ ބަދަލުގައި ފެންނަ އާ ގުޅުމަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ނަޝީދު ފެކްޝަންގެ ގުޅުމެވެ. ފިކުރު ކިތަންމެ ތަފާތަސް މަޖިލީހުގައި ސަރުކާރަށް ފާޑު ކިޔުމާއި ސަރުކާރާ ދެކޮޅަށް ވޯޓުލުން ފަދަ، ސަރުކާރު ހިތްހަމަނުޖެހޭ ހުރިހާ ކަމެއްގައިހެން އެ ދެ ފަރާތުން މިހާރު ތިބެނީ އަތާ އަތް ގުޅާލައިގެންނެވެ. އިދިކޮޅަށް މިހާރު ހުރިހާ ފުރުސަތެއް އޮވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ "ސަރުކާރު މެމްބަރުން"ގެ އަދަދަކީ 46 އެވެ. ސަރުކާރުން ނެރޭ ވިޕްލައިންތަކަށް ތާއީދެއް ނެތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަޓްސެޕް ގްރޫޕުގައި ނަން ނޯޓު ކުރެއްވީ ނަޝީދު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ 19 މެމްބަރެކެވެ. އޭގެ އިތުރުން އެ ފެކްޝަނަށް ވާގިވެރިވާ އިދިކޮޅުގެ ނުވަ މެމްބަރުން ހިމަނައިގެން ސަރުކާރާ ދެކޮޅަށް 28 މެމްބަރުން ހަމަވެ އެވެ.
މަޖިލީހުގައި ބާކީ ތިއްބަވާ 14 މެމްބަރުންގެ ތެރެއިން އެމްއެންޕީއަކީ، އުފެދުނު އިރު "އިބޫގެ ޕާޓީ" ގޮތުގައި މަޝްހޫރުވި ޕާޓީއެކެވެ. ނަމަވެސް ފަހަކަށް އައިސް ތިން މެމްބަރުން ހިމެނޭ އެ ޕާޓީގެ ސްޓޭންޑަކީ ސަރުކާރާ ދެކޮޅު އިދިކޮޅު ޕާޓީއެއްގެ ސްޓޭންޑެވެ. ސަރުކާރުން ފޮނުވާ ބައެއް މައްސަލަތަކަށް ނޯ ޖަހަ އެވެ. އަނެއްބައި ފަހަރު އެ މައްސަލައެއްގެ ގޮތުން ސަރުކާރަށް ތާއީދު ވެސް ކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ ތިން މެމްބަރުންނާއި އެމްޑީއޭގެ ދެ މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން ފަސް މެމްބަރުން އާންމުކޮށް އެކި މައްސަލަތަކުގައި ވޯޓު ދެއްވަނީ އެކި ގޮތަށެވެ. މިސާލަކަށް ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އާއި ޑީއާރްޕީ އަށް ނިސްބަތްވާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފަދަ މެމްބަރުން ސަރުކާރުން ފޮނުވާ މައްސަލަތަކާ ދެކޮޅަށް ވޯޓު ދެއްވިޔަސް ބައެއް މައްސަލަތަކުގައި ސަރުކާރަށް ތާއީދު ވެސް ކުރައްވަ އެވެ.
އެހެންކަމުން ރައީސް ވިދާޅުވި ގޮތަށް އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އެމަނިކުފާނުގެ އަތްޕުޅުގަ އެވެ. ސަރުކާރުން ފޮނުވާ ބިލުތަކަށް ހުރަސް އެޅޭނެ ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތަކާ ގުޅިގެން ވެސް ނަޝީދަށް މަޖިލީހުގެ ބާރުތަކެއް އަނބުރައެއް ނުލެވެ އެވެ.
ނަމަވެސް ސަރުކާރަށް ސުޕަ މެޖޯރިޓީ ގެއްލިއްޖެ އެވެ. ގާނޫނުއަސާސީ ބަދަލު ކުރެވެނީ މަޖިލީހުގެ ހަތަރުބައި ކުޅަ ތިން ބައި މެމްބަރުންގެ ވޯޓާ އެކު އެވެ. މިހާރު 87 މެމްބަރުން ހިމެނޭ މި މަޖިލީހުގެ 65 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުން ވާނެ އެވެ. އެހެންކަމުން ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުއަސާސީ ބަދަލެއް ނުކުރެވޭނެ އެވެ.
އެކަން ކުރެވެން އޮތީ އެމަނިކުފާނާ ދެކޮޅަށް މިހާރު މަސައްކަތް ކުރައްވާ ނަޝީދު ފެކްޝަނާ އެއްގަލަކަށް އަރައިގެނެވެ. ނުވަތަ ޑީލެއް ހައްދަވައިގެނެވެ. މިހާރު ކަން ހިނގަމުން މިދާ ގޮތަކުން އެ ފުރުސަތެއް އޮތް ކަމަކަށް ނުދައްކަ އެވެ.
އޭގެ މާނައަކީ ސަރުކާރުން ވައުދު ފުއްދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ބޭނުން ވިޔަސް އެ ދޮރު މިހާރު އޮތީ ގާތްގަނޑަކަށް ބަންދުވެފަ އެވެ. ގާނޫނުއަސާސީ އަށް ގެންނަން ބޭނުންވާ އެހެން ބަދަލެއް ވެސް ނުގެނެވޭނެ އެވެ.
މި ކޯޅުންގަނޑުގެ ތެރޭގައި ނަޝީދު ފެކްޝަނުން ބޭނުންވާ ގޮތަށް ވޯޓުތައް އަނބުރޭ ނުލެވުނަސް މަޖިލިސް ރައީސްގެ ބާރުގެ ތެރެއިން ހިނގާ ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ އެވެ. މަޖިލީހުގެ މިއަދާ ހަމަޔަށް 15 ޖަލްސާ ބާއްވައި ސަރުކާރުގެ ފަރާތުން ނުވަ ބިލެއް ހުށަހަޅާފައިވާ އިރު އެއްވެސް ބިލެއް ކޮމިޓީ މަރުހަލާ އަށް ފޮނުވަން ވެސް ވޯޓަށް އަހައިފައެއް ނުވެ އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މި ހަފްތާގެ ފަހު ދުވަހު ހުރިހާ ބިލަކަށް އެއް ފަހަރާ ވޯޓަށް އައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާ ނިންމާލީ ނަޝީދު ފެކްޝަންގައި ހިމެނޭ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑު) ގެ ކުއްލި މައްސަލަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލަށް އެކަނި ވޯޓަށް އެހުމަށް ފަހު އެވެ.
އޭގެ އިތުރުން ސަރުކާރަށް ފާޑު ކިޔާ ފަރާތްތަކުގެ މައިކުގެ ކަނޑާ ނުލައި އެތައް ވަގުތެއް ވާހަކަ ދައްކަން ފުރުސަތު ދޭ ކަމާއި ސަރުކާރު މެމްބަރުންގެ މައިކު ދެ މިނެޓުން ކަނޑާލާ ކަމުގެ ޝަކުވާ އިންތިހާ އަށް އިތުރުވެއްޖެ އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް -- ފޮޓޯ: މަޖިލިސް
"މަޖިލީހުގެ މަސައްކަތަށް ފުދޭ ވަރަކަށް ދަތިވޭ. ސަރުކާރަށް ފާޑު ކިޔާ ބަޔަކަށް ވަގުތު ހަމަވެގެން މާ ގިނަ އިރުވާ އިރު ވެސް މައިކު ކަނޑާ ނުލައި ރިޔާސަތުން އެބަ ފުރުސަތު ދޭ. އެއީ އިންސާފުވެރި ގޮތެއް ނޫން،" މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަަރީފް "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރޭގައި ފެކްޝަންގެ ވާދަވެރިކަން ކިތަންމެ ބޮޑުވި ނަމަވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މާލީ އަދި އިގްތިސާދީ ކަންކަމުގައި ގައުމަށް ގެއްލުންވާ ގޮތަށް މަޖިލިސް މެމްބަރުން އަމަލު ކުރައްވައިގެން ނުވާނެ އެވެ. އިދިކޮޅު ފަރާތްތަކުން އެކަން ކުރާނަމަ އެއީ ޒިންމާދާރު އިދިކޮޅު ފަރާތެއް ނޫން ކަމަށާއި ނަމަވެސް އެމްޑީޕީ ތެރެއިން އެފަދަ ކަންކަން ފެނިގެން ދިޔުމަކީ ލަދުވެތި ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބިލު އޮންނަ ތަނެއްގައި އޮވެފައި ސަރުކާރަށް ފާޑު ކިޔަން ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްއެއް ގޮތަށް މަޖިލިސް ބޭނުން ކުރަނީ -- ޝަރީފް
"ބިލު އޮންނަ ތަނެއްގައި އޮވެފައި ސަރުކާރަށް ފާޑު ކިޔަން ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމްއެއް ގޮތަށް މަޖިލިސް ބޭނުން ކުރަނީ. ސަރުކާރަށް ފާޑު ކިޔުން ރަނގަޅު ބިލަކަށް ފާޑު ކިޔުން ވެސް ރަނގަޅު. އަޅުގަނޑަށް ކަމު ނުދަނީ ގައުމީ މުހިންމު މަސްލަހަތާއި ގައުމުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ނަގާ ސްޓޭންޑުތައް،" ޝަރީފް ވިދާޅުވި އެވެ.
އެންމެ ފަހުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕު ތެރޭގައި މައްސަލަ ހޫނު ވެސް ވީ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކަ ނަޝީދު ފެކްޝަންގެ މެމްބަރުން ދެއްކެވި ހިސާބުންނެވެ. އެކަމަށްޓަކައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވަން ގަސްތު ކުރެއްވި ގަރާރު ވެސް ޕީޖީން އެޕްރޫވެއް ނުވި އެވެ.
އެ ރުޅިގަނޑުގައި 19 މެމްބަރުން ނިކުމެ ވިޕްލައިންތަކާ ދެކޮޅުވާނެ ކަމަށް އިއުލާން ކުރުމުން މިހާރު ސަރުކާރު މެމްބަރުން ނިންމާފައި ވަނީ ވިޕްލައިންތަކާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ. ފަސް ފިޔަވަޅަށް ފަހު އެމްޑީޕީން ވަކި ކުރަން ވެސް ތިބީ ތައްޔާރަށެވެ.
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ: މަޖިލިސް
އެކަމާ ގުޅޭ ގޮތުން ނަޝީދަށް ތާއީދު ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް "މިހާރު" އަށް ވިދާޅުވި ގޮތުގައި ހިތްހަމަނުޖެހުން އޮތީ ސަރުކާރުން މައިނޯރިޓީ އަށް އެއްވެސް ފުރުސަތެއް ނުދޭތީ އެވެ. އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.
"ރައްޔިތުންނާ ގުޅޭ ކަންކަމުގައި ސަރުކާރާ ވާހަކަ ދައްކައިގެން މަޝްވަރާ ކޮށްގެން ވިޕް ނެރެން ޖެހޭނީ. ރައްޔިތުންނާ ގުޅޭ ކޮންމެ ކަމެއް އައިމަ ބޭރު ކުރަން ފަށައިފިއްޔާ އެއީ ގޯހެއް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގައި އަދިވެސް ރައްޔިތުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ މެމްބަރުން އެބަތިއްބެވެ. ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ނުކުރާތީ ފިޔަވަޅު އެޅިޔަސް އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ވިޕާ ހިލާފުވެގެން ފިޔަވަޅު އެޅިޔަސް ވަރިހަމަ. އަޅުގަނޑަށް މުހިންމީ ރައްޔިތުން. ރައްޔިތުންގެ ކަންކަމުގައި އެއްވެސް ޖެހިލުމެއް ނެތި އަޅުގަނޑު ވޯޓު އަޅާނަން -- އާޒިމް
"ވިޕާ ހިލާފުވެގެން ފިޔަވަޅު އެޅިޔަސް ވަރިހަމަ. އަޅުގަނޑަށް މުހިންމީ ރައްޔިތުން. ރައްޔިތުންގެ ކަންކަމުގައި އެއްވެސް ޖެހިލުމެއް ނެތި އަޅުގަނޑު ވޯޓު އަޅާނަން،" އާޒިމް ވިދާޅުވި އެވެ.
ބިޔަ މެޖޯރިޓީގައި އަޅައިގެން އުޅޭ ރެނދުން ދެމިގަނެގެން އުޅެނީ އިދިކޮޅު މެމްބަރުންނެވެ. އެ ޕާޓީ އަށް ކުރިން އަނގައިން ބުނާނެ ފުރުސަތެއް ވެސް ނަޝީދު ނުދެއްވަ އެވެ. ނަޝީދު ފުރުސަތު ދެއްވިޔަސް "ނިޒާމީ މައްސަލަ" ނަގާ ވަރުން އިދިކޮޅު މެމްބަރަކަށް މަޖިލީހުގައި އެއްޗެއް ބުނެވޭކަށް ނޯވެ އެވެ. އެކަމަކު މިއަދު މުޅި ހާލަތު އަނެއް ފުށަށް ޖެހިއްޖެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގައި ސިޔާސީ މަސައްކަތް ކުރުމަށް މީގެ ކުރިން އޮތް އެތައް ހުރަހެއް މިހާރަކު ނެތެވެ. އޭގެ ސަބަބެއް ގޮތުގައި އޭނާ ގަބޫލު ކުރައްވަނީ ނަޝީދު އެކަހެރި ކުރައްވައި މަޖިލީހުން ވެސް ބާކީ ކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތެވެ.
އެ ކޯޅުންގެ ތެރޭގައި ޕީޕީއެމް އިން ދެއްކި ވާހަކަތައް މިހާރު ހަގީގަތަކަށް ވާން ފަށައިފި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިހާރު ރައީސް ނަޝީދަށް ސަރުކާރުން ހަދާ ގޯސްތަކާއި ދަރަނީގެ މައްސަލަތައް އެބަ ފެނިވަޑައިގަންނަވާ. އެއީ އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަ. އަނެއްކޮޅުން ސަރުކާރުން ވެސް އެބަ ބުނާ ޗައިނާގެ ލޯނުތަކަކީ ދަރަނި މަޅިއެއް ނޫނޭ،" ޝިޔާމް ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ: މަޖިލިސް
ޝިޔާމް ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހަމައެކަނި އިދިކޮޅުގެ މަސައްކަތެއް ނޫނެވެ. އެއީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީ މެމްބަރުން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތެކެވެ.
މީގެ ކުރިން ސަރުކާރުގެ ވަޒީރުން މަޖިލީހަށް ވަޑައިގެން މެމްބަރުން ކުރައްވާ ސުވާލުތަކުގެ ބޭރުން ބޭކާރު ވާހަކަ ދައްކަވާ ސުވާލަށް ޖަވާބު ނުދީ ވަޑައިގަންނަވަ އެވެ. މިހާރު ނަޝީދު އެ ފުރުސަތު ނުދެއްވާ ރަނގަޅަށް ވަޒީރުން ޖަވާބުދާރީ ކުރުވަން ރިޔާސަތަށް ކުރެވޭ ހުރިހާ މަސައްކަތެއް ކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރު މެމްބަރުންނަށް އެކަން ވެގެން ދަނީ ޖެއްސުން ކުރުމާއި މަޖިލިސް ރައީސް ގަަވައިދަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"މިހާރު އެމްޑީޕީ މެމްބަރުން އެ ދައްކަވަނީ ނަޝީދު ގަވައިދަށް ނުހިތާ ވާހަކަ އާއި ތަފާތު ކުރާ ވާހަކަތަކާއި ނަޝީދާ ހެދި ބައެއް ލެޖިސްލޭޓިވް އެޖެންޑާތައް ކުރިޔަށް ނުދާ ވާހަކަ،" ޝިޔާމް ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ނަގަން އުޅޭ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މެމްބަރުން ވާހަކަ ދައްކަވަނީ އެފަދަ ކަމެއް ސަރުކާރު މެމްބަރުން ކޮށްފި ނަމަ ނަޝީދު ދިފާއު ކުރައްވާނެ ފަދަ ގޮތަކަށެވެ. ނަމަވެސް ވިދާޅުވަނީ ސީދާ ގޮތެއް ނިންމާނީ އެ އިރެއްގެ ހާލަތަށް ބަލައި އިދިކޮޅު ޕީޖީން ނިންމާ ގޮތަކަށް ކަމަށެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ދެން އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއީ އެވެ. މި ކޯޅުންގަނޑު ކިހާ ހިސާބަކަށް ހިނގައިދާނެ ހެއްޔެވެ؟ ރިޔާސަތުގައި އިންނަވައިގެން ނަޝީދު ކިހާ ވަރަކަށް ސަރުކާރަށް ހުރަސް އަޅުއްވާނެ ހެއްޔެވެ؟ ކުރިޔަށް އޮތްތަނުގައި އޯވާ ޑްރާފްޓު ކުރުން ފަދަ ކަންކަމުގައި ސަރުކާރަށް މަޖިލީހުގެ އެހީ ބޭނުންވާ އިރު އެކަަމަށް ހުރަސް އަޅައިފާނެ ހެއްޔެވެ؟ ބަޖެޓުގެ މަސައްކަތް ފަސް ކޮށް އެ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ހެއްޔެވެ؟
އެހެން ވެއްޖެ ނަމަ ރައީސްގެ އަތްޕުޅުގައި މި ވަގުތު އޮތް ބާރު ބޭނުން ކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރު ކުރައްވާފާނެ ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު އޮތީ މާ ދުރުގައެއް ނޫނެވެ.
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާން ގުޅި: އާދަމް ޝަރީފް
30 ޕަސެންޓަކީ ތާއީދު ނެތް ރައީސަކު ވެރިކަންކުރުން!
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ސަރުކާރުގެ ވައްކަމުން އެމްޑީޕީއަކަށް ނުރެކެވޭނެ: ސައީދު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު