Roadha Mihaaru
ކޭއެފްސީ، ޕިއްޒާ ހަޓާއެކު ރަސްފަންނު ޕެވިލިއަން ހަދަނީ

ރަސްފަންނުގެ ޕެވިލިއަން ހަދަން ބްރަދާސް ކޭޓަރިން އަށް، ކޭއެފްސީ އާއި ޕިއްޒާ ހަޓް ގެންނަނީ

31 އޮކްޓޯބަރ 2016

ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހިމެނޭ ގޮތަށް، ރަސްފަންނުގައި ހަދާ ޕެވިލިއަން ތަރައްގީ ކުރުމަށް ބްރަދާސް ކޭޓަރިން އިން މިއަދު ހަވާލުވެއްޖެ އެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހިމެނޭ ގޮތަށް، ރަސްފަންނުގައި ހަދާ ޕެވިލިއަން ތަރައްގީ ކުރުމަށް ބްރަދާސް ކޭޓަރިން އިން މިއަދު ހަވާލުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރަސްފަންނު ހުޅުވިއިރު ޕެވިލިއަންގެ މަސައްކަތް ނުނިމެ އެވެ. އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ހަދާ އެ ތަން ހަ މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން އޭރު ބުންޏަސް، އެ ތަން ތަރައްގީ ކުރާނެ ރަނގަޅު ބަޔަކު ހޯދުމަށް އެމްޑަބްލިއުއެސްސީން ވަނީ އެކި ފަހަރު މަތިން އިއުލާންކޮށްފަ އެވެ.

ޕެވިލިއަން ތަރައްގީ ކުރުމަށް 10 އަހަރަށް ބްރަދާސް ކޭޓަރިންއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ސޮއިކުރެއްވިއިރު، ބްރަދާސް ކޭޓަރިން އިން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ނިޔާޒެވެ.

ރަސްފަންނު ޕެވިލިއަން ހެދުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް (ވ) އާއި ބްރަދާސް ކޭޓަރިންގެ މެނޭޖިން ޑިރެކްޓަރު ނިޔާޒު މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

އެމްޑަބްލިއުއެސްސީ ހިންގާ ފެން ބިލްޑިންގްގައި ބޭއްވި މި ރަސްމިއްޔާތުގައި ފަޒުލް ވިދާޅުވި ގޮތުގައި، ޕެވިލިއަންގެ މަސައްކަތް ލަސްވީ އިދާރީ ބައެއް މައްސަލަތަކަކާ ހެދި އެވެ. އެކަމަކު، ބްރަދާސް ކޭޓަރިންއާ ހަވާލުކުރުމާ އެކު، ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި އެ ތަނުގެ މަސައްކަތް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ޕްރޮޕޯޒަލެއް ހުށަހެޅީ ބްރަދާސް ކޭޓަރިން އިން،" ފަޒުލް ވިދާޅުވި އެވެ.

ރަސްފަންނު ޕެވިލިއަން ހެދުމުގެ އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންއާ އެކު މިއަދު ސޮއިކުރެއްވުމަށް ފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ޝަޔާހު

ރަސްފަންނު ޕެވިލިއަން ހެދުމުގެ އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންއާ އެކު މިއަދު ސޮއިކުރެއްވުމަށް ފަހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ޝަޔާހު

ބްރަދާސް ކޭޓަރިންގެ ފަރާތުން ނިޔާޒު ވިދާޅުވީ ރަސްފަންނުގެ ޕެވިލިއަންގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވަން ވަނީ ނިންމައިފަ އެވެ. މިހާރު ވެސް ކޭއެފްސީ އާއި ޕިއްޒާ ހަޓް ގެނައުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ޕެވިލިއަން ހުޅުވާއިރު އެ ދެ ރެސްޓޯރަންޓުން ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިތުރު ބައެއް ފްރެންޗައިޒްތައް ގެނައުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަ ކުރަން،" ނިޔާޒު ވިދާޅުވި އެވެ.

މާލޭގައި ބޭރުގެ ފްރެންޗައިޒް ރެސްޓޯރަންޓުތައް ވަރަށް މަދެވެ. އެންމެ މަޝްހޫރު ތަނަކަށް މިހާރު ހުރީ މެލޭޝިއާގެ މެރީ ބްރައުން އާއި ސީކްރެޓް ރެސިޕީ އެވެ. އޭގެ އިތުރުން، ބާގާ ކިންގްގެ ރެސްޓޯރަންޓެއް ހުޅުލޭ އެއާޕޯޓުގައި ހުއްޓަސް، ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ އެެމެރިކާގެ ބޮޑެތި ފްރެންޗައިޒްތައް މިހާތަނަށް ރާއްޖެ އަށް ގެނެސްފައެއް ނުވެ އެވެ.

ދެ ބުރި އަށް ހަދާ ރަސްފަންނުގެ ޕެވިލިއަން ރޭނުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ރެސްޓޯރަންޓް އަދި ކެފޭތައް ހުންނަނީ ފުރަތަމަ ބުރީގަ އެވެ. އެންމެ ތިރީ ބުރީގައި ހަދަނީ ފަސް ފާހާނަ ހިމެނޭ ގޮތަށް، މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި އާއްމުންނަށް އިށީނދެ ތިބެވޭނެ ޖާގައެކެވެ. އަދި އެ ތަނުގައި ލުއި ކާނާ ފަދަ ތަކެތި ވިއްކާ ފިހާރައެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.