Roadha Mihaaru
ދައުވާ ނުކުރަނީ ކުށެއްގެ އުންސުރުތައް ސާބިތުނުވާނެތީ

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަނީ ޖިނާއީ ކުށެއްގެ އުންސުރުތައް ސާބިތުކޮށްނުދެވިދާނެތީ: ޕީޖީ

26 މާޗް 2021

ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، ލިބުނު އާ މައުލޫމާތަށް ފަހު ވެސް ދައުވާ ނުކުރަން ނިންމީ، ކުރިން ހޯދާފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، ލިބުނު އާ މައުލޫމާތަށް ފަހު ވެސް ދައުވާ ނުކުރަން ނިންމީ، ކުރިން ހޯދާފައިވާ ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ރޭ ބުނެފި އެވެ.

ވެންޓިލޭޓަރުތައް ގެންނަން ޔޫއޭއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ މިދިޔަ އަހަރު ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންވެ އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފަ އެވެ.

އަމީން އިސްތިއުފާ ދެއްވީ ވެސް އެ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ބޮޑެތި ތުހުމަތުތަކެއް އަޅުވައި ރައްޔިތުންގެ މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ.

މައްސަލަ މުރާޖައާކުރަން އެންގުމުން އެކަމަށް ބޭނުންވާ އިތުރު ތަފްސީލު ހޯދުމަށް ޕީޖީ އޮފީހުން ފުލުހުންނަށާއި އޭސީސީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެ މުއައްސަސާތަކުން ފޮނުވި މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޕޮރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އެ ކޮމިޓީގައި ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި އާ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ވަރަށް އަވަހަށް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިރާސާކުރަމުން މި ދަނީ އެ [ވެންޓިލޭޓަރު] މައްސަލައިގައި ފަހުން ލިބުނު މައުލޫމާތުތައް. އަޅުގަނޑަށް ފާހަގަ ކުރެވުނު ކަމަކީ ފަހުން އެބަހުރި ބައިވަރު އިތުރު މައުލޫމާތުތައް ލިބިފައި،" ޝަމީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ރޭ ވިދާޅުވީ އޭސީސީން ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ބެލިއިރު، އާ މައުލޫމާތާއި އެކަމާ ގުޅިގެން ކުރިން ހޯދި ހެކި ގަރީނާގެ މައްޗަށް ބަލައި ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންސުރުތައް ސާބިތުކޮށްދެވިދާނެ ކަމަށް ނުފެންނާތީ އާއި މައްސަލައިގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެ ގޮތުގައި ދެމިއޮތްކަމަށް ފެންނާތީ، ދައުވާ ނުކުރަން ނިންމި ނިންމުމަށް ބަދަލު ނުގެންނަން ނިންމާފައިވާ ކަމަށެވެ.

ދުބާއީދުގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދާށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.

އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް، އެއްބަސްވުމުގައި ސޮއި ވެސް ނުކޮށް ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ.