Roadha Mihaaru
ރަޝިއާގެ ޖައްވީ ސްޓޭޝަނެއް ހަދާތީ ނާސާ ކަންބޮޑުވޭ

ރަޝިއާގެ އަމިއްލަ ޖައްވީ ސްޓޭޝަނެއް ހަދާތީ އެމެރިކާގެ ނާސާ ކަންބޮޑުވޭ

09 ޖޫން 2021

އެމެރިކާއާ އެކީގައި ގިނަ އަހަރުތަކެއް ވަންދެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި މަސައްކަތުގައި ބައިވެރިވުމަށް ފަހު، އަމިއްލަ ސްޓޭޝަނެއް ހަދަން ރަޝިއާ އިން އައިއެސްއެސްއާ ވަކިވާތީ ކަންބޮޑުވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާއާ އެކީގައި ގިނަ އަހަރުތަކެއް ވަންދެން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި މަސައްކަތުގައި ބައިވެރިވުމަށް ފަހު، އަމިއްލަ ސްޓޭޝަނެއް ހަދަން ރަޝިއާ އިން އައިއެސްއެސްއާ ވަކިވާތީ ކަންބޮޑުވާ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފި އެވެ.

އައިއެސްއެސް މިހާރު ވަރަށް ބޮޑަށް ބާވެ، މި ޒަމާނަށް ނުފެތުން ފަދަ ސަބަބުތަކާ ހެދި އަމިއްލަ ޖައްވީ ސްޓޭޝަނެއް ލޯންޗްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރަޝިއާ އިން ބުނެފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.

މި މަސައްކަތުގައި ރަޝިއާއާ އެކު މަސައްކަތްކުރަން، އެމެރިކާ ބޮޑު ހަތުރެއްގެ ގޮތުގައި ދެކޭ ޗައިނާއާ އެކު ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް އިން ދާދި ފަހުން މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ އައިއެސްއެސް ޕްރޮގްރާމުން ރަޝިއާ ވަކިވުމަށް ނޭދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިއާގެ އެ ނިންމުމާ އެކު އެމެރިކާ އަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖައްވީ މިޝަންތަކުގެ ވާދަވެރިކަން ބޮޑުވުމެވެ.

"އަހަރެމެންގެ ތެރޭގައި އެބަހުރި ކުރިއްސުރެ ވެސް ހިޔާލު ތަފާތު، ހައްލު ނުވެ ހުރި މައްސަލަތައް. އެކަމަކު އަހަރެމެން ނޭދެން ރަޝިއާ އިން އައިއެސްއެސް ޕްރޮގްރާމާ ވަކިވާކަށް. އެ ގައުމާ އެކު މަސައްކަތްކުރަން ބޭނުންވޭ އަބަދު ވެސް. ކުޑަމިނިން ދެހާސް ތިރީހާ ހަމައަށް ރަޝިއާގެ ބައިވެރިވުން އަހަރެމް ވަރަށް ބޭނުން،" ބިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި އެހާ ޒަމާންކޮށްފައި ރަޝިއާ އައިއެސްއެސް ދޫކޮށްލުން ރަނގަޅެއް ނޫނެވެ.

"ޖައްވީ މަސައްކަތުގައި ދެން ރަޝިއާ އިން ޗައިނާ އަށް ބަރޯސާވާން ފެށުމަކީ ހަމަ ޔަގީނުން ވެސް އަހަރެމެންނަށް މި ރޭހުގައި ކުރިމަތިވާނެ ވަރަށް ބޮޑު ވާދަވެރި ކަމަކަށް ވާނެ. މިސާލަކަށް ހަނދަށް ދާން ކުރާ މަސައްކަތް ކަހަލަ ކަންކަމުގައި،" އެމެރިކާ އިން 2024 ގައި އަލުން ހަނދަށް ދާން ތައްޔާރީތައްވަމުން އަންނަކަން ފާހަގަކުރައްވައި ބިލް ވިދާޅުވި އެވެ.

ހަނދަން ދާން ކުރާ މަސައްކަތުގައި އެމެރިކާ އަށް ދޫނުކުރާ ވަރުގެ މަސައްކަތެއް މިހާރު ކުރާ ބަޔަކީ ޗައިނާ އެވެ. ރަޝިއާ އަކީ އެމެރިކާ އިން ހަނދަށްދާން ކުރިއަށްދާ "އާޓެމިސް ޕްރޮގްރާމް" ގައި ބައިވެރި ނުވާ ގައުމެކެވެ. އަދި އޭގައި ހިއްސާނުވާނެކަން މިދިޔަ އަހަރު ރަސްމީކޮށް އިއުލާންކޮށްފައިވެ އެވެ.

ބިލް ވިދާޅުވި ގޮތުގައި އައިއެސްއެސްގެ މަަސައްކަތާއި ޖައްވީ އެހެން ބޮޑެތި ،މަސައްކަތްތައް ކުރަން ހުރި އިރު ރަޝިއާގެ ބައިވެރިވުން އެމެރިކާ އަށް ބޭނުން ވާނެ އެވެ.

"އަހަރެން އަދިވެސް އުންމީދުކުރަނީ އެ ގުޅުން އަހަރެމެންގެ ތެރޭގައި އޮންނާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

ރަޝިއާ އައިއެސްއެސް ދޫކޮށްލާތީ ހުރި ކަންބޮޑުންތައް މިދިޔަ ހުކުރު ދުވަހު ފޯނުން ގުޅުއްވައި ރަޝިއާގެ ޖައްވީ އިދާރާގެ ވެރިޔާ ޑިމިޓްރީ ރޮގޯޒިންއާ ބިލް ހިއްސާކުރައްވާފައި އެވެ. އަދި އެކަމާ ގުޅުވައިގެން ނެރުއްވި ބަޔާނެއްގަައި ވިދާޅުވީ މަޝްވަރާތައް ދިޔައީ ވަރަށް އުންމީދީ ގޮތަކަށް ކަމަށެވެ.

ފޯނު މަޝްވަރާ އަށް ފަހު ރަޝިއާގެ ރޮސްކޮސްމޮސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމުގެ އަމިއްލަ ޖައްވީ ސްޓޭޝަނާ މެދު އެމެރިކާ އިން ވަރަށް ގިނަ ސުވާލުތަކެއް ފެންމަތިކުރި ކަމަށެވެ. އަދި އެ ގައުމާ ގުޅިގެން ދެން މަސައްކަތްކުރުމަކީ އުނދަގޫ ކަމެއް ކަމަށް ބުންޏެވެ.

ބަޔާނުގައި އެމެރިކާ އިން "ބިރުދައްކަން" ރަޝިއާގެ ސްޕޭސް އިންޑަސްޓްރީ އަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފާނެކަމުގެ އިޝާރާތްތަކެއް ވެސް ލިބުނު ކަމަށް ބުނެފައިވެ އެވެ.

މިހާރު ބޭނުންކުރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ އެމެރިކާ އާއި ރަޝިއާ ގުޅިގެން 1988 ގައި ހެދި ތަނެކެވެ. ކެނެޑާ އާއި ޖަޕާން ވެސް ހިއްސާވާ އައިއެސްއެސްގައި ޔޫރަޕިއަން ސްްޕޭސް އެޖެންސީ ވެސް ބައިވެރިވެ އެވެ.

ރަޝިއާގެ އަމާޒަކީ އެ ގައުމުގެ އަމިއްލަ ޖައްވީ ސްޓޭޝަން ހަދަން ކުރާ މަސައްކަތް 2025 ގައި ކާމިޔާބުކުރުމެވެ.