Roadha Mihaaru
ފުލުހުންގެ ނަމާއި މައުލޫމާތު ދޭން އެންގުމުން ހައިކޯޓަށް

"އިންޑިއާ އައުޓް" ހުއްޓުވި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ހާމަކުރަން އެންގި މައްްސަލަ ހައިކޯޓަށް

25 ސެޕްޓެމްބަރ 2022

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ނަމާއި މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ ނަމާއި މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ފެށި "އިންޑިއާ އައުޓް" ހަރަކާތްތައް ހުއްޓުވަން މިދިޔަ އޭޕްރީލް މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާ އެކު، ފުލުހުން ވަނީ ގޭގޭގައި ހަރުކޮށްފައި ހުރި "އިންޑިއާ އައުޓް" ބެނާތައް ނަގައިފަ އެވެ.

އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި އޮޕަރޭޝަން ހިންގަން އަމުރު ނެރުނު މީހުންނާއި އެ ނޫނަސް އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު ވަނީ އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތާއި އެ މީހުން އޮޕަރޭޝަންގައި އަދާކުރި ދައުރާއި އޮޕަރޭޝަންގެ ކޮމާންޑަރުގެ މައުލޫމާތު ދޭން އަންގައިފަ އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ފުލުހުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރިޔާސީ ގަރާރު ނެރުމާއެކު، ހިންގި އޮޕަރޭޝަންތަކަށް ފަހު އެ ހަރަކާތްތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.