Roadha Mihaaru
އިންޑިއާ ސިފައިންގެ މައްސަލަ ހައި ކޯޓުން ލައިވްކުރަނީ

އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ލައިވްކުރަނީ

03 މާޗް 2022

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ސަރުކާރުން ނިންމުމުން، ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކޮށް ދައްކަން އެ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ސަރުކާރުން ނިންމުމުން، ދިޔަރެސްގެ ނޫސްވެރިޔާ އަހުމަދު އަޒާން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ލައިވްކޮށް ދައްކަން އެ ކޯޓުން ނިންމައިފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަނުކުރަން ޑިފެންސް މިނިސްޓްރީން ނިންމުމުން އަޒާންގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ވެސް 2020 ވަނަ އަހަރު ކަނޑައެޅީ އެ ނިންމުން ރަނގަޅު ކަމަށެވެ.

އެ ނިންމުން އިސްތިއުނާފު ކުރަން އަޒާންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމާ އެކު، އޭނާ އެދުނީ ޝަރީއަތް ލައިވްކޮށް ދެއްކުމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެކަމަށް ދެކޮޅެއް ނުހަދަ އެވެ. އަދި ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމެވީ ޝަރީއަތް ލައިވްކުރުމަށެވެ.

ލައިވްކުރަން ނިންމުމާ އެކު، މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަކަށް ނުގެންދެ އެވެ. ހައި ކޯޓުން ޝަރީއަތްތައް ލައިވް ކުރަނީ ޔޫޓިއުބް މެދުވެރިކޮށެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަހީދެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި، "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ހިންގަމުންނެވެ. ސަރުކާރުން ބުނަމުންދަނީ އިންޑިއާގެ ސިފައިން ތިބީ އަސްކަރީ ބޭނުމެއްގައި ނޫން ކަމަށެވެ.