Roadha Mihaaru
ހާލީ-ޑޭވިޑްސަނުން އިލެކްޓްރިކް ބައިސްކަލް ހަދަނީ

ހާލީ-ޑޭވިޑްސަނުން އިލެކްޓްރިކް ބައިސްކަލް ހަދަނީ

29 އޮކްޓޯބަރ 2020

ތަފާތު ގޮތްގޮތަށް ސައިކަލް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ހާލީ-ޑޭވިޑްސަނުން މުޅިން އަލަށް ކަރަންޓް ބައިސްލެއް ނެރެން ނިންމައި، އެ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތަފާތު ގޮތްގޮތަށް ސައިކަލް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ހާލީ-ޑޭވިޑްސަނުން މުޅިން އަލަށް ކަރަންޓް ބައިސްލެއް ނެރެން ނިންމައި، އެ ދައްކާލައިފި އެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނެރެން ނިންމާފައިވާ މި ބައިސްކަލަކީ ހާލީ-ޑޭވިޑްސަންގެ ދަށުން ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާ ރައްޓެހި ކަރަންޓް ބައިސްކަލް ނެރެން އުފެއްދި ކުންފުނި ސީރިއަލް 1 ސައިކަލް ކޮމްޕެނީގެ އުފެއްދުމެކެވެ. "ސީރިއަލް ނަމްބަ 1" އެ ނަން ދީފައި ވަނީ ހާލީ-ޑޭވިޑްސަންގެ އެންމެ ދުވަސްވީ ސައިކަލް މޮޑެލަށް ނިސްބަތްކޮށެވެ.

އަލަށް ނެރޭ ކަރަންޓް ބައިސްކަލް ދައްކައިލި ނަމަވެސް މިއާ ބެހޭ ޓެކްނިކަލް މާ ގިނަ މައުލޫމާތުތަކެއް ހާލީ-ޑޭވިޑްސަނުން އަދި ހިއްސާއެއްނުކުރެ އެވެ.

އެ ކުންފުނިން ކަރަންޓް ބައިސްކަލް އުފައްދައި، ނެރޭކަން އިއުލާންކޮށްފައި މި ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސައިކަލްގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެ، ތިމާވެއްޓާ ރައްޓެހި ކަރަންޓް ބައިސްކަލް އުފައްދާ ކުންފުނިތަކަށް ޑިމާންޑް ވެސް ބޮޑުވެފައި ވަނިކޮށެވެ. އަދި ކޮވިޑްގެ ކުރިން ވެސް ފާއިތުވި އަހަރުތަކުގައި ހާލީ-ޑޭވިޑްސަންގެ ސައިކަލްގެ ޑިމާންޑް ވަރަށް ބޮޑަށް ވެއްޓިފައިވެ އެވެ.

ކޮވިޑާ ދިމާކޮށް ވިޔަފާރި އަށް އައި ހީނަރުކަމާ އެކު ހަރަދުތައް ކުޑަކުރަން އެ ކުންފުނިން ޖުލައި މަހުގެ ތެރޭގައި ވަނީ 700 ވަޒީފާ ވެސް މަދުކޮށްފަ އެވެ. ހާލީ-ޑޭވިޑްސަންގެ އޮޕަރޭޝަންތައް އެމެރިކާގެ އިތުރުން ބްރެޒިލާއި އިންޑިއާ އިން ތައިލެންޑްގައި ވެސް ހިންގަ އެވެ. އެކަމަކު އިންޑިއާގެ ފެކްޓްރީ ބަންދުކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ހާލީ-ޑޭވިޑްސަނަކީ އެމެރިކާގެ ވިންކޮންސިންގައި މީގެ 117 އަހަރު ކުރިން 1903 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެ ކުންފުނީގައި ވަޒީފާ އަދާކުރާ މީހުންގެ އަދަދު މިހާރު 5،000 އަށް އަރަ އެވެ.