Roadha Mihaaru
ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް

ފެޝަން ކުންފުނި ބާބަރީގެ ތައްގަނޑުގައި ސައިކަލެއް

31 ޑިސެމްބަރ 2021

ދުނިޔޭގެ ބޮޑެތި މަޝްހޫރު ފެޝަން ކުންފުނިތަކުން މިހާރު ކޮންމެ ފަދަ އެއްޗެއް ވެސް ނެރެފާނެ އެވެ. އެކަމަކު މި ފަހަރު އިނގިރޭސިވިލާތުގެ ފެޝަން ކުންފުނި ބާބަރީން ދައްކާލާފައި މި ވަނީ ފެޝަން ކުންފުންޏަކުން ނެރެފާނެ ކަމަށް ހީ ވެސް ނުކުރާ ކަހަލަ އުފެއްދުމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ ބޮޑެތި މަޝްހޫރު ފެޝަން ކުންފުނިތަކުން މިހާރު ކޮންމެ ފަދަ އެއްޗެއް ވެސް ނެރެފާނެ އެވެ. އެކަމަކު މި ފަހަރު އިނގިރޭސިވިލާތުގެ ފެޝަން ކުންފުނި ބާބަރީން ދައްކާލާފައި މި ވަނީ ފެޝަން ކުންފުންޏަކުން ނެރެފާނެ ކަމަށް ހީ ވެސް ނުކުރާ ކަހަލަ އުފެއްދުމެކެވެ.

އެ ކުންފުންޏާއި ސައިކަލް އުފައްދާ ފްރާންސްގެ ކުންފުނި، ޑީއޭބީ މޮޓޯސް ގުޅިގެން އުފައްދާފައި ވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ސައިކަލެކެވެ. ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި "ޑީއޭބީ މޮޓޯސް އެކްސް ބާބަރީ" ގެ ނަމުގައި ދައްކާލައި މިހާރު ވިއްކަން ހުޅުވާލިއިރު މި ސައިލަކީ ބެޓަރިން އުފައްދާ ހަކަތަ އިން ދުވާ އެއްޗެކެވެ. މީގެ ބެޓެރި އަކީ 10 ކިލޯވޯޓެވެ. އެއީ އާދައިގެ ސައިކަލަކުން މިންކުރާ ނަމަ 125 ސީސީގެ އިންޖީނެކެވެ.

މިއިން ތިމާވެއްޓަށް ލިބޭ ފައިދާ އަކީ ތެޔޮ އަޅާ ސައިކަލުން ބޭރުކުރާ ދުމާއި އަދި އާންމުކޮށް ސައިކަލްތަކުގައި ހުންނަ އަޑުފަށްގަނޑު ވެސް މީގައި ނެތުމެވެ. އެހެންވެ މި ދުއްވާ އިރު އެއްވެސް އަޑެއް ނުހުންނާނެ އެވެ.

އުފައްދާފައި ވަނީ "ޑީއޭބީ މޮޓޯސް އެކްސް ބާބަރީ" ގެ 20 ސައިކަލެވެ. ފަރުމާގެ ގޮތުން ވެސް ވަރަށް ތަފާތު ޑިޒައިނަކަށް ހުރި އެއްޗެކެވެ. އެކަމަކު ބާބަރީ އާއި ޑީއޭބީ މޮޓޯސް އިން އެ ސިފަކުރަނީ ޒަމާނަށް ފެތޭ "ލަގްޒަރީ" އުފެއްދުމެއްގެ ގޮތުގަ އެވެ.

މި އުފެއްދިއިރު މައިގަނޑު ވިސްނުމަކީ ތަފާތު ކޮންސެޕްޓަކަށް އަދި ތިމާވެއްޓާ ރައްޓެހި ސައިކަލެއް އުފެއްދުމެވެ.

ބާބަރީގެ ވައިސް ސީނިއާ ޕްރެޒިޑެންޓް އެޑްރިއަން ވާޑް ރީޒް ވިދާޅުވި ގޮތުގައި ފެޝަން ކުންފުނިތަކަކީ އަބަދުވެސް ލަގްޒަރީ އަށް ވަރަށް ބޮޑަށް ބަލާ އަދި އެ މީހުންގެ އުފެއްދުންތައް އެ ފެންވަރުގައި ގެނެސްދިނުން ފަހުރެއްގެ ގޮތުގައި ދެކޭ ބައެއް ކަމަށެވެ.

"އެހެންވެ ޑީއޭބީ މޮޓޯސްއާ ގުޅިގެން އަހަރެމެން މި ގެނެސްސިން ސައިކަލަކީ ވެސް ހުރިހާ ގޮތަކުން ވެސް ބެލިޔަސް ވަރަށް ހާއްސަ އެއްޗެއް. މީގެ ޑިޒައިނާއި މުޅި އެތި ގެނެސްދީފައި އޮތް ގޮތާ ދޭތެރޭ އަހަރެމެން ވަރަށް ހިތްހަމަޖެހޭ." އޭނާ ބުންޏެވެ.

ޑީއޭބީ މޮޓޯސްގެ ބާނީ/ސީއީއޯ ސައިމަން ޑެބަޑީ ވެސް ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ފެޝަނުގެ ވިސްނުމުގެ ތެރެއިން މުޅިން ތަފާތު ޑިޒައިންތަކަށް ތަފާތި ކޮންސެޕްޓަކަށް އުފެއްދުންތައް ގެނެސްދޭން ބޭނުންވާ ތަނެކެވެ. އެގޮތުން "ޑީއޭބީ މޮޓޯސް އެކްސް ބާބަރީ" އަކީ ވަރަށް ފެޝަނަބަލް އުފެއްދުމެކެވެ.

"މިއީ އަމިއްލަވަންތަކަން ވެސް ދައްކުވައިދޭނެ އުފެއްދުމެއް." އޭނާ ވިދާޅުވި އެވެ.

ޑީއޭބީ މޮޓޯސްގެ ވެބްސައިޓް މެދުވެރިކޮށް ސައިކަލަށް އޯޑަރުކުރަން ހުޅުވާލާފައިވާ އިރު، މީގެ ދެ ކުލައެއް ހިމެނެ އެވެ. އެއީ މިޑްނައިޓް ބްލޫ އާއި މެޓަލިކް ގްރޭ އެވެ. އަގު ފެށެނީ 29،900 ޔޫރޯ (33,827 ޑޮލަރު) އިންނެވެ.