Roadha Mihaaru
އައްޑު އާއި ފުވައްމުލަކަށް އަންނާނީ ކޮން ބަދަލެއް؟

އައްޑު އާއި ފުވައްމުލަކަށް އަންނާނީ ކޮން ބަދަލެއް؟

29 އޮކްޓޯބަރ 2020

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކާއި އައްޑޫ ހަމަޖެއްސިކަން އިއްޔެ އިއުލާންކުރުމާ ގުޅިގެން ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފް، އޭނާ ބޭނުންވާ ގޮތް ވިދާޅުވި އެވެ؛ ކުރިން "ކަންކަން ކުރަމުން އައި އުސޫލުތަކަށް، ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް" ގެންނާށެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކާއި އައްޑޫ ހަމަޖެއްސިކަން އިއްޔެ އިއުލާންކުރުމާ ގުޅިގެން ފުވައްމުލަކު މޭޔަރު އަބްދުﷲ ފަލާހު ޝަރީފް، އޭނާ ބޭނުންވާ ގޮތް ވިދާޅުވި އެވެ؛ ކުރިން "ކަންކަން ކުރަމުން އައި އުސޫލުތަކަށް، ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް" ގެންނާށެވެ.

ފަލާހު އެދިވަޑައިގެންނެވީ އޭނާގެ ސިޓީ އަށް ލިބުނު ބަޔޮސްފިއާ ރިޒާވުގެ ޝަރަފުން ސިޓީގެ ރައްޔިތުންނަށް މަންފާ ލިބޭނެ މާހައުލެއް އެންވަޔަރްމެންޓް މިނިސްޓްރީން ގާއިމްކޮށްދޭށެވެ.

އެކަން ކުރަން ޖެހެނީ، ނިއުސް ކޮންފަރެންސެއްގައި ފަލާހު ވިދާޅުވި ގޮތުގައި، ރަށުގެ ތަންތަން ހިމާޔަތްކޮށްގެން ތިބުމުގެ "އިގްތިސޯދީ މަންފާއަކީ ކޮބައިތޯ، ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމަކީ ކޮބައިތޯ" އާއްމުން ސުވާލުކުރާނެތީ އެވެ.

ބަޔޮސްފިއާ ރިޒާވުގެ ހައިސިއްޔަތާ އެކު އައްޑު އާއި ފުވައްމުލަކަށް މި ލިބުނީ ގުދުރަތީ މުއްސަނދިކަން ދަމަހައްޓައި އެއިން އިގްތިސޯދީ މަންފާ ހޯދުމުގެ ފަހި ފުރުސަތެކެވެ. އެކަމަކު އެކަން ހަގީގަތަކަށް ވާން އޮތީ ފައިސާ ހޭދަކޮށް ރަނގަޅު ރޭވުންތަކެއް ތަންފީޒުކޮށްގެންނެވެ.

ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ބ. އަތޮޅު ހަމަޖެއްސިތާ ނުވަ އަހަރު ފަހުން އިތުރު ދެ އަތޮޅަކަށް ވެސް އެ ލަގަބު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިއްޔެ ވަނީ ފާހަގަކޮށްފަ އެވެ. އެކަމާ ގުޅިގެން އައްޑު އާއި ފުވައްމުލަކުގެ މޭޔަރުންނާ އެކު އެންވަޔަރްމެންޓް މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވި ގޮތުގައި ގުދުރަތީ ރީތި ސިފަތަކެއް ލިބިފައިވާ ދެ ސިޓީ ބަޔޮސްފިއާ ރިޒާވަށް ވުމުން ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުން ލިބޭނެ އެވެ.

"ޓޫރިޒަމް ތަރައްގީކުރުމުގައި ވެސް، 'މި ހޮޓާތައް ހުންނަނީ ބަޔޮސްފިއާއެއްގަ'އޭ ބުނީމަ ހަގީގަތުގައި އެ ތަން މާކެޓްކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ތަނަވަސްވެގެންދޭ،" ޑރ. ހުސެން ވިދާޅުވި އެވެ.

ޕްލޭނަކީ ކޮބާ؟

ނޫސްވެރިންގެ މައިގަނޑު ސުވާލަކަށް ވީ ބަޔޮސްފިއާ ރިޒާވަށް ވުމުން އައްޑު އާއި ފުވައްމުލަކަށް ހުރި ޕްލޭންތަކަކީ ކޮބައިތޯ އެވެ. މިހާރާ ތަފާތުވާނީ ކޮން ކަމެއްތޯ އާއި ގުދުރަތީ ތަންތަނުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރާނީ ކޮން ގޮތަކަށްތޯ އެވެ. ހިމާޔަތްކޮށްފައި ހުންނަ ތަންތަނަށް ގެއްލުންދޭ މީހުން ހުއްޓުވަން ކުރާނީ ކޮން ކަމެއްތޯ އެވެ.

ފުވައްމުލައް ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ހަމަޖެއްސި ގޮތް

ނިއުސް ކޮންފަރެންސްގައި އެންވަޔަރްމެންޓް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި މިހާތަނަށް ހިމާޔަތްކޮށްފައިވާ 71 ސަރަހައްދުގެ ތެރެއިން މެނޭޖްމެންޓް ޕްލޭނެއްގެ ދަށުން ބަލަހައްޓަމުން އަންނަނީ އެންމެ ފަސް ތަނެކެވެ. އެކަމަކު އެފަދަ ޕްލޭންތައް ހަދައި އެ ހިސާބެއްގައި ދިރިއުޅޭ މީހުން ޕްލޭނަށް އަހުލުވެރިކޮށް، ހޭލުންތެރިކޮށް، ގުދުރަތީ ތަންތަން ހިމާޔަތްކުރުމަކީ އާއްމުންނަށް ފައިދާހުރި ކަމެއްކަން ވިސްނައިދީގެން ނޫނީ ތަންތަން ހިމާޔަތްކޮށް ނުބެލެހެއްޓޭނެ ކަމަށް މިނިސްޓަރު ވެސް ވިދާޅުވި އެވެ. ޑރ. ހުސެން ވިދާޅުވި ގޮތުގައި މިހާރު ހިމާޔަތްކޮށްފައި ހުރި ގިނަ ތަންތަނަކީ "ހަމައެކަނި ފާހަގައެއް ލާފައި މިއީ ހިމާޔަތްކޮށްފައި އޮތް ތަނެކޭ ބުނާ ބުނުން ފިޔަވައި" ރަނގަޅަށް އިން ވެސް ކަނޑަނާޅާ ހުރި ތަންތަނެވެ.

"މިހާރު އަޅުގަނޑުމެން މި ޖެހެނީ ހިމާޔަތްކޮށްފައި ހުރި ތަންތަނުގެ އިންތަކާއި މިންތައް އަލުން ކުރަހައި އެ ގެޒެޓު ކުރަމުން ދާން. އެގޮތުން ދާދި ފަހުން ވެސް ދެތިން ހަތަރު ތަނެއް އަޅުގަނޑުމެން ގެޒެޓުކޮށްފިން،" ޑރ. ހުސެން ވިދާޅުވި އެވެ.

ބަޔޮސްފިއާ ރިޒާވުގެ ޝަރަފާ އެކު އައްޑު އާއި ފުވައްމުލަކުގެ ޓޫރިޒަމް އަގު މަތިވެގެންދާނެ ކަމުގެ ވާހަކަދެއްކެވި ނަމަވެސް، ނޫސްވެރިއަކަށް ޖަވާބުދެއްވަމުން ޑރ. ހުސެން ވިދާޅުވި ގޮތުގައި، ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން އައްޑޫ، ފުވައްމުލައް އަދި ބ. އަތޮޅުގެ ވެސް ބަޔޮސްފިއާ ރިޒާވް ޕްރޮމޯޓްކުރުމުގެ ކަމެއް އެންވަޔަރްމެންޓް މިނިސްޓްރީއަކުން ނުކުރެ އެވެ.

މިނިސްޓަރުގެ ބޮޑެތި ވައުދުތަކެއް

އެކަމަކު ޑރ. ހުސެން ވިދާޅުވީ ޓޫރިޒަމް ޕްރޮޑަކްޓެއްގެ ގޮތުގައި އައްޑު އާއި ފުވައްމުލަކުގެ ބަޔޮސްފިއާ ރިޒާވް ޕްރޮމޯޓްކުރަން ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުން ހޯއްދަވާނެ ކަމަށެވެ.

ހިމާޔަތްކުރާ ތަންތަން ބެލެހެއްޓުމާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ އަތުން ނަގާ ފީގެ އިތުރުން ގްރީން ފަންޑުން ވެސް ޚަރަދުކުރާނެ އެވެ. ޑރ. ހުސެން ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ނާންނާތީ އެ ފަންޑަށް ލިބޭ ފައިސާ މަދުވެ، "މި ތަންތަން ހިމާޔަތްކުރަން އިތުރު ޚަރަދުކުރުން ދަތިވެފައިވާ ދަނޑިވަޅެއްގައި" އައްޑު އާއި ފުވައްމުލަކަށް ބަޔޮސްފިއާ ރިޒާވުގެ ޝަރަފު ލިބުނަސް، ރާވާފައި އޮތީ ގްރީން ފަންޑުން ޚަރަދުކުރާ ގޮތަށް ކަމަށެވެ. މިހާރު ވެސް ދެ ސިޓީގެ ނޭޗާ ޕާކު ބަލަހައްޓަން އޮފީސް ހަދައި މުވައްޒަފުން ބައިތިއްބާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ހުސެން ވިދާޅުވި ގޮތުގައި ހިމާޔަތްކޮށްފައި ހުންނަ ތަންތަން ބަލަހައްޓަން ތިން ގޮތެއް އެބަ އޮތެވެ. އެއީ މައި ސަރުކާރުން، ސަރުކާރާއި ކައުންސިލް ގުޅިގެން ނުވަތަ މަދު ހާލަތްތަކުގައި ކުންފުންޏަކާ ނުވަތަ އަމިއްލަ ޖަމިއްޔާއަކާ ހަވާލުކޮށްގެން ބެލެހެއްޓުމެވެ. މިނިސްޓަރު ވިދާޅުވީ މެނޭޖުމެންޓް ޕްލޭންތައް ހެދުމަށް ފަހު ތަންތަން ބަލަހައްޓަން މި ތިން ގޮތް ވެސް ބޭނުންކުރާނެ ކަމަށެވެ. "ސަރުކާރުން އެކި ފަރާތްތަކާ "ބައިވެރިވެގެން އެކަން ކުރިޔަސް، އަޅގަނޑުމެންނަށް ގާނޫނުން މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަޅުގަނޑުމެން އަދާކުރަމުން ދާނަން. އަޅުގަނޑުމެން އަބަދުވެސް ކަށަވަރު ކުރާނެ، މެނޭޖްމެންޓް ޕްލޭނުގެ ދަށުން ހަވާލުކުރެވޭ ތަންތަން، އެ ހަވާލުވާ ފަރާތުން ތަންފީޒުކޮށް ބަލަހައްޓަމުންދަނީ ކަނޑައަޅާފައި އޮތް މެނޭޖްމެންޓް ޕްލޭނާ އެއްގޮތަށްކަން،" ޑރ. ހުސެން ވިދާޅުވި އެވެ.

މިނިސްޓަރުގެ އަނެއް ވައުދަކީ ބަޔޮސްފިއާ ރިޒާވަކީ ފައިދާހުރި ކަމެއްކަން އާއްމުންނަށް އަންގައިދިނުމަށް ގުދުރަތީ ތަންތަނަށް ލިބޭ ފައިސާ ސީދާ ސިޓީ އަށް ޚަރަދުކުރުމެވެ. ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ފަންޑުން ހަރަދުކޮށްގެން އެ އަތޮޅުގެ ތަރައްގީގެ މަސައްކަތްތައް ވެސް ކޮށްފައި ހުރި ގޮތަށް، "އައްޑު އާއި ފުވައްމުލަކުގެ ބަޔޮސްފިއާ ރިޒާވަށް ލިބޭ ފައިސާ ހަރަދުކުރެވިގެންދާނީ ދެ އަތޮޅުގެ ރައްޔިތުންގެ އިޖުތިމާއީ ތަރައްގީގެ އެކި ކަންކަމަށް" ކަމަށް ޑރ. ހުސެން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އާއްމު ވިސްނުމަކީ ބެލެހެއްޓުމުގެ ޒިންމާއަކީ ލާމަރުކަޒީ ގޮތުން ސިޓީ ކައުންސިލްތަކާ ބައިވެރިވެގެން ކުރަން ޖެހޭ ކަމެކޭ. އެހެންވީމާ ފެނިގެންދާނެ، ބަޔޮސްފިއާތައް ބެލެހެއްޓުމުގެ ޒިންމާ ސިޓީ ކައުންސިލްތަކުން ނަގާ މަންޒަރު،" މިނިސްޓަރު ވިދާޅުވި އެވެ.

"ދާދި ކައިރި މުސްތަގުބަލެއްގައި އެ މަގަށް ކަންކަން އިރާދަކުރެއްވިއްޔާ ތަރުތީބުކުރެވޭނެ."

އައްޑޫ ސިޓީ އަށް “ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް”ގެ ލަޤަބު ލިބިއްޖެ. މިކަމުގެ އުފަލުގައި އައްޑޫގެ އެންމެހައި ލޮބުވެތި...

Posted by Addu City Council on Wednesday, October 28, 2020

ބަޔޮސްފިއާ ރިޒާވެއްގެ ހައިސިއްޔަތު ލިބުނުކަން އިއުލާންކުރި ރަސްމިއްޔާތު އައްޑޫ މޭޔަރު އަބްދުﷲ ސޯދިގާއި އިތުރު ބަޔަކު އިއްޔެ ބަލަނީ.

"ރައްޔިތުންގެ ހިމާޔަތް ލިބެން ޖެހޭ ތަންތަން"

ތިމާވެއްޓަށް ބަލައިގެން އުޅުމުގެ ހޭލުންތެރިކަން އާއްމުންނަށް ބޭނުންވާކަން ގަބޫލުކުރައްވައި އެންވަޔަރްމެންޓް މިނިސްޓަރު އިއްޔެ ވާހަކަދެއްކެވި އެވެ. އަދި ޑރ. ހުސެން ވިދާޅުވީ ގުދުރަތީ ތަންތަނަކީ "ރައްޔިތުންގެ ހިމާޔަތް ލިބެން ޖެހޭ ތަންތަން" ކަމަށާއި ގެއްލުން ލިބޭ ކަންކަން ވިޔަ ނުދޭން ރަށާއި އަތޮޅު ފެންވަރުގައި "އިންތިޒާމްތަކެއް ހުންނަން އެބަ ޖެހޭ" ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ، ހިމާޔަތްކޮށްފައި ހުރި ރަށްރަށަށް މީހުން އަރާ ވެލި ނަގާ ތަން. ހިމާޔަތްކޮށްފައި ހުރި ތަންތަނަށް އަރާ މިސާލަކަށް ކަށިކެޔޮ ކަނޑަން ގަސް ކަނޑާކަން ވެސް އެނގޭ. އަދި އެއަށް ވުރެ މާ ނޭދެވޭ ކަންތައްތައް އެބަ ކުރޭ މީހުން. އެ ކަންކަން ހުއްޓުވުމަށްޓަކައި އެއިން ކޮންމެ ރަށެއްގައި ސެކިއުރިޓީ ގާޑުން ބައިތިއްބައިގެނެއް އެ ކަމެއް ނުކުރެވޭނެ،" ޑރ. ހުސެން ވިދާޅުވި އެވެ.

"ރައްޔިތުންނަށް، މި ތަންތަން ހިމާޔަތްކޮށް މި ބަލަހައްޓަނީ ތިމަންމެންގެ ފައިދާ އަށް ކަން ގަބޫލުކުރެވުނީމަ ހަގީގަތުގައި މި ތަންތަނަށް ހިމާޔަތް ލިބޭނީ."

އެންވަޔަރްމެންޓް މިނިސްޓްރީން ބުނިގޮތުގައި އައްޑު އާއި ފުވައްމުލަކު ރައްޔިތުންގެ ޚިޔާލު ހޯދަން ކައުންސިލް މެދުވެރިކޮށް އެންވަޔަރްމެންޓް މިނިސްޓްރީން ކުރި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ ސިޓީއަކުން ވެސް 90 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ބަޔޮސްފިއާ ރިޒާވަކަށް ވާން ތާއީދުކޮށްފަ އެވެ.

ފުވައްމުލަކު މޭޔަރު ފަލާހަށް، އިއްޔެއަކީ "ވަރަށް ހިތްހަމަޖެހުނު" ދުވަހެކެވެ. އޭނާ ވިދާޅުވީ ބަޔޮސްފިއާ ރިޒާވަކަށް ވުމުން ފުވައްމުލަކުގެ ގުދުރަތީ މުއްސަނދިކަމާއި ރީިތިކަން އޮތް ގޮތަށް ބާއްވައިގެން އުމްރާނީ ތަރައްގީ ގެންނަން މަގުފަހިވެގެންދާނެ ކަމަށެވެ. އެކަމަކު އޭނާ އެދިވަޑައިގެންނެވީ "އެންވަޔަރްމެންޓް މިނިސްޓްރީން ވެސް ކަންތައްތަކާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތް ބަދަލުކުރައްވައި" މިހާރަށް ވުރެ ބޮޑަށް ކައުންސިލްތަކާ ގުޅިގެން ކަންކަން ކުރުމަށެވެ.

"މި ކަމުގެ ނަފާ ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް އެންވަޔަރްމެންޓް މިނިސްޓްރީ އަށް ކޮށްދެވެގެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމު. އަޅުގަނޑު އުއްމީދުކުރަނީ މިހާރު މި ކުރެވޭ މިންވަރަށް ވުރެ ވެސް މާ ސްޕީޑު ރަނގަޅަށް، މާ ތަރުތީބުވެގެން އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނެ ކަމަށް،" ފަލާހު ވިދާޅުވި އެވެ.