Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

02 ނޮވެމްބަރ 2020

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޑައިރެކްޓަރު އަމަރް ކޯޝިކް ދެން ހަދާ އެ ޖޯންރާގެ ފިލްމު "ބޭޅިޔާ" ގައި ވަރުން ދަވަނާ އެކު، ބަތަލާގެ ރޯލް ކުޅޭނީ ކްރިތީ ސެނަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ޑައިރެކްޓަރު އަމަރް ކޯޝިކް ދެން ހަދާ އެ ޖޯންރާގެ ފިލްމު "ބޭޅިޔާ" ގައި ވަރުން ދަވަނާ އެކު، ބަތަލާގެ ރޯލް ކުޅޭނީ ކްރިތީ ސެނަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޒުވާން ދެ ތަރިން ވަނީ އެކީގައި 2015 ގެ "ދިލްވާލޭ" ގައި ވެސް މަސައްކަތްކޮށްފަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ "ބޭޅިޔާ" އަށް ވަރުން ސޮއިކޮށްފައިވާ އިރު، ކްރިތީ އަށް ފިލްމު ނެރޭޓްކޮށް ދިނުން އޭނާ ވެސް އެއަށް އެއްބަސްވާނެކަމުގެ އިޝާރާތެއް ދީފައިވާ ކަމަށެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ކްރިތީ މިހާރު ކުޅެމުން އަންނަ ފިލްމު "ހަމް ދޯ ހަމާރޭ ދޯ" އާއި އޭނާގެ ކުރިއަށް އޮތް ފިލްމު "މިމީ" ވެސް ޕްރޮޑިއުސްކުރި މެޑޮކް ފިލްމްސްގެ ދިނޭޝް ވިޖަން އެވެ.

ކުރިން އަޑު އަރާފައިވާ ގޮތުން "ބޭޅިޔާ" ގައި ވަރުންއާ އެކު ފެންނާނީ "އިސްތިރީ" ގެ ބަތަލާ ޝްރަދާ ކަޕޫރެވެ.

ވަރުން މިހާރު އަންނަނީ މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ދިން ޑައިރެކްޓަރު ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ފަށަން ތައްޔާރުވަމުންވެ.

"ބޭޅިޔާ" އަށް ސޮއިކުރި އިރު ވަރުންގެ އަތުގައި މިހާރު ވެސް ދިނޭޝް ޕްރޮޑިއުސްކުރާ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "އެއްކީސް" އެވެ.

ރިޕޯޓްތައް ބުނާގޮތުން "ބޭޅިޔާ" ގެ ޝޫޓިން ވަރުން ފަށާނީ "ޖުގް ޖުގް ޖިއޯ" ގެ މަސައްކަތް ނިންމައިލުމަށް ފަހު އެވެ.

ކާޖަލް ކައިވެނިކޮށްފި

ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ކާޖަލް އަގަރްވާލް ހުކުރު ދުވަހު ކައިވެނިކޮށްފި އެވެ.

އޭނާ އާއި ވިޔަފާވެރިޔާ ގޯތަމް ކިޗްލޫގެ ކައިވެނީގެ ހަފުލާ ބޭއްވީ މުމްބާއީގަ އެވެ. ކުލަގަދަކޮށް ބޭއްވި އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނެވެ. ކާޖަލް އަކީ އަޖޭއާ އެކު "ސިންގަމް" ކުޅުނު ބަތަލާ އެވެ. އޭނާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ޖޯން އަބްހަރަމާއި އިމްރާން ހާޝިމީއާ އެކު ފެންނަ "މުމްބާއީ ސާގާ" އެވެ.

ކާޖަލް އާއި ގޯތަމް ކައިވެނިކުރާ ވާހަކަ އިއުލާންކުރީ މިދިޔަ މަހުގެ 6 ގަ އެވެ.

ސޮނާކްޝީގެ ފުރަތަމަ ވެބް ސީރީޒަށް ތައްޔާރު

"ތަލާޝް" އާއި "ގޯލްޑް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރީމާ ކަތުގީގެ ވެބް ސީރީޒް "ފޯލެން" އަށް ބަތަލާ ސޮނާކްޝީ ސިންހާ ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރު ސަލްމާންގެ ޚާންގެ "ދަބަންގް 3" އިން ފެނިގެން ދިޔަ ބަތަލާގެ އަލަތު ވެބް ސީރީޒްގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ރާޖަސްތާންގަ އެވެ. އަންނަ މަހު ޝޫޓިން ފަށާ "ފޯލެން" ގެ ކާސްޓްގައި ވިޖޭ ވަރުމާ، ގުލްޝަން ދެވިއާ އަދި ސޯހަމް ޝާހް ހިމެނެ އެވެ.

މި ސީރީޒްގެ ޝޫޓިން ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލައި ބެލުންތެރިންނަށް ގެނެސްދޭނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.

ސޮނާކްޝީގެ ކުރިއަށް އޮތް ފިލްމަކީ އަޖޭ ދޭވްގަން އާއި ސަންޖޭ ދަތު މުހިއްމު ރޯލްތައް ކުޅޭ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. އެ ފިލްމު ޕްރިމިއާކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ.

"އެސްއެމްޖޭ 2" ގެ ސެޓުން

ޖޯން އަބްރަހަމް މިހާރު ކުޅެމުން އަންނަ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2" ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފި އެވެ.

އޭނާ ފުލުހެއްގެ ރޯލުން ފެނިގެންދާ ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަނީ ލަކްނޫގަ އެވެ. މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފަށައިގެން ކުރިއަށް ދަނިކޮށް ކްރޫގައި ހިމެނޭ ބަޔަކު ކޮވިޑް-19 އަށް ހުކުރު ދުވަހު ޕޮޒިޓިވްވެގެން ޝޫޓިން މިހާރު އޮތީ 10 ވަރަކަށް ދުވަހަށް މެދުކަނޑާލައިފަ އެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" އަކީ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ 2018 ގައި ޖޯންއާ އެކު ގެނެސްދިން "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ.

މިއީ ކޮރަޕްޝަނާ ދެކޮޅަށް ފުލުހަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. މި ފަހަރު ފިލްމުގެ ބަތަލާ އަކީ ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރުގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

"ސަތިޔަމޭވް ޖަޔަތޭ 2" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެއި 12 ގަ އެވެ.