Roadha Mihaaru
ފަސް ބުރީގެ އިމާރާތެއް "ހިނގާފައި" އެހެން ތަނަކަށް

ފަސް ބުރީގެ އިމާރާތެއް "ހިނގާފައި" އެހެން ތަނަކަށް

01 ނޮވެމްބަރ 2020

ޗައިނާގައި މިހާރު ބޭނުންކުރަން ފަށާފައިވާ އާ ޓެކްނޮލޮޖީއެއްގެ އެހީގައި އިމާރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ އެއްވެސް ކަމެއް ނޫނެވެ. މިއީ އިމާރާތް "ހިންގުވާފައި" އެހެން ތާކަށް ގެންދިއުމެވެ. މި ޓެކްނޮލޮޖީ އަށް ދީފައިވާ ނަމަކީ "ވޯކިން މެޝިން" އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގައި މިހާރު ބޭނުންކުރަން ފަށާފައިވާ އާ ޓެކްނޮލޮޖީއެއްގެ އެހީގައި އިމާރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަކީ އެއްވެސް ކަމެއް ނޫނެވެ. މިއީ އިމާރާތް "ހިންގުވާފައި" އެހެން ތާކަށް ގެންދިއުމެވެ. މި ޓެކްނޮލޮޖީ އަށް ދީފައިވާ ނަމަކީ "ވޯކިން މެޝިން" އެވެ.

މީގެ އެހީގައި ދާދި ފަހުން ވަނީ، ޗައިނާގެ ޝަންހާއީގައި ހުރި 85 އަހަރުވީ، ފަސް ބުރީގެ އިމާރާތެއް އެހެން ތަނަކަށް ގެންގޮސްފަ އެވެ. ސްކޫލެއްގެ ގޮތުގައި ބޭނުންކުރި ދުވަސްވީ އިމާރާތް "ހިނގާފައި" އެހެން ދިމާއަށް ދިޔަ މަންޒަރުވީ ޝަންހާއީގެ މީހުންނަށް ފެނުނު ވަރަށް އާދަޔާހިލާފު ކަމަކަށެވެ.

މިކަން ކޮށްފައި ވަނީ އިމާރާތުގެ ދަށުގައި 200 ރޮބޮޓް ފައި ވިއްދައިގެންނެވެ. އެ ފައިތައް ދެ ބަޔަކަށް ބަހާލާފައި ހުރި އިރު، އިމާރާތް ހިއްލައި، ތިރިކުރެވެ އެވެ. އަދި ބެލެންސްކޮށް، ކުރިއަށް ދާން ބާރަކަށް ވަނީ އެކަމަށް ބޭނުންކުރި ހާއްސަ ސެންސަތަކެވެ. އެހެންވެ އިމާރާތް އެހެން ދިމާއަކަށް ބަދަލުކުރި މަންޒަރު ފެނުނު މީހުންނަށް ފެނުނީ "ހިނގާފައި ދިޔަ" އިމާރާތެކެވެ. މި މަސައްކަތުގެ ޓައިމްސްލެޕްސް ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ.

"ވޯކިން މެޝިން" ޓެކްނޮލޮޖީ އަކީ ޗައިނާގައި 2018 ގައި ތަރައްގީކުރި ޓެކްނޮލޮޖީއެކެވެ. ސްކޫލް އިމާރާތަކީ އެ ޓެކްނޮލޮޖީގައި އެހީގައި އެހެން ދިމާއަކަށް ބަދަލުކުރި ފުރަތަމަ ތަނެވެ. "ވޯކިން މެޝިން" ގެ ފަހަތުގައި އޮތީ "ޝަންހާއީ އިވޮލިއުޝަން ޝިފްޓް" ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގައި އިސްކޮށް ހުންނަނީ ލަން ވޫޖީ އެވެ.

ބަރުދަނުގައި 7،600 ޓަނު ހުރި ފަސް ބުރީގެ އިމާރާތް އެހެން ތަނަކަށް ގެންދިޔަ ޕްރޮޖެކްޓްގެ ޗީފް ޓެކްނިކަލް ސުޕަވައިޒަރުގެ މަގާމު ވެސް އަދާކުރެއްވި ލަން ވިދާޅުވި ގޮތުގައި "ވޯކިން މެޝިން" އަކީ އިންސާނުންގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަކޮށްދިން އެއްޗެކެވެ.

އޭގެ އެހީގައި ސްކޫލް އިމާރާތް އެހެން ތަނަކަށް ގެންދަން ނެގީ 18 ދުވަހެވެ. އަދި އެ އިމާރާތް މިހާރު ހުރީ ކުރިން ހުރި ތަނާ 62 މީޓަރު (203 ފޫޓު) ދުރުގަ އެވެ.

"ހަމަ އަސްލު ވެސް މިއީ އިމާރާތެއް ހިންގުވުން ކަހަލަ ކަމެއް. އެހާ ވެސް ފަސޭހަކަމެއް މިހާރު އިމާރާތެއް ރިލޮކޭޓްކުރުމަކީ،" އޭނާ ވިދާޅުވި އެވެ. "އަހަރެންގެ ތޭވީސް އަހަރުވީ ކެރިއަރުގައި އަދު މިހާތަނަށް ނުދެކެން މިހާ ފަސޭހައިން އިމާރާތެއް ހުރި ގޮތަށް ބަހައްޓައިގެން އެހެން ތާކަށް ގެންދިޔަ ތަނެއް."

އެހެން ދިމާއަކަށް ބަދަލުކުރި އިމާރާތް ހުރި ޝަންހާއީގެ ހަންގްޕޫ ޑިސްޓްރިކްޓް ސަރުކާރުން ބުނިގޮތުގައި ލަގެނާ ޕްރައިމަރީ ސްކޫލް ކިޔާ އެ އިމާރާތަކީ 1935 ގައި އޭރުގެ މުނިސިޕަލް ބޯޑް އޮފް ޝަންހާއީ އިން އިމާރާތްކުރި ތަނެކެވެ. އެތަން އެހެން ދިމާއަކަށް ބަދަލުކުރީ ވިޔަފާރި އާއި އޮފީސް ބޭނުންތަކަށެވެ. އެގޮތުން އިމާރާތަށް ބައެއް ބަދަލުތައް ވެސް ގެންނާނެ އެވެ. އެ މަސައްކަތްތައް އެއްކޮށް ނިންމާލަން ތާވަލުކޮށްފައި ވަނީ 2023 ގަ އެވެ.