Roadha Mihaaru
އިންގްލެންޑް ހަތަރު ހަފުތާއަށް ލޮކްޑައުންކޮށްފި

އިންގްލެންޑް ހަތަރު ހަފުތާއަށް ލޮކްޑައުންކޮށްފި

01 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 1) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން އިންގްލެންޑް ހަތަރު ހަފުތާ އަށް ލޮކްޑައުންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ނޮވެމްބަރު 1) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން އިންގްލެންޑް ހަތަރު ހަފުތާ އަށް ލޮކްޑައުންކޮށްފި އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރެއްވި އާ ޕްލޭނުގައިވާ ގޮތުން ލޮކްޑައުންގެ މުއްދަތުގައި ރެސްޓޯރެންޓްތަކާއި ޕަބްތައް، ޖިމްތަކާއި ސިނަމާތައް އަދި ބައެއް ފިހާރަތައް ބަންދުވާނެ އެވެ. ނަމަވެސް ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވާނެ އެވެ. މީހުންނަށް ބޭރަށް ނުކުމެވޭނީ އަސާސީ ބޭނުމެއްގައި އެކަންޏެވެ.

އިނގިރޭސިވިލާތުން މި އެޅި ފިޔަވަޅުތަކަށް އިދިކޮޅު ބައެއް މެންބަރުންނާއި ވިޔަފާރިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ބޮޑުވަޒީރު ޖޯންސަން ވިދާޅުވީ ޑިސެމްބަރު 2 އިން ފެށިގެން ފިޔަވަޅުތަކަށް ލުއި ދޭން ފަށާނެ ކަމަށެވެ. ލޮކްޑައުން ކުރަން ޖެހުނީ ނޭޝަނަލް ހެލްތު ސާވިސް، "ސިއްހީ ބޮޑު ކާރިސާއަކުން" ސަލާމަތް ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ޖޯންސަން ވިދާޅުވީ ކުރިއަށް އޮތީ ވަރަށް އުނދަގޫ ކްރިސްމަސްއެއް ކަމަށާއި އެކަމަކު މި ފިޔަވަޅުތަކާ އެކު އާއިލާތައް އެއްތަންވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ލޮކްޑައުން ކުރަންޖެހުނީ އިތުރު އެއްވެސް ގޮތެއް ނެތިގެން،" ޖޯންސަން ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން އިއްޔެ ވަނީ 21،915 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،011،660 އަށް ވަނީ އަރައިފަ އެވެ. އިނގިރޭސި ވިލާތަކީ އެއް މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ނުވަ ވަނަ ގައުމެވެ. އެ ގައުމުން ވަނީ 46،555 މީހުން މަރުވެފަ އެވެ. ހޮސްޕިޓަލުގައި 11،000 މީހުންނަށް ފަރުވާ ދޭ އިރު 978 މީހުންނަށް ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމުން ފްރާންސް ވެސް މިހާރު ވަނީ ދެ ވަނަ ފަހަރަށް ލޮކްޑައުންކޮށްފަ އެވެ. ޕޯޗުގަލްގެ އާބާދީގެ 70 ޕަސެންޓް ވަނީ ލޮކްޑައުންކޮށްފަ އެވެ. އޮސްޓްރިއާ ވެސް ވަނީ ލޮކްޑައުންކޮށްފަ އެވެ. އިޓަލީ އާއި ބެލްޖިއަން އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ.