Roadha Mihaaru
އެކަނިވެރި މީހުންގެ ފްލެޓުގެ ވަގުތީ ލިސްޓު އާންމުކޮށްފި

އެކަނިވެރި މައިންނާއިބަފައިންގެ ފްލެޓު ލިބޭ ވަގުތީ ލިސްޓު އާންމުކޮށްފި

04 ނޮވެމްބަރ 2020

ހިޔާ މަޝްރޫގެ ދަށުން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ، H6 އިން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ސަރުކާރުން މިއަދު އާންމުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހިޔާ މަޝްރޫގެ ދަށުން އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ، H6 އިން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު ސަރުކާރުން މިއަދު އާންމުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި ފެށި ހިޔާ މަޝްރޫއުގެ ފްލެޓު ދޫކުރާ މީހުންގެ ލިސްޓު އެކުލަވާލައިފައިވާއިރު، މި ސަރުކާރުން ވަނީ އެ ލިސްޓުގައި ހިމެނޭ މީހުންނަށް ޕޮއިންޓު ދީފައިވާ ގޮތް ބަލައި ފޯމު ހުށަހެޅި މީހުންގެ ޕޮއިންޓުތައް އަލުން މުރާޖައާ ކުރުމަށް ފްލެޓު ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

އެ ކޮމިޓީން މިއަދު އާންމުކުރި ލިސްޓުގައި، އެ ކެޓަގަރީން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާއި ނުވާ މީހުންގެ ނަން، ޝަރުތު ހަމަނުވާ ކަމަށް ގަބޫލުކުރެވޭ ސަބަބާ އެކު ބަޔާކޮށްފަ އެވެ. ފްލެޓަށް އެދުނު މީހުންގެ ތެރެއިން 261 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެ އެވެ.

ޝަރުތު ހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ނުބެލޭ މީހުންގެ ނަމާއި އެކަން ދިމާވީ ސަބަބު ވެސް ލިސްޓުގައި ހާމަކޮށްފައިވެ އެވެ.

މި ފްލެޓުތަކަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ވަގުތީ ލިސްޓުގައި ހިމެނިފައިވާ އެއްވެސް މީހަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ސަރުކާރުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއެއްގެ ތެރެއިން ފްލެޓު ރޯ ހައުސް އަދި ގޯއްޗެއް ލިބި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ނަމަ ދާއިމީ ލިސްޓުން އުނިކުރާނެ ކަމަށް ކޮމިޓީން ބުންޏެވެ.

އެއް ކުއްޖަކު ބަލަމުންދާ ކަމަށް ބުން ފޯމު ހުށަހަޅާފައިވާ މައްމަ އާއި ބައްޕަ ވެސް ޝަރުތާއި ޕޮއިންޓު ހަމަވެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ނަމަ އޭގެ ތެރެއިން ދަރިފުޅު ބަލަނީ ކާކުތޯ ބަލައި ދާއިމީ ލިސްޓަށް އެ އިސްލާހު ގެންނާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ވަނީ ހުޅުވައިފަ އެވެ.

ލިސްޓަށް ޝަކުވާ ހުށަހަޅާނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ.

ކޮމިޓީން ބުނީ ދާއިމީ ލިސްޓު އެކުލަވައިލާނީ ޝަކުވާތަކަށް ރިއާޔަތްކޮށް ކަމަށާއި ވީ އެންމެ އަވަހަކަށް ދެން ހުރި ކެޓެގަރީތަކުގެ ލިސްޓު ވެސް އާންމުކުރާނެ ކަމަށެވެ.

ހިޔާ މަޝްރޫގައި ހިމެނެނީ ޖުމުލަ 12 ކެޓަގަރިއެކެވެ. މިހާތަނަށް އެ ކޮމިޓީން ވަނީ ހަ ކެޓަގަރީއެއްގެ ވަގުތީ ލިސްޓު އާންމުކޮށްފަ އެވެ. އެއީ އެކަނިވެރި މައިންނާއި ބަފައިން (އެޗް6) ޑޮކްޓަރުންނާއި ނަރުހުން (އެޗް4) ޓީޗަރުން (އެޗް5) މާލޭގެ ރަށްވެހިން (އެޗް8) ނުކުޅެދުންތެރިކަން ހުންނަ މީހުން (އެޗް10) އަދި ދަފްތަރު (އެޗް9) ކެޓެގަރީގެ ވަގުތީ ލިސްޓު ވެސް އާންމުކޮށްފަ އެވެ.