Roadha Mihaaru
ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތް އާއްމުކޮށްފި

ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން މިންގަނޑު އާއްމުކޮށްފި

08 ޑިސެމްބަރ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި "ހިޔާ" މަޝްރޫއަށް ކުރިމަތިލީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް މި ސަރުކާރުގެ ފްލެޓު ކޮމިޓީން ޕޮއިންޓް ދިން އުސޫލް ސާފުނުވާ ކަމުގެ ޝަކުވާތައް ބޮޑުވުމުން، ޕޮއިންޓް ދިން މިންގަނޑު ރޭ އާއްމުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި "ހިޔާ" މަޝްރޫއަށް ކުރިމަތިލީ މީހުންގެ ދިރިއުޅުމުގެ ހާލަތަށް މި ސަރުކާރުގެ ފްލެޓު ކޮމިޓީން ޕޮއިންޓް ދިން އުސޫލް ސާފުނުވާ ކަމުގެ ޝަކުވާތައް ބޮޑުވުމުން، ޕޮއިންޓް ދިން މިންގަނޑު ރޭ އާއްމުކޮށްފި އެވެ.

"ހިޔާ" މަޝްރޫއަށް ކުރިމަތިލީ 25،000 މީހުންގެ ތެރެއިން ފްލެޓު ލިބޭ 7،000 މީހުންގެ ލިސްޓުތަކެއް ޔާމީންގެ ސަރުކާރުން އާއްމުކުރި އެވެ. އެކަމަކު، އެއީ ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް "ބަހާލުން" ކަމުގެ ތުހުމަތު ކުރުމުން މި ސަރުކާރުން އުފެއްދި ފްލެޓު ކޮމިޓީން އަންނަނީ ހުރިހާ ކެޓަގަރީއަކަށް ވަކިވަކިން ޕޮއިންޓްދީ ލިސްޓުތައް އާއްމުކުރުމުންނެވެ.

މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރިމަތިލީ އެޗް7 ކެޓަގަރީ އިއުލާންކުރުމާ އެކު ޝަކުވާ ބޮޑުވީ، ދިރިއުޅުމުގެ ހާލަތަށް ކަނޑައަޅާފައިވާ 30 ޕޮއިންޓު އެކި މީހުންނަށް ދީފައިވާ ގޮތް ސާފު ނުވުމުންނެވެ. ޝަރުތު ހަމަވެ ފްލެޓު ލިބޭ މީހުންގެ ގޮތުގައި ކުރިން އިއުލާންކޮށްފައިވާ 600 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅުމުގެ ހާލަތުގެ ބައިން މިފަހަރު ޕޮއިންޓު މަދުވެ ލިސްޓުގެ ފަހަތަށް ވަނީ ވެއްޓިފަ އެވެ.

ފްލެޓް ކޮމިޓީން ބުނީ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު ޕޮއިންޓު ދެވޭނީ ގޭގެއަށް ގޮސް ހާލަތު ބަލައިގެން ކަމަށް ވާތީ، ޕޮއިންޓު ދޭނެ މިންގަނޑެއް އެކުލަވައިލީ ހައުސިން މިނިސްޓްރީގެ ލަފައަ އެކު ކަމަށެވެ. ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓު ދޭން އެކުލަވާލާފައިވާ މިންގަނޑު ކުރިން އާއްމު ނުކުރީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ނަމަ އެންމެ އިންސާފުވެރިކަމާ އެކު ޕޮއިންޓު ދޭން ހުރަސް އެޅޭނެތީ ކަމަށް ވެސް ކޮމިޓީން ބުންޏެވެ.

އެ ކޮމިޓީން ރޭ ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި މާލޭ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީ އާއި މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އާއިލާތަަކަށް ހާއްސަ ކެޓަގަރީގެ އިތުރުން އުމުރުންު 10-40 އަހަރާ ދެމެދުގެ މީހުން ކުރިމަތިލީ އެޗް7 ކެޓަގަރީގެ މިންގަނޑު އާއްމުކޮށްފަ އެވެ.

ގާތްގަނޑަކަށް 9،056 މީހުން ކުރިމަތިލީ އެޗް7 ކެޓަގަރީގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން މިންގަނޑުގައި 13 ކަމަކަށް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ކޮޓަރިއެއްގައި ނިދާ މީހުންގެ އަދަދާއި ކައިވެނި ކޮށްގެން އުޅޭ ދެމަފިރިންނަށް ވަކި ކޮޓަރިއެއް ހުރިތޯ އާއި ފާޚާނާ ބޭނުންކުރާ މީހުންގެ އަދަދާއި ގޭގައި ކެއްކުމުގެ އިންތިޒާމު ހަމަޖެހިފައި ހުންނަ ގޮތާއި ފެން ލައިޓް ބޭރަށް ހުޅުވޭ ގޮތަށް ހުރިތޯ ބެލުމާއި ކާރިސާއެއް ދިމާވެއްޖެ ނަމަ ފަސޭހައިން ސަލާމަތްވާނެ ގޮތެއް ހުރިތޯ އާއި ދިރިއުޅޭ ތަނުގެ އެތެރޭގެ ފާރުތަކުގައި ރެނދުލައި ވީރާނާވެފައި ހުރިތޯ ބެލުމާއި ފެންބޮޑުވާ ގޮތަށް ހުރިތޯ އާއި ސީލިންގު ހަލާކުވެފައި ހުރިތޯ ބެލުން ފަދަ ކަންކަން ހިމެނެ އެވެ.

މީގެ އިތުރުން ޕޮއިންޓް ދިނުމުގައި ބަލާފައި ވަނީ ކައިވެނީގެ މުއްދަތަށާއި ވަޒީފާ އަދާކުރި މުއްދަތާއި ލިބޭ އާމްދަނީ އަށެވެ.

މިހާތަނަށް އާއްމުނުކޮށް ހުރި ކެޓަގަރީތަކުން ދިރިއުޅުމުގެ ހާލަތު ބަލާ މިންގަނޑު އާއްމުކުރާނީ، ޝަރުތު ހަމަވާ ލިސްޓުތައް އާއްމުކޮށްފައި ކަމަށް ވެސް ފްލެޓް ކޮމިޓީން ބުންޏެވެ.