Roadha Mihaaru
ދަ ގްރާންޑޭ ގޮވައިގެން އިންމަ އަލުން ޓާގެޓާ ދިމާލަށް

ދަ ގްރާންޑޭ ގޮވައިގެން އިންމަ އަލުން ޓާގެޓާ ދިމާލަށް

06 ނޮވެމްބަރ 2020

މިދިޔަ އަހަރު ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް ލިބުނު ތަޖުރިބާގެ އަލީގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުރިއަށް އޮތް ސީޒަނުގައި ޓާގެޓްތަކެއް ހާސިލްކުރަން ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިދިޔަ އަހަރު ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް ލިބުނު ތަޖުރިބާގެ އަލީގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުރިއަށް އޮތް ސީޒަނުގައި ޓާގެޓްތަކެއް ހާސިލްކުރަން ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.

އާ ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ޓީމަކީ ދަ ގްރާންޑޭ އެވެ. އެ ޓީމުން ޕްރެކްޓިސް ފެށީ ބުދަ ދުވަހުގެރޭ އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކުރި އިންމަ ބުނީ މިދިޔަ ސީޒަނަކީ ދަ ގްރާންޑޭ އަށް ތަޖުރިބާތަކެއް ލިބިގެންދިޔަ އަހަރެެއް ކަމަށާއި ދަސްވި ކަންތައްތަކުން ފިލާވަޅު ނަގައި ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

"މިދިޔަ ސީޒަނުގައި އަޅުގަނޑުމެން ވާދަކުރީ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން. ނަމަވެސް މިދިޔަ ސީޒަނުގައި ވަރަށް ގިނަ ކަންތައްތައް ދިމާވެ ހާއްސަކޮށް ދަނޑު ބޭރުގައި ގިނަ ކަންތައްތައް ދިމާވީ. މުޅި ސީޒަންގައި ހުރިހާ ޓީމަކަށް ކަހަަލަ ގޮތަކަށް ފައިނޭންޝިއަލް ކްރައިސިސްއެއް ދިމާވި. މީގެ އަލަށް އައި ޓީމު (ދަ ގްރާންޑޭ) އޭގެ ތެރެއިން ވެއްޓިގެން ދިޔައީ. އެ ހާލަތަށް ގޮސްގެން އޭރު ޓާގެޓަށް ނުދެވި ފަސް ވަނަ އަށް ދިޔައީ. މި ފަހަރު އަމާޒަކީ އެ އަށް ވުރެ ރަނގަޅުކުރުން،" އިންމަ ބުންޏެވެ.

މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި އިރު އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. އަހަރުން އަހަރަށް ޓީމު ވަރުގަދަކޮށް ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކުރަމުން އައީ އިންމަގެ ކޯޗުކަމުގަ އެވެ. އިންމަ މިދިޔަ ސީޒަނުގައި ދަ ގްރާންޑޭއާ ހަވާލުވެ އެ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގައި ހިފަަހައްޓާލެވޭ ވަރުގެ މަސައްކަތްތަކެއް ފެށި އެވެ. އެކަމަކު އޭނާގެ ކޮންޓްރޯލްގައި ނެތް ކަންކަމުގައި ތަފާތު މައްސަލަތައް ކުރިމަތިވެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވެ މެޗުގައި ނަތީޖާތައް ނުނެރެވުނީ ކަމަށް އިންމަ ދެކެ އެވެ.

ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަ ގްރާންޑޭގެ ޕްރެކްޓިހުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އިން ފެނުނު ގިނަ ކުޅުންތެރިން މި ސީޒަނުގައި ވެސް އެ ޓީމަށް ކުޅެ އެވެ. ދަ ގްރާންޑޭ އިން ސީޒަނާ ކުރިމަތިލާއިރު ޓީމާ އިތުރު ބިދޭސީ ތިން ކުޅުންތެރިން ގުޅޭނެ އެވެ. ދަ ގްރާންޑޭއާ އަލަށް ގުޅުނު ކުޅުންތެރިއަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކަށް ކުޅެފައިވާ ތަޖުރިބާކާރު ފޯވާޑް އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އެވެ.

އިންމަ ބުނީ މިދިޔަ ފަހަރު ލީގުގައި ޓާގެޓަށް ނުދެވުނު ކަމުގައި ވިޔަސް އެފްއޭ ކަޕާ މެދު ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށެވެ.

"އެފްއޭ ކަޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި އަޅުގަނޑުމެން އޮތް. އެ ހިތްހަމަޖެހުން އެބައޮތް. އިރާދަކުރެއްވިއްޔާ މި އަހަރު ކުރިއަށް ވުރެން ރަނގަޅުވާނެ،" އިންމަ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ މިދިޔަ ސީޒަނުގެ ފުޓްބޯޅަ ސީޒަން އަވަހަށް ނިންމާލީ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ކެންސަލްކޮށްފަ އެވެ. އެފްއޭ ކަޕް ކެންސަލްކުރަން ނިންމީ ކުއާޓާ ފައިނަލް މެޗުތައް ނިމި ސެމީ ފައިނަލަށް ޓިމުތަކުން ތައްޔާރުވަމުން ދަނިކޮށެވެ.

މި ފަހަރު ލީގުގައި ދަ ގްރާންޑޭ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ކުޅޭނީ ޓީސީއާ އެވެ. ޓީސީ ވެސް ޕްރެކްޓިސް ފެށީ ދަ ގްރާންޑޭއާ އެއްކޮށެވެ.