Roadha Mihaaru
އެވަޓަން ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުމެއް

އެވަޓަން ބަލިކޮށް ޔުނައިޓެޑަށް ހަމަޖެހުމެއް

07 ނޮވެމްބަރ 2020

ލިވަޕޫލް (ނޮވެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން އެވަޓަން ބަލިކޮށް، ގޯސް ނަތީޖާތަކުގެ ޕްރެޝަރުން އަރައިގަނެ މެންޗެސްޓާ ޔުނައިޓެޑުން ހަމަޖެހުމެއް ހޯދައިފި އެވެ.

ލިވަޕޫލް (ނޮވެމްބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން އެވަޓަން ބަލިކޮށް، ގޯސް ނަތީޖާތަކުގެ ޕްރެޝަރުން އަރައިގަނެ މެންޗެސްޓާ ޔުނައިޓެޑުން ހަމަޖެހުމެއް ހޯދައިފި އެވެ.

ލީގުގައި މި ސީޒަނުގައި އަމިއްލަ ދަނޑުގައި މޮޅެއް ލިބިފައިނުވުމާއި އެންމެ ފަހުން ލީގުގައި އާސެނަލް އަތުންނާއި ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި އިސްތަންބޫލް ބަސަކްޝެހީރް އަތުން ބަލިވުމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެކަމަކު މިރޭގެ ތިން ޕޮއިންޓާ އެކު ސޯލްޝެއާ އަށް ވެސް ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

"އަހަރެމެން ބުދަ ދުވަހު ޗެމްޕިއަންސް ލީގު ކުޅެފައި ދިގު ދަތުރެއް ކޮށްފައި އެހާ އަވަހަށް މެޗު ކުޅެން ޖެހުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ނުދެކެން. އެކަމަކު މިއީ އުސޫލު މި އަށް ދެކޮޅު ހެދޭކަށް ނެތް. އަހަރެމެން މޮޅުވީ ޕްލޭނާ އެއްގޮތަށް މުޅި ޓީމު މަސައްކަތްކުރީމަ،" މެޗަށް ފަހު ސޯލްޝެއާ ބުންޏެވެ.

ޔުނައިޓެޑް މި ވަގުތު 13 ވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު މި ހަފްތާގައި ކްރިސްޓަލް ޕެލަސް އާއި ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވެއްޖެނަމަ ޔުނައިޓެޑް އަނެއްކާ ވެސް 15 ވަނަ އަށް ވެއްޓޭނެ އެވެ. ޖެހިޖެހިގެން ތިން މެޗުން ބަލިވެ އެވަޓަން އޮތީ ފަސް ވަނައިގައި އަށް މެޗުން 13 ޕޮއިންޓާ އެކު އެވެ. މި ހަފްތާގައި ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އެވަޓަން ވެއްޓުމުގެ ފުރުސަތު ބޮޑެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި މިރޭ ކުޅުނު މެޗު ފަށައިގެން 19 ވަނަ މިނިޓްގައި އެވަޓަން އަށް ލީޑުނަގައިދިނީ ބްރެޒިލްގެ ވިންގް ބާނާޑް އެވެ. ޑޮމިނިކް ކަލްވެޓް-ލެވިން ދިން ބޯޅައެއް ހޯދައި ބާނާޑް ފޮނުވާލި ޝޮޓު ގޯލަށް ވަނީ ތިރިތިރިން ގޮހެވެ.

ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފުގައި ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. އެ ޓީމަށް މި މޮޅު ލިބުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ބްރޫނޯ ފެނާންޑޭސް އަށެވެ. އޭނާ ވަނީ ހަތް މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލަކީ މެޗުގެ 25 ވަނަ މިނިޓްގައި ލޫކް ޝޯ ނެގި ހުރަހަކުން ފެނާންޑޭސް ބޮލުން ޖެހި ގޯލެކެވެ. މެޗުގެ 32 ވަނަ މިނިޓްގައި ފެނާންޑޭސް ޖެހި ދެ ވަނަ ގޯލަކީ އޭނާ ނެގި ހުރަހެއް ޖަހަން އެރި މާކަސް ރެޝްފޯޑް ބޮލުގައި ލައްވާނުލައި ގޮސް ދަނޑީގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެެވެ.

ބަދަލުތައް ގެނެސްގެން ދެ ވަނަ ހާފުގައި އެވަޓަން އިން ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ. ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގައި އެޑިންސަން ކަވާނީ އެވެ. މިއީ ޔުނައިޓެޑާ ގުޅުނު ފަހުން ކަވާނީ ޖެހި ފުރަތަމަ ގޯލެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކަވާނީ މި ގޯލު ޖެހީ ފެނާންޑޭސް ދިން ބޯޅައަކުންނެވެ.