Roadha Mihaaru
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި

ބަޖެޓުގައި ހުރި ކަންކަން ކުރެވޭނެ ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ: ނަޝީދު

16 ނޮވެމްބަރ 2020

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ "ޅޮސް ލަކުޑި" ނުވަތަ އެއްވެސް ބާރެއް ނެތް ލަކުޑިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ "ޅޮސް ލަކުޑި" ނުވަތަ އެއްވެސް ބާރެއް ނެތް ލަކުޑިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ބަޖެޓް ބަހުސްގައި މެމްބަރުން ދައްކަވާ ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން އެކިފަހަރު މަތިން ދެއްކެވި ވާހަކަފުޅުގައި ބަޖެޓާ އެއްކޮޅަށް ވާހަކަދައްކަވާ ބޭފުޅުން "ޅޮހޭ ރަނގަޅީ" ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ" މިއީ ބޮޑުފެންވަޅުގޭ ސީދީގެ ޅެމެއްގެ ތަންކޮޅެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާފައިވާ ކަންތައްތަކަށް ފައިސާ ލިބޭނެ ކަމަށް ރާއްޖޭގެ އެކަކު ވެސް ގަބޫލުނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވައިލަން އޮތީ ރާއްޖޭގައި ނެތް މޮޔައެއް އެކަކު ވެސް. މި ބަޖެޓްގައި ޖަހާފައި ހުރި ކަންކަމަށް ބޭނުންވާ ފައިސާ ހޯދިގެން އައިސް އެކަންކަން ކުރެވިދާނެ ކަމަކަށް މި ދިވެހިރާއްޖޭގެ މީހުނެއް ގަބޫލެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓް ބަހުސް ފެށުމުގެ ކުރިން އެމަނިކުފާނު އެދިވަޑައިގަތީ ބަޖެޓާ ބެހޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި އޮޑިޓާ ޖެނެެރަލް ހަސަން ޒިޔަތު މަޖިލީހަށް ދެއްވާފައިވާ ލަފާ ބަޖެޓް ކޮމިޓީގެ މެމްބަރުން ރަނގަޅަށް ވިދާޅުވުމަށެވެ.

"ބަޖެޓާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލަފާ ބަޖެޓް ކޮމިޓީ އަށް މިހާރު ވަނީ ފޮނުއްވާފައި އަޅުގަނޑަށް ޔަގީން ކަށަވަރު. ބަޖެޓް ކޮމިޓީގެ ހުރިހާ އިއްޒަތްތެރި މެމްބަރުން މި ލަފާ ހަގީގަތުގައި ކިއުއްވާނެ ކަމަށް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިއްޒަތްތެރި މެމްބަރުން ވަގުތު ހޯއްދަަވައިގެން ފަންސޫރެއް އަތަށް ނަންގަވައިގެން މި [ލަފާ ކިއުއްވަން]،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓު ބަހުސްގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާގެ ވާހަކަ ނިންމަވައިލެއްވުމުން އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ބަޖެޓްގެ ބޮޑުބައި އޮތީ ދަރަނި އަދާކުރަން ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް އޮތް ބަޖެޓް ރަނގަޅު ކަމަށް މެމްބަރުން ވިދާޅުވާތީ އެމަނިކުފާނު ފާޑުވިދާޅުވި އެވެ.

މެމްބަރުންނަށް ފާހަގަކޮށްދޭން އެދިވަޑައިގަންނަވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަގީގަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓްގައި އޮތީ އެންމެ 3.1 ބިލިޔަަން ރުފިޔާ ކަމެވެ. އެއާ އެކުގައ ހިންގުމުގެ ހަރަދު 21 ޕަސެންޓުން ދަށްކޮށްފައިވާ ކަމަށާއި ބަޖެޓް ގޯސްވެ މިދަނީ ދަރަނި އަނބުރާ ދެއްކުމުގެ ހަރަދު އިންތިހާ އަށް ބޮޑުވެފައި ވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ދަރަންޏަކީ 2013 ވަނަ އަހަރާއި 2018 ވަނަ އަަހަރާ ދޭތެރޭގައި ނަގާފައިވާ ދަރަނި. އެ ދަރަނި އަނބުރާ ދައްކަން މިއަހަރު މި ޖެހެނީ އޭގެ ގްރޭސް ޕީރިއަޑް ހަމަވެގެން. އެހެންވީމާ މި ބަޖެޓްގެ ހަގީގީ މައްސަލައަކީ މި ބޮޑު ދަރަނި އަނބުރާ ދެއްކުން ކަަމަށް މި ބަޖެޓް ފޮތުން އަޅުގަނޑަށް ހަމަ ގައިމުވެސް އެބަ ސާފުވޭ. ދެން އެހެން ނަމަވެސް ބަޖެޓާ ބެހޭ ގޮތުން ތިޔަ އިއްޒަތްތެރިން ދައްކަވާ ވާހަކައެއް ކަމަށް އަޅުގަނޑު ފާހަގަ މިކުރަނީ ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ،" ނަޝީދު ވިދާޅުވި އެވެ.

ބަޖެޓަށް ބަހުސް ކުރެއްވުމަށް ފުރުސަތަށްް އެދިވަޑައިގެންނެވި މެމްބަރުންގެ އަދަދު މަދުކަމުން އެކަމާ ވެސް އެމަނިކުފާނު ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ބަހުސްގައި ބައިވެރިވެވަޑައިނުގެން، "ޅޮހޭ ރަނގަޅީ، ޅޮހޭ ރަނގަޅީ ގައި ތިއްބަވަންޏާ" ބަހުސް ނިންމަވައިލެއްވިދާނެ ކަމަށެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ބަޖެޓްގެ މައްސަލައިގައި ފިނޭންސް މިނިސްޓަރާއި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައި ނިންމަވައިލެއްވުމުން ނަޝީދު ވިދާޅުވީ އޭނާ ވަރަށް ޒިންމާދާރުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. ހަލީމް ތުހުމަތުކުރެއްވި ގޮތުގައި ބަޖެޓް ކަނޑައެޅުމުގައި ސަރުކާރުން މިފަހަރު އޮތީ އެކިއެކި މެމްބަރުންނަށް އިސްކަންދީގެން ދާއިރާގެ ތަފާތު ކޮށްގެންނެވެ. ބަޖެޓްގައި ބައެއް މަސައްކަތްތަކުގެ އަގު ވެސް ސާފުކޮށް ލިޔެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު މިއިނީ ވަރަށް ޝައުގުވެރިކަމާ އެކުގައި އަޑުއަހަން. އިއްޒަތްތެރި މެމްބަރުގެ ޒިންމާދާރުކަން ވަރަށް ބޮޑު. އިއްޒަތްތެރި މެމްބަރު މިކަން އޮތް ގޮތަށް ވިދާޅުވެ ދެއްވައިފި،" ދޮންބިލެއް ވާހަކަ ނިންމަވައިލެއްވުމުން ނަޝީދު ވިދާޅުވި އެވެ.

ބަޖެޓުގައިވާ ކަަންތައްތަކަށް ފައިސާ ހޯދޭނެ ކަމަށް މީހުން ގަބޫލުނުކުރާނެ ކަަމަށް ވިދާޅުވެ ނަޝީދު ވާހަކަފުޅު ދެއްކެވީ ބަޖެޓްގައި ޖަހާފައިވާ ބޮޑެތި ގިނަ މަޝްރޫއުތަކަށް މިހާރު ވެސް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން މިނިސްޓަރު އަމީރަށް ފުރުސަތު ދެއްވުމުން އޭނާ ވިދާޅުވީ، ބަޖެޓުގައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ މިހާރު ވެސް ހަމަޖެހިފައިވާކަން ބަޖެޓު ރަނގަޅަށް ބަލައިފި ނަމަ ސާފުވާނެ ކަަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި މާލެ، ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ބްރިޖަކުން ގުޅުވައިލުމެވެ. އިންޑިއާ އިން ރާއްޖެ އަށް ދީފައިވާ ލައިން އޮފް ކްރެޑިޓް ފެސިލިޓީން އެ މަޝްރޫއަށް 400 މިލިޔަން ޑޮލަރު އަދި އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަންް ޑޮލަރު އޮތީ ހަމަޖެހިފަ އެވެ.