ހިލޭ ޑިގްރީ އާއި ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
09 ނޮވެމްބަރ 2020
ހިލޭ ޑިގްރީ އާއި ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އަންނަ އަހަރުގެ ބަޖެޓުން ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުން ތައުލީމީ ދާއިރާ އަށް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އެއީ އިގުތިސޯދީ ހަރަކާތްތައް ފުޅާވެ އަލުން ތަރުތީބުވެ އާރާސްތު ކުރަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ މީހުން ބިނާކުރުމަށާއި ތައުލީމު ހޯދުމަށް ހިޖުރަކުރާ ވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައަޅާފައިވާ ބަޖެޓެއް ކަމަށް، ބަޖެޓުގެ ތަފްސީލު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މިދިޔަ އަހަރު ތައާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމަކީ މަތީ ތައުލީމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 7،800 އަށް ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދީފައި ވެ އެވެ. މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ލޯނު ސްކީމާއި ހިލޭ ޑިގްރީ އާއި ސްކޮލަޝިޕްތަކަށް އަންނަ އަހަރު 551 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
"މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަ ކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ. އަދި ރިޒޯޓުތަކުގެ ސީނިއާ މެނޭޖްމަންޓް މަގާމުތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓު ކުރެވިފައިވޭ. އިސްވެ ދެންނެވުނު ކަންކަމަކީ ރިސިލިއަންޓް ވޯކްފޯސްއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަންކަން،" މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ހާލަތުން ދަސްވި ފިލާވަޅަކީ، އޭނާ ވިދާޅުވި ގޮތުގައި، ޒުވާނުންނަށް ތަފާތު އެކި ހުނަރުތައް ދަސްކޮށްދިނުމުގެ މުހިއްމު ކަމެވެ. އެކަމަށް އަމާޒުކޮށް ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ފެސިލިޓީއެއް، ހދ. ކުޅުދުއްފުއްޓާއި ރ. އަލިފުއްޓާއި ހުޅުމާލެ އަދި ފުވައްމުލަކުގައި އެންމެ ޒަމާނީ ޓިވެޓް އިންސްޓިޓިއުޓުތައް ގާއިމްކުރަން ބަޖެޓުގައި ހިމަނާފައި ވެ އެވެ. އޭގެ އިތުރުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއާ ކޮލެޖާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ގައުމީ ޔުނިވާސިޓީގެ ވަސީލަތްތައް ފުޅާކުރަން ވެސް ބަޖެޓުގައި ޖަހާފައި ވެ އެވެ.
މިނިސްޓަރު ވިދާޅުވީ އެއް ދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރާވާފައި ވަނީ ތައުލީމީ ދާއިރާ އަށް ކަމަށެވެ. މީހުން ދިރިއުޅޭ 104 ރަށެއްގައި މަޝްރޫއުތައް ހިންގަން ތައުލީމީ ދާއިރާ އިން ރާވާފައިވާ ކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ސްކޫލުތަކާއި ކްލާސްރޫމުތަކާއި ތައުލީމީ ވަސީލަތްތައް ބިނާކުރުން ހިމެނެ އެވެ.
ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހާއްސަ އިސްކަމެއް ދީގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ވާސިލު ވުމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމަށް މި ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. ސަރުކާރުގެ އަމާޒަކީ ފެންވަރު ރަނގަޅު ތައުލީމެއް މި ސަރަހައްދުތަކުން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
މުވާސަލާތީ ހިދުމަތަށް އިތުރު ކުންފުންޏެއް ގެންނަނީ
ބަޖެޓް 2021: ހައުސިން އަށް 716 މިލިއަން ރުފިޔާ
އަންނަ އަހަރަށް ހުށަހަޅާނީ ކުޑަ ބަޖެޓެއް: އަމީރު
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
އަމީރާ ދެކޮޅަށް ހުށަހެޅި މައްސަލަ ކޯޓުން ބަލައެއްނުގަތް
ފައިސާ ޗާޕްކުރުމުގެ މުއްދަތު އިތުރު ކޮށްދޭން އެދިއްޖެ
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ބަޖެޓްގެ 90 ޕަސެންޓް އޮތީ ވައުދު ފުއްދުމަށް
އަންނަ އަހަރުގެ ބަޖެޓް ކުދި ބަދަލުތަކާ އެކު ފާސްކޮށްފި