Roadha Mihaaru
ޕާޓީތަކަށް ފައިސާ ދޫނުކުރެވެނީ ބަޖެޓް ތާށިވެގެން

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫނުކުރެވެނީ ބަޖެޓް ތާށިވެގެން: ޝަރީފް

09 ނޮވެމްބަރ 2020

ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މި އަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ސިޔާސީ ޕާޓީތަކަށް ފައިސާ ލިބުމުގައި ދަތިތައް ދިމާވަނީ މި އަހަރު ދައުލަތުގެ ބަޖެޓުގައި ދަތިތަކެއް ހުރެގެން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އަށް ބަޖެޓުން ކަނޑައަޅާފައިވާ ފައިސާ ނުލިބޭތީ ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދަން ދަތިވެފައިވާ ކަމަށް ބުނެ އެ ޕާޓީން ވަނީ އިއްޔެ އިލެކްޝަން ކޮމިޝަނަށް ޝަކުވާ ހުށަހަަޅާފަ އެވެ.

ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ ދިމާވެފައި ވަނީ އިދިކޮޅު ކޯލިޝަނަށް އެކަނި ނޫން ކަމަށެވެ. ކޮންމެ އަހަރަކު ވެސް ކަނޑަޅާފައިވާ ބަޖެޓުން ލިބެން ޖެހޭ ފައިސާގެ އަދަދު ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާނެ ކަމަށާއި އޭގެ ތެރެއިން އެ މިނިސްޓްރީން މިވަގުތު ހުރިހާ ޕާޓީއަކަށް ވެސް ދެވެން އޮތް ވަރަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއީ ވަކި އިދިކޮޅު ވެގެނެއް ނޫން. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ވެސް ލިބެންޖެހޭ މުޅި އެތި ނުލިބޭ. ޖޭޕީން ވެސް އެބަހުރި ބައެއް މުވައްޒަފުންގެ މުސާރަ ނުލިބޭތީ ވެސް ޝަކުވާ ހުށަހަޅައިފައި،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މައްސަލަ ހައްލުވާނެ ގޮތެއް ހޯދަން ފިނޭންސް މިނިސްޓްރީއާ ވެސް ވާހަކަދައްކަވާނެ އެވެ.

މި އަހަރު ރާއްޖޭގެ ބަޖެޓަށް ކަނޑައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ތެރެއިން 33.4 މިލިއަން ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ވަނީ ކަނޑައަޅާފަ އެވެ. ޕާޓީތަކާ ބެހޭ ގަވާއިދުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ތާރީހާ ހަމައަށް 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އަދި ފައިސާ ދޫކުރާނީ ޕާޓީގައި ތިބި މެމްބަރުންގެ އަދަދަށް ބަލައިފަ އެވެ.

އެގޮތުން މި އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ އެމްޑީޕީއާއި ޕީޕީއެމް އަދި ޖޭޕީ އަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ހަމަޖައްސާފައި ވަނީ އެމްޑީޕީއަށެވެ.