Roadha Mihaaru
ކަޝިޝް ވެސް ރާއްޖޭގައި

ޔޫއްޕެއާ އެކު ލަވައެއް ކުޅުނު ކަޝިޝް ވެސް ރާއްޖޭގައި

18 ފެބުރުއަރީ 2021

މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ކަހީ ތޯ ހޯގާ" ގައި ކަޝިޝްގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ އާމްނާ ޝަރީފް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ގެނެސްދިން މަގުބޫލު ސިލްސިލާ "ކަހީ ތޯ ހޯގާ" ގައި ކަޝިޝްގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ އާމްނާ ޝަރީފް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މިދިޔަ އަހަރު ސްޓާ ޕްލަަސް އިން ނިންމައިލި ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަންގައި ކޮމޯލިކާގެ ރޯލު ކުޅުނު ކަޝިޝް ޗުއްޓީ ހޭދަކުރަމުން އަންނަ ކަނޑިމަން ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ކަޝިޝް އަށް "ކަސޯޓީ" ގެ ނެގަޓިވް ރޯލުން ފުރުސަތު ލިބުނީ ކުރިން އެ ސިލްސިލާގައި ކޮމޯލިކާގެ ރޯލު ކުޅުނު ހީނާ ޚާން ފިލްމު ކުޅެން އެ ސިލްސިލާ ދޫކޮށްލުމުންނެވެ.

ކައިވެނިކޮށްގެން މިހާރު ފަސް އަހަރުގެ ފިރިހެން ދަރިޔަކު ވެސް ހުރި ކަޝިޝް، 38، އަކީ ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ބަތަލާއެކެވެ. މިހާރު ސަޕޯޓިން ރޯލްތަކުން ފެންނަ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 11 ގައި ރިލީޒްކުރާ ޖާންވީ ކަޕޫރްގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ.

ކަޝިޝް ކުޅުނު ފިލްމުތަކުގެ ތެރޭގައި "އޭކް ވިލަން" އާއި "އާއޯ ވިޝްކަރޭ" އަދި "އަލީ ޗާޓް" ހިމެނެ އެވެ.

ކަޝިޝް އަކީ އޭނާގެ ވިދުން އެންމެ ގަދަވި ދުވަސްވަރު ރާއްޖޭގެ ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާ އެކު ވެސް ވީޑިއޯ ލަވައެއް ކުޅުނު ބަތަލާ އެވެ. އެއީ ފިލްމު "ދެރިޔާ" ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ގެނެސްދިން ވީޑިއޯ ލަވަ އަލްބަމް "ވިދާ ތަރި" ގައި ހިމެނޭ ލަވަ "ލާމަސީލު ސޫރަ" އެވެ.

ހިންދީ ރާގަކަށް ކުރީގެ ލަވަކިޔުންތެރިޔާ ބާރީ ކިޔާފައިވާ ލަވައިގެ ވީޑިއޯ ޑައިރެކްޓްކުރީ އަބްދުލް ފައްތާހެވެ.

ކަޝިޝް މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު އިންޑިއާގެ ޓީވީ ބަތަލާ މީރާ ޑިއޯސްތާލޭ ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.