Roadha Mihaaru
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި

މުވައްޒަފުގެ މަރާ ގުޅިގެން ކަނޑިންމައިގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފި

09 ނޮވެމްބަރ 2020

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މައްސަލައިގައި އެ ރިސޯޓު ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީން ރޭ ހިފަހައްޓައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މައްސަލައިގައި އެ ރިސޯޓު ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީން ރޭ ހިފަހައްޓައިފި އެވެ.

ބަލިވެ އުޅޭތާ 10 ދުވަސް ފަހުން ހާލު ސީރިއަސްވުމުން ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ އާދަމް ނަސީރުގެ މަރާ ގުޅިގެން ކަނޑިންމަ ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނައިރު މިހާތަނަށް 60 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އާދަމް ނަސީރު، 60 ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވި ފަހުންނެވެ.

އިތުބާރު ހުރި ފަރާތްތަކުން މިއަދު ކަށަވަރުކޮށްދިން ގޮތުގައި، ޓޫރިޒަމް މިނިސްޓްރީން ހިފެހެއްޓީ ކޮވިޑުގެ ހާލަތުގައި ރިސޯޓުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ދޫކޮށްފައިވާ ހުއްދަ އެވެ. އެ ހުއްދަ ހިފަހެއްޓިކަން އަންގައި ރިސޯޓަށް ޓޫރިޒަމް މިނިސްޓްރީން މެއިލެއް ފޮނުވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މިކަން ޔަގީންކުރަން "މިހާރު"ން ރިސޯޓުގެ އިސް ބޭފުޅުންނަށް އެކި ފަހަރު މަތިން ގުޅައިގެން ސުވާލުކުރުމުން އެތަނުގެ އިސް ބޭފުޅަކު ވެސް ވަނީ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓިކަން ޔަގީން ކޮށްދެއްވައިފަ އެވެ.

"ޓޫރިޒަމުން ވަކި އެއްޗެއް އަންގަންދެން ވަގުތީ ގޮތުން ހުއްދަ ހިފެހެއްޓީ،" އޭނާ ވިދާޅުވި އެވެ.

ހުއްދަ ހިފެހެއްޓުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ގުޅުމުން އެކަން ޔަގީންކޮށް ނުދެއްވި އެވެ. ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެއްވެސް ވާހަކައެއް މީޑިއާއާ ހިއްސާ ނުކުރާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ދާއިރާގެ އެކި ފަރާތްތަކާ އެކު ހިންގާ މުއާމަލާތްތައް މީޑިއާ އަށް ހިއްސާ ނުކުރެއްވުމަކީ އެ މިނިސްޓްރީން ހިފަހައްޓާ އުސޫލެއް ކަމަށް ވިދާޅުވެ، ރިސޯޓުގެ އަމަލުތަކާ މެދު އެއްޗެއް ވިދާޅެއް ނުވި އެވެ.

އެކަމަކު މިހާތަނަށް ފެންނަން އޮތީ، ކޮވިޑުގެ ހާލަތުގައި ރިސޯޓްތަކުން އަމަލުކުރަން ޖެހޭ ގައިޑްލައިނާ އެ ރިސޯޓުން ޚިލާފުވެފައިވާ ކަމެވެ. މުވައްޒަފަކު ހުން އައިސްގެން ރިސޯޓުގެ ކްލިނިކަށް ދެއްކުމުން ވެސް އޭނާ އެކަހެރިއެއް ނުކުރެ އެވެ. މިއީ ގޯސްކޮށް ހިނގި ކަމެއް ކަމަށް "މިހާރު" އަށް ދިން އިންޓަވިއުގައި ރިސޯޓުން ވެސް އެއްބަސްވެ އެވެ.

ރިސޯޓުން ދެކޮޅު ހަދަނީ، މަރުވި މުވައްޒަފުގެ ފަރުވާ އަށް އިހުމާލުވި ކަމަށް ކުރާ ތުހުމަތަށެވެ. އާއިލާ އިން ބުނެފައިވާ ގޮތުގައި ބަލިވުމާ އެކު ފަރުވާ އަށް ފޮނުވައިދޭން އެދި އާދޭސްކުރުމުން ވެސް ރިސޯޓުން ވަނީ ފަރުވާ ކުޑަކޮށްފަ އެވެ. އެއީ، މާބޮޑު ކަމެއްގެ ގޮތުގައި ނުދެކުމުގެ ނަތީޖާ އަކީ ކޮވިޑުގައި އޭނާ މަރުވުމުން ކަމަށް އާއިލާ އިން ބުނެ އެވެ.

މި މައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކަނޑިންމައިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައި ރިސްކު މީހުން ވަނީ ކޮވިޑް ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ. ގިނަ މުވައްޒަފުން ކަރަންޓީންކޮށްފައި ވަނީ ރިސޯޓުގަ އެވެ.