Roadha Mihaaru
އީސީގެ ނައިބުރައީސް އަކްރަމަށް ފުރައްސާރައިގެ ތުހުމަތު

އީސީގެ ނައިބު ރައީސް އަކްރަމަށް ކުރާ ތުހުމަތުތަކެއް މަޖިލީހުން ބަލަނީ

10 ނޮވެމްބަރ 2020

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަަހުމަދު އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަނުގެ ބައެއް އަންހެން މުވައްޒަފުން ހުށަހެޅި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފި އެވެެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަަހުމަދު އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް، އެ ކޮމިޝަނުގެ ބައެއް އަންހެން މުވައްޒަފުން ހުށަހެޅި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފި އެވެެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ދެ ބައްދަލުވުމެއް މީޑިއާ އަށް ސިއްރު ކުރި އިރު އެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ބައްދަލުވުން ސިއްރުކުރަނީ "ޙައްސާސް މައްސަލައެއް" ކުރިއަށް ގެންދާތީ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ. އެ ދެ ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ އަކްރަމަށް ތުހުމަތުކޮށް އީސީގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލައެއް ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލައިގައި މިހާތަނަށް ކުރި މަސައްކަތަކީ ތުހުމަތުތައް މަޖިލީހަށް ހުށަހެޅި މުވައްޒަފުންނާ ސުވާލުކޮށް މައުލޫމާތު އެއްކުރުމެވެ. އެކަމާ ބެހޭ ގޮތުން އަކްރަމާ އަދި ސުވާލެއް ނުކުރެ އެވެ. ކޮމިޝަންގެ ބައެއް އަންހެން މުވައްޒަފުން އަކްރަމަށް ކުރަނީ "މިހާރު"އަށް މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި "ޖިންސީ ގޮތުން އެޕްރޯޗްކުރުމުގެ" ތުހުމަތުތަކެކެވެ. އެ މުވައްޒަފުން ކޮމިޓީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެކަމަކީ ކޮމިޝަންގެ ތެރޭގައި ސަގާފަތެއް ހެން އަށަގެންފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލަ އެކެވެ.

"އެހެން އެކަން ހިނގާތީ ކަންބޮޑުވުން ފާޅުކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވެސް އޮންނަ ކަމަށް އެ މުވައްޒަފުން ކޮމިޓީ އަށް މައުލޫމާތު ދީފައި އޮތީ،" މައުލޫމާތު އެނގިހުރި މީހަކު ބުންޏެވެ.

އަކްރަމަށް ތުހުމަތުކުރާ އެ މައްސަލަތައް ފުލުހުންނަށް އަދި ހުށަހަަޅާފައި ނުވާ ކަމަށާއި އީސީއަކީ މިނިވަން މުއައްސަސާއަކަށް ވާތީ މައްސަލަ ފުރަތަމަ ހުށަހެޅީ ކޮމިޓީ އަށް ކަމަށް ވެސް އޭނާ ބުންޏެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކުރީ މިދިޔަ މާޗް މަހު، މިހާރު އޮތް 19 ވަނަ ރައްޔިތުންްގެ މަޖިލީހުން ގިނަ މެމްބަރުންތަކެއްގެ ތާއީދާ އެކުގަ އެވެ. އޭނާ އަލުން އަޔަންކުރަން މަޖިލީހުގެ 77 މެމްބަރަކު ވޯޓު ދެއްވި އެވެ.