Roadha Mihaaru
ކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި

ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމެއް ހައި ކޯޓުން ދަމަހައްޓައިފި

12 ނޮވެމްބަރ 2020

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ އާއިލީ މީހަކު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ އާއިލީ މީހަކު 15 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ޖޫން، 2017 ގައި ބ. އަތޮޅުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކާ އާއިލީ ގޮތުން ގުޅުން އޮތް މީހަކު އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އޭނާ 15 އަހަރަށް ޖަލަށްލާން މެޖިސްޓްރޭޓް ކޯޓަކުން ހުކުމްކުރީ އޮކްޓޫބަރު، 2018 ގަ އެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ އެ މީހާ ހައްޔަރު ކުރުމުން ދަށު ކޯޓުގެ ބަންދު މުއްދަތު މަޖިލީހުގައި އޭނާ ކުށަށް އެއްބަސްވެފައިވާ ކަމަށާއި އަދިި އޭރު އަމަލު ކުރަމުންދިޔަ އުސޫލުގެ ދަށުން އެއީ އިއުތިރާފަކަށް ނުވިޔަސް، އެއީ އިތުބާރު ދެވޭނެ ގަރީނާއެއް ކަމަށެވެ. އޭރު އެގޮތަށް ވާހަކަ ދެއްކީ މަޖުބޫރުވެގެން ކަމަށް އެ މީހާގެ ފަރާތުން ބުންޏަސް، މަޖުބޫރުވި ގޮތެއް ބުނެ ނުދެވޭ ކަމަށާއި އަދި އޭނާގެ ބަޔާނާއި އަނިޔާލިބުނު ކުއްޖާ ކިޔައިދޭ ކިޔައިދިނުން ގުޅުވާލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އެ ހާދިސާ ހިނގި ކަމަށް ބުނާ ތަނުން ފެނުނު ފޮރެންސިކް ހެކިތަކާއި ދައުވާލިބޭ މީހާއާ ދިމާވާ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށާއި އަދިި ކުއްޖާ ބުނާ ބުނުމާއި ހެކިން ދީފައިވަ ހެކިބަހާއި ފޮރެންސިކް ހެކިތައް ދިމާވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައި ހުރި ކަމަށް ޑޮކްޓަރުންގެ ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށާއި އެ ރިޕޯޓްގައި ބުނާ ވާހަކަތަކާ ވެސް ކުއްޖާގެ ބަޔާނާއި ދިމާވާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.

ހައި ކޯޠުން އެގޮތަށް ހުކުމް ކުރިއިރު، ކްރިމިނަލް ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ އާއިލީ މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.